މޯލްޑިވްސް ޕޯސްޓް ލިމިޑެޓް (ޕޯސްޓް އޮފީސް)، އައިލެންޑް އޭވިއޭޝަން ސާރވިސަސް ލިމިޓެޑް ކުންފުނީގެ ދަށަށް ބަދަލުކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ހޯމަ ދުވަހު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ދެ ކުންފުނިކަމުގައިވާ އައިލެންޑް އޭވިއޭޝަން ސާރވިސަސް ލިމިޓެޑައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ހިއްސާގެ އޮނިގަނޑު ބަދަލުކޮށް، ޕޯސްޓް އޮފީސް، އައިލެންޑް އޭވިއޭޝަންގެ ސަބްސިޑިއަރީ ކުންފުންޏަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެގޮތުން ޕޯސްޓް އޮފީހުގެ ހިއްސާގެ 99 ޕަސެންޓް ހިއްސާ އައިލެންޑް އޭވިއޭޝަނަށް ބަދަލުކޮށް، އަދި ބާކީ 01 ޕަސެންޓް ހިއްސާ މޯލްޑިވްސް އެއާރޕޯސްޓްސް ކޮމްޕެނީ ލިމިޓެޑަށް ނިމިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު ބަދަލުކޮށްފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން ބޯޑުން ބުނެއެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުން ބުނީ ޕޯސްޓް އޮފީހުން ކުރަމުން ގެންދިޔަ މަސައްކަތްތަކާއި ގާނޫނީ ގޮތުން ލިބިފައިވާ ހައްގުތަކާއި އުފުލަންޖެހޭ އިލްތިޒާމްތަކާއި އަދި ކުންފުނީގެ އުފުލޭ މުދަލާއި ނުއުފުލޭ މުދާ އަދި ދަރަނި މިހާރު ބަދަލު ކުރެވިފައިވާ ހިއްސާގެ އޮނިގަނޑާ އެއްގޮތަށް ބަދަލުވެގެންދާނެ ކަމަށެވެ.