ކުރިއަށް އޮތް ރިޔާސީ އިންތިހާބަށްފަހު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މައްޗަށް ބޮޑެތި ދައުވާތައް އުފުލި، ޖަލަށްލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، އެމްޑީޕީގެ ތަރުޖަމާންކަންވެސް ކުރައްވާ އިންތި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "އިންތިހާބަށްފަހު ޔަޤީނުންވެސް ޔާމީން އަބްދުލްޤައްޔޫމް ނުހުންނާނެ" ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ހުރިހާ މެމްބަރުންގެ މައްޗަށް ބޮޑެތި ދައުވާތައް އުފުލި، ޖަލަށްލެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ޖަލްސާއެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ބައިވެރިވެވަޑައިގެންނެވި ފޮޓޯއަކާއެކު ކުރެއްވި އެ ޓުވީޓްގައި އިންތި ވަނީ އެމްޑީޕީގެ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނަމޭ ބުނަނީ ފޮޓޯއިން ފެންނަން ހުރި ވަކިއަތަކަށްނުޖެހޭ މީހާތޯ ސުވާލުކުރައްވާފަ އެވެ.
MDP ge faraaiythaka medhu fiyavalhu alhaanamey mi bunanee mi photo in fennan huri vaki athakah nujehey meena tha?
— Imthiyaz Fahmy (@Imthiyazfahmy) June 3, 2018
Inthihaabah fahu hama yaqeenun ves YAG nuhunnaane. EC ge huriha memberun ge mahchah bodethi dhauva thah ufuli, jalah leveyne! @ElectionsMv pic.twitter.com/wYOjdabCHx
އިންތި އެގޮތަށް ވިދާޅުވިއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅު ހިމަނައިގެން، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާފައިވާތީ، އެ ޕްރައިމަރީ ބޭއްވުމުގައި އިސްކޮށް އުޅުނު މީހުންނާމެދު ފިޔަވަޅު އަޅައިދޭން ފުލުސް އޮފީހުގައި އެދެން އިލެކްޝަންސް ކޮމިޝަން ވަނީ ނިންމައިފަ އެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި އެމްޑީޕީ ޕްރައިމަރީގައި 43،000 ވުރެ ގިނަ އެމްޑީޕީގެ އާންމު މެމްބަރުން ވޯޓާއެކު، އެ ޕާޓީގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކާމިޔާބުކުރައްވާފައެވެ. އެ ޕްރައިމަރީ ހުއްޓުވުމަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ނުކުމެ، ވޯޓު ފޮށިތައް ގެންދިޔަ ނަމަވެސް، ޕްރައިމަރީ ހުއްޓުވިފައެއް ނުވެއެވެ.