ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ، އަދުލްއިންސާފު ގާއިމު ކުރަން ހުރަސްއެޅުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ޕާރސަނަލް ސެކިއުރިޓީ ޓީމުގައި ހަރަކާތްތެރިވާ މުހައްމަދު އަޒުމީ އާއި އެމަނިކުފާނުގެ އޮފީހުގައި މަސައްކަތް ކުރާ ނަޖުމާ އިބްރާހިމްގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް ހޯމަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.
މިއަޑު އެހުން ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވަނީ ހޯމަ ދުވަހުގެ 11:00 އަށެވެ.
މިމައްސަލައާއި ގުޅިގެން އެންމެފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ އަޑުއެހުން ނިންމާލަނިކޮށް، އަޒުމީއާއި ނަޖުމާގެ ގާނޫނީ ވަކީލުން ވަނީ އެ ދެ މީހުންގެ ބަންދުން މިނިވަން ކޮށްދިނުމަށް، ނުވަތަ ބަންދުން މިނިވަން ކޮށްދެވެންނެތްނަމަ ބަންދަށް ލުޔެއް ދިނުމާ ގުޅޭގޮތުން ވާހަކަ ދައްކާލަން ބޭނުންވާ ކަމަށް ގާޒީއަށް ދަންނަވާފައެވެ.
ނަމަވެސް ގާޒީ ވިދާޅުވީ އެދުވަހު އިތުރު އެހެން ޝަރީއަތްތަކެއް ގާޒީ އަށާއި ދައުލަތުގެ ވަކީލުންނަށް ކުރިއަށް އޮތުމުން އެއަޑުއެހުން ނިންމާލެއްވުމަށްފަހު، ބަންދާމެދު ވާހަކަ ދެއްކުމަށް އިތުރު އަޑުއެހުމެއް ބާއްވާ ދެއްވާނެ ކަމަށެވެ. އެހެންކަމުން ހޯމަ ދުވަހު ބާއްވާ މި އަޑުއެހުމަކީ ބަންދާމެދު ވާހަކަ ދެއްކުމަށް ބާއްވާ އަޑުއެހުމެއް ކަމަށް ބެލެވެއެވެ.
މިދިއަ ބުރާސްފަތި ދުވަހުގެ އެ އަޑުއެހުން ނިންމާލާފައި ވަނީ ވެސް ދައުވާއާއި ގުޅިގެން ދިފާއީ ވަކީލުން ބޭނުންވާ ބައެއް ލިޔެކިޔުންތައް ހަމަ ކުރުމަށާއި ދައުވާއަށް ޖަވާބުދާރީ ވުމަށް އިތުރު އަޑުއެހުމެއް ފަސް ދުވަސް ފަހުން ބާއްވާނެ ކަމަށް މިމައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް އިއުލާން ކުރެއްވުމަށްފަހުގަ އެވެ.
ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި އެންމެބޮޑަށް ވާހަކަ ދެކެވިފައިވަނީ ޝަރީއަތަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކާމެދުގަ އެވެ. އެގޮތުން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ ދައުވާ އުފުލާފައިވާ ފަރާތްތަކުގެ މައްޗަށް ކޮށްފައިވާ ދައުވާއާއި ގުޅިގެން ރާއްޖެއިން ހޯދި ކަމަށް ބުނާ އެންމެ މުހިއްމު ހެކި ކަމަށްވާ "ކަޅު ފޮއްޓާ" ގުޅޭ 64 ސޮފްހާގެ ބަޔާން ޝަރީއަތަށް ހުށަހަޅާފައި ނުވާކަން އެދުވަހު ވަނީ އެނގިފަ އެވެ.
އެ މައްސަލައާ ގުޅޭ ލިޔެކިޔުންތައް ހަމައަށް ލިބިފައިވޭތޯ ކަށަވަރު ކުރުމަށްޓައި ގާޒީ އެއްސެވުމުން ދިފާއީ ވަކީލުން ވަނީ ދައުލަތުން ސިއްރު ނުކުރާ ބައެއް ބަޔާންތައް ނެތް ކަމަށް ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ފުލުހުން ދީފައިވާ ބައެއް ބަޔާންތައް ފާހަގަ ކުރެވެއެވެ. އެވާހަކަތަކާއި ގުޅިގެން ގާޒީ ވިދާޅުވީ ޝަރީއަތަށް އެބަޔާންތައް ލިބިފައިވާކަމަށާއި ނަމަވެސް ބަޔާންތައް ދީފައިވާ މީހުންގެ ރައްކާތެރިކަމަށްޓަކައި އެމީހުންގެ މައުލޫމާތު އުނިކުރުމަށް ފަހު އެ ބަޔާންތައް ފޯރުކޮށްދެއްވާނެ ކަމަށެވެ.
ދިފާއީ ވަކީލުން ދެން ވިދާޅުވެފައި ވަނީ ދައުލަތުން ސިއްރުކޮށްފައިވާ ހެކީގެ ތެރޭގައި ހިމެނޭ ނަޖުމާ ދިރިއުޅޭ މ. ވިސްޓީރިޔާ ގެއިން ފުލުހުން ހޯދި "ކަޅު ފޮށްޓާ" ގުޅޭގޮތުން ފުލުހުންގެ ތަހުގީގުން ތައްޔާރު ކޮށްފައިވާ 64 ސޮފްހާގެ ބަޔާން ޝަރީއަތަށް ލިބިފައިވޭތޯ ސާފުކުރަން ބޭނުންވާ ކަމަށެވެ. ދިފާއީ ވަކީލުން ވިދާޅުވީ އެލިޔުމަކީ ސިއްރު ލިޔުމެއްގެ ގޮތުގައި ޝަރީއަތަށް ހުށަހަޅާ ލިޔުމެއްކަމަށް ދައުލަތުން ބުނެފައިވާތީ، އެލިޔުމަކީ މި ޝަރީއަތުގެ އެންމެ މުހިއްމު ހެކި ކަމަށް ވާތީ އެލިޔުން ޝަރީއަތަށް ހުށަހަޅާފައިވޭތޯ ސާފު ކުރަން ބޭނުންވާ ކަމަށެވެ.
ވަރަށް ގިނަ ވަގުތު ލިޔެކިޔުންތައް ބެލުމަށް ފަހު، އަދި އިދާރީ ގޮތުން ބަލަން ހުރި ބެލުންތައް ބެލުމަށް ފަހު ގާޒީ ވިދާޅުވީ އެ ރިޕޯޓް ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ދައުލަތަށް ވެސް ކޯޓަށް އެލިޔުން ހުށަހެޅިކަން ކަށަވަރުކޮށް ނުދެވުނު ކަމަށެވެ.
ދައުލަތުގެ ވަކީލު ވިދާޅުވެފައިވަނީ 64 ސޮފްހާގެ އެރިޕޯޓް ކޯޓަށް ހުށަހެޅިފައި ނުވަނީ އިދާރީ އޮޅުމަކުން ކަމަށާއި އެހެންނަމަވެސް އެރިޕޯޓް ހިމެނޭކަން ޝަރީއަތަށް ހުށަހެޅި ފޯމާއި ލިޔެކިޔުންތަކުން އެނގޭނެ ކަމަށެވެ.
ރައްދުގައި ދިފާއީ ވަކީލުން ވިދާޅުވެފައިވަނީ އެ ރިޕޯޓް ހިމެނޭކަން ދައުވާއާ ގުޅޭ ލިޔެކިޔުންތަކުން އެނގުނު ނަމަވެސް އެ ރިޕޯޓް ކޯޓަށް ހުށަހެޅުނީ ނޫން ކަަމަށާއި ރިޕޯޓް ހުށަހެޅި ކަމަށް ވާނީ ރިޕޯޓްގައި ބުނާ 64 ސޮފްހާގެ އެ ރިޕޯޓް ކޯޓަށް ހުށަހެޅުމުން ކަމަށެވެ.
ދައުލަތުން މީހެއްގެ މައްޗަށް ދައުވާކުރާއިރު، ދައުވާ ފޯމާއެކު ދައުވާ ސާބިތު ކުރަން ބޭނުންވާ ހުރިހާ ބަޔާންތަކާއި ލިޔެކިތުންތައް ކޯޓަށް ހުށަހަޅަންޖެހޭ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާން ކުރާ ކަމަށް ވެސް ދިފާއީ ވަކީލުން ވަނީ ފާހަގަ ކުރައްވާފަ އެވެ.
މީގެއިތުރުން ދިފާއީ ވަކީލުން ވިދާޅުވެފައިވަނީ އެކަމަށް ޝަރީއަތުން ގޮތެއް ނިންމަވާދެއްވުން އެދޭ ކަމަށެވެ. ގާޒީ ވިދާޅުވެފައިވަނީ އެ ރިޕޯޓް ދައުލަތުން ކޯޓަށް ހުށަހެޅުމަށް ފުރުސަތު ދިން ނަމަވެސް އެ ކަމާގުޅޭގޮތުން ދެ ފަރާތަށް ވެސް އިތުރަށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި ގޮތެއް ނިންމާނީ އޭގެ ފަހުން ކަމަށެވެ. އަދި އިބްތިދާއީ އަޑުއެހުންތައް ނިންމާ ޝަރީއަތް ފެށުމުގެ ކުރިން އެކަމަށް ގޮތެއް ނިންމާނެ ކަމަށް ވެސް ގާޒީ ވިދާޅުވެފައި ވެއެވެ.
މައްސަލަ މިހާ ހިސާބަށް ގޮސްފައިވާއިރު މިހާރު އަޑުފެތުރިފައިވަނީ މި މައްސަލަ ބައްލަވާ ގާޒީ އެހެން ކޯޓަކަށް ބަދަލު ކުރަން އުޅޭ ވާހަކަތަކެވެ. ނަމަވެސް މިކަން އަދި ކަށަވަރު ކުރެވޭ ގޮތެއް ނުވެއެވެ.