ކ. މާލެ
|
4 ޖޫން 2018 | ހޯމަ 09:56
މުޒާހަރާ ކުރި މީހުންވަނީ ޓެކްސްގެ ބިލް އަނބުރާ ފޮނުވާލުމަށް ގޮވާލާފައި
މުޒާހަރާ ކުރި މީހުންވަނީ ޓެކްސްގެ ބިލް އަނބުރާ ފޮނުވާލުމަށް ގޮވާލާފައި
އަލްޖަޒީރާ
އުރުދުންގެ މުޒާހަރާ
މުދަލުގެ އަގުބޮޑުވެގެން އުރުދުންގައި މުޒާހަރާކުރަނީ
މިއީ 5 އަހަރުގެ ތެރޭ ބޭއްވި މިފަދަ ފުރަތަމަ މުޒާހަރާ
ޓެކްސްގެ ބިލަށް އައިއެމްއެފް ތާއީދުކުރޭ
ވަޒީފާ ނެތް މީހުން އިތުރުވެ އާއްމު ކާބޯތަކެތީގެ އަގުވަނީ މަތިވެފައި

ތަކެތީގެ އަގު ބޮޑުވުމާއި ގުޅިގެން އުރުދުންގެ އެތައް ހާސް ބަޔަކު ވެރިރަށް އައްމާންގެ މަގުތަކުގައި މުޒާހަރާކުރަން ފަށައިފިއެވެ.

މެދުއިރުމަތީގައި އެންމެ ހަމަޖެހުން ބޮޑު އެއް ގައުމުކަމަށްވާ އުރުދުންގައި އާދީއްތަ ދުވަހުގެ ރެއަކީ ޖެހިޖެހިގެން މުޒާހަރާކުރި ހަތަރުވަނަ ރެއެވެ.

ކެބިނެޓް އޮފީސް ކައިރިއަށް އެއްވި ފަރާތްތަކުން ގޮވާލަމުންދިޔައީ ބޮޑުވަޒީރު ހަނީ މުލްކީ މަގާމުން ވަކިކުރުމަށް ކަމަށްވާއިރު އެމީހުން ބުނަމުންދިޔައީ އެމީހުން ރޫޅާލެވޭނީ މިދިޔަ މަހު ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ޓެކްސްގެ ބިލް އަނބުރާ ގެންދިއުމުން ކަމަށެވެ. އައިއެމްއެފްއިންވެސް އެ ބިލަކަށް ތާއީދުކުރާ އެ ބިލަކީ ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ދިރިއުޅުމުގެ ހާލަތު އިތުރަށް ގޯސްވެގެންދާނެ ބިލެކެވެ.

"ބިލް އަނބުރާ ގެންދަންދެން އަހަރެމެން މިތާ ތިބޭނަން....މިއީ ލަދެއްނެތް ސަރުކާރެއް" ވަރުގަދައަށް ފުލުހުން ގާޑުކޮށްފައި އޮތުމުން ސަރުކާރުގެ އޮފީސްތަކަށް ނުވަދެވި ތިބި، މުޒާހިރީން ގޮވަމުންގެންދިޔައެވެ.

"އަހެރެމެން ކުޑަކަކޫ ނުހަޖަހާނެ" ކަމަށް ލިޔެފައިވާ ބޯޑުތަކާއި އުރުދުންގެ ދިދަ ހިފައިގެން އާދީއްތަ ދުވަހުގެ ހެނދުނު މުޒާހަރާކުރި 3،000 އެއްހާ މީހުން އައްމާންގައި ހުންނަ ބޮޑުވަޒީރުގެ އޮފީސް ކައިރިއަށް އެއްވާން މަސައްކަތްކުރުމުން ސަލާމަތީ ބާރުތަކުންވަނީ އެމީހުން ފައްސާލާފައެވެ.

މުޒާހަރާތައް ވަރުގަދަ ވެފައިވަނީ ޓްރޭޑް ޔޫނިއަންތަކުގެ ގޮވާލުމަށް އެތައް ސަތޭކަ ބަޔަކު ބުދަ ދުވަހުން ފެށިގެން މަގުތަކަށްނުކުމެ ވެރިރަށް އައްމާންއާއި އެހެނިހެން ސިޓީތަކުގައި ސަރުކާރު ވައްޓާލަން ގޮވާލަން ފެށުމުންނެވެ.

"ކޮންމެ ދުވަހަކު އަހަރެމެންނަށް މިދަނީ ތަކެތީގެ އަގު ބޮޑުވުމާއި އާ ޓެކްސްތަކާއި ކުރިމަތިވަމުން އަދި އަންހެނުން އެމީހުންގެ ކުދިންނަށް ދޭނެ ކާނާ ހޯދަން ގޮނޑު ހޮވަން ފަށައިފި" މުޒާހަރާގެ ބައިވެރިޔަކު ބުންޏެވެ.

ބޭންކްގައި މަސައްކަތްކުރާ އުމުރުން 28 އަހަރުގެ މުހައްމަދު ޝަލަބިއްޔާ ބުނީ މުޒާހަރާ ކުރާ ފަރާތްތަކުން "ސަރުކާރަށް ދަންނަވަން ބޭނުންވަނީ މި ބާވަތުގެ ގާނޫނުތައް ރައްޔިތުންގތެ އާމްދަނީއަށް ނުފެތޭކަން އަދި އަހަރެމެންނަށް މުޒާހަރާކުރުމުގެ ހައްގު އޮތްކަން" ކަމަށެވެ.

އުރުދުންގެ ރަސްމީ ނޫސް އޭޖެންސީ ޕެޓްރާއިން ބުނެފައިވާގޮތުގައި އާދީއްތަ ދުވަހު މުޒާހަރާތައް ހުއްޓާލިތާ ގަޑިއިރުތަކެއްގެ ތެރޭގައި ސެނޭޓްގެ ބައްދަލުވުމެއް ބާއްވައި ހުށަހަޅާފައިވާ ބިލާއިމެދުވަނީ މަޝްވަރާކޮށްފައެވެ.

ސެނޭޓްގެ ރައީސް ފައިސަލް އަލް ފާއިޒް ވިދާޅުވެފައިވަނީ ބިލާއިމެދު ގައުމީ ފެންވަރެއްގައި މަޝްވަރާކުރަންޖެހޭކަމަށެވެ.

އޭނާ ވިދާޅުވީ އިގްތިސާދީ ގޮންޖެހުންތަކާއި މުޖުތަމައުގެ އެކި ފަންތީގެ ފަރާތްތަކުގެ ތެރެއިން އަންނަ ޕްރެޝަރ ސަރުކާރުން ބެލެންސް ކުރަން ޖެހޭކަމަށެވެ. ނަމަވެސް އޭނާވަނީ ހަމަނުޖެހުން ހިނގިޔަ ނުދީ ހަމަނުޖެހުން އުފައްދާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންދިއުމަށް ގޮވާލައްވާފައެވެ.

ވަޒީފާ އަދާ ވަކިވަކި ފަރުދުންގެ އާމްދަނީން މަދުވެގެން ފަސް ޕަސެންޓް އަދި ކުންފުނި ތަކުން 20 ޕަސެންޓާއި 40 ޕަސެންޓާއި ދެމެދުގެ އަދަދެއް ޓެކްސްގެ ގޮތުގައި ނެގުމަށް އަމާޒުކޮށް ސަރުކާރުން މިދިޔަ މަހުވަނީ ގާނޫނުހަދާ މަޖިލީހަށް ބިލެއް ހުށަހަޅާފައެވެ.

މިއީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން 2016 ވަނަ އަހަރު 723 މިލިއަން ޑޮލަރު، ތިން އަހަރުގެ ކްރެޑިޓް ލައިނެއްގެ ގޮތުގައި އެގައުމަށް ދިނުމަށް ނިންމިފަހުން އިގްތިސާދީ އިސްލާހީ ފިޔަވަޅުތަކުގެ ސިލްސިލާގެ ދަށުން އެންމެ ފަހުން އެގައުމުން ނިންމާފައިވާ ނިންމުމެވެ.

މި އަހަރު ފެށުނު ފަހުން ފަސް ފަހަރެއްގެ މަތިން ފަސް ފަހަރެއްގެ މަތިން ތެލުގެ އަގު ބޮޑުވެ ފެބްރުއަރީ މަހުގެ ފަހުން ކަރަންޓް ބިލް 55 ޕަސެންޓްވަނީ ބޮޑުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް