ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ބުނެ ދީލާލުމަކީ ގާނޫނުގެ މައްޗަށް ރައީސް އަބްދުﷲ ޔާމީން ހިތްޕުޅުވާ ގޮތް އިސްކުރުން ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަ ނުކުރެވޭނެ ކަމަށް ސަރުކާރުން ބުނަމުންދާއިރު، ސޯޝަލް މީޑިއާގައި އެކިއެކި ފަރާތްތަކުން ރައީސް ނަޝީދަށް ތާއީދުކޮށް ޝުއޫރު ފާޅުކުރަމުން ދަނިކޮށް، ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ކުރިމަތި ނުލެވެންވީ ސަބަބެއް ނެތް ކަމަށެވެ.
ދިޔާނާ ވިދާޅުވީ ރައީސް ނަޝީދަށް ކުރިމަތި ނުލެވޭނެ ކަމަށް ބުނެ، ދީލާލުމަކީ ގާނޫނުގެ މައްޗަށް ރައީސް ޔާމީން ހިތްޕުޅުވާ ގޮތް އިސްކުރުމަށް ދޫކޮށް، ގާނޫނުގެ ބާރުގެ މައްޗަށް ގޮށްމުށުގެ ބާރު އިސްކުރަން ދޫކޮށްލުން ކަމަށެވެ.
2018 vana aharuge riyaasee inthikhaabuga Raees Nasheed ah kurimathi nulevvenvee evves sababeh neiy; Nulevveyne kamah bune dheelaalumakee qaanoonuge macchah RY hiypulhaavaa goiy isskurumah dhookoh qaanoonuge baaruge macchah gohmushuge baaru isskuran dhookohlun.
— Dhiyana (@dhiyanasaid) June 4, 2018
ރައީސް ނަޝީދަކީ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ގައިދީއެއް ކަމަށް ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުގެ އިސްވެރިން ބުނަމުންދިޔަ ނަމަވެސް، ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު ކޯޓު އަމުރަށާއި ބައިނަލް އަގްވާމީ ޖަމްއިއްޔާ ޖަމާއަތްތަކުން ގޮވާލާ ގޮވާލުންތަކާ ކަމާ ގުޅުންހުރި ބައިނަލްއަގްވާމީ މުއާހަދާތަކަށް ރިއާޔަތްކޮށް، ރައީސް ނަޝީދަށް ރިޔާސީ އިންތިހާބަށް ކުރިމަތި ލެއްވޭނެ ކަމަށް ދިޔާނާ ވިދާޅުވެއެވެ.
ރައީސް ނަޝީދަށް ރިޔާސީ އިންތިހާބަށް ކުރިމަތި ނުލެވޭނެ ކަމަށް ސަރުކާރުން ބުނަމުން ދަނިކޮށް، ފުލުހުން މެދުވެރިކޮށް ސަރުކާރުން ކުރިމަތި ކުރި ހުރަސްތަކާއެކުގައި ވެސް އެމްޑީޕީން މުޅި ރާއްޖޭގައި ބޭއްވި، އެ ޕާޓީގެ ޕްރައިމަރީގައި 43،000 އަށްވުރެ ގިނަ މެމްބަރުން ވަނީ އެމަނިކުފާނަށް ވޯޓު ދެއްވާފައެވެ.
އެންމެ ބޮޑު ބަހުސަކަށް ވެފައި ވަނީ ރައީސް ނަޝީދަށް ކުރިމަތި ނުލެވޭނެ ކަމަށް ސަރުކާރުން ބުނަމުންދަނިކޮށް، އެމްޑީޕީގެ ރިޔާސީ ޓިކެޓް ނަޝީދަށް ދިނުމުން ދެން ވާނެ ގޮތަކާ މެދުގައެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނެރޭނީ އެއް ކެނޑިޑޭޓެއްތޯ، އަދި އެ ބޭފުޅަކީ ކޮން ބޭފުޅެއްތޯއެވެ.
އެމްޑީޕީން ޕްރައިމަރީއެއް ބާއްވައި، ރިޔާސީ ކެންޑިޑޭޓަކީ ނަޝީދު ކަމަށް ކަނޑައެޅުމުން އިލެކްޝަންސް ކޮމިޝަނުން ވަނީ އެމްޑީޕީގެ ނިންމުން ބަލައި ނުގަންނަން ނިންމައި، އެ ޕާޓީއާމެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ. ނަމަވެސް ޕްރައިމަރީއަކާ ނުލައި "ތަބަކަކަށް ލާފައި" ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމުން، އެ ކޮމިޝަނުން ވަނީ ޕީޕީއެމްގެ ނިންމުން ބަލައިގަންނަ ކަމަށް ބުނެފަ އެވެ.
ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އެޕާޓީގެ އެވަގުތަކު ހުންނަވާ ލީޑަރެވެ. އެހެންކަމުން ޖުމްހޫރީ ޕާޓީން ބުނަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ގާސީމް އިބްރާހީމް ކަމަށެވެ.