ކ. މާލެ
|
3 ޖޫން 2018 | އާދީއްތަ 19:36
އަދީބު ކޯޓަށް ހާޒިރު ކުރުމަށް ފަހު ދޫނިދޫއަށް ގެންދަނީ (ފައިލް ފޮޓޯ)
އަދީބު ކޯޓަށް ހާޒިރު ކުރުމަށް ފަހު ދޫނިދޫއަށް ގެންދަނީ (ފައިލް ފޮޓޯ)
މުހައްމަދު ޝަރުހާން
ކުރީގެ ނައިބު ރައީސް އަދީބު
ކޯޓުން އަމުރު ކުރުމުން ވެސް ވަކީލުންނަށް އަދީބާ ބައްދަލު ކުރެވޭ ގޮތެއް ނުވި!
މިދިއަ ބުދަ ދުވަހުގެ އަޑުއެހުމުގައި ގާޒީ ވަނީ ވަކީލުންގެ ބައްދަލުވުން ހަމަޖައްސާ ދެއްވުމަށް ކަރެކްޝަނަށް އަންގަވާނެ ކަމަށް ވިދާޅުވެފައި
ކޯޓުން އެންގުމުންވެސް އަދީބަށް ވަކީލުންނާ ބައްދަލު ކުރެވޭގޮތެއް ނުވި ކަމަށް ވަކީލު ވިދާޅުވި
އެމްއެމްޕީއާރުސީގެ 58 ރަށުގެ ތެރެއިން 10 ރަށެއްގެ މައްސަލަ ކޯޓުގައި ދަނީ ކުރިއަށް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާނޫނީ ވަކީލުންގެ ބައްދަލުވުން ހަމަޖައްސާ ދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއަށް ކްރިމިނަލް ކޯޓުން އެންގުމުން ވެސް އެކަން ހަމަޖައްސާދީފައި ނުވާކަމަށް އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.

ސިރާޖު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދީބުގެ ވަކީލުންގެ ބައްދަލުވުން ހަމަޖައްސާ ދިނުމަށް ކްރިމިނަލް ކޯޓުން ކަރެކްޝަންސްއަށް އަމުރު ކުރުމުން ވެސް އަދީބުގެ ވަކީލުންގެ ބައްދަލުވުން ހަމަޖައްސާދިނުމަށް ކަރެކްޝަންސްއިން ދެކޮޅު ހަދާފައިވާ ކަމަށެވެ. އަދި ވަކީލުންގެ ބައްދަލުވުން ލިބޭނެ ދުވަހެއް ނޭނގޭކަމަށް ވެސް ސިރާޖު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

 

މިދިއަ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ 10 ދައުވާއަކާ ގުޅިގެން އެދައުވާތަކަށް ޖަވާބު ދާރީވުމަށް އިތުރު ފުރުސަތު ދެއްވާފަ އެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އަދީބުގެ މައްޗަށް އުފުލާފައިވާ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ 10 ދައުވާއަކާ ގުޅިގެން އެދައުވާތަކަށް ޖަވާބު ދާރީވުމަށް އިތުރު ފުރުސަތު ޝަރީއަތުން ދެއްވާފައި ވަނީ އެދައުވާތަކަށް ޖަވާބުދާރީވުމަށް އެއްގޮތަކަށް ވެސް ތައްޔާރުވެވިފައި ނުވާ ކަމަށް އަދީބުގެ ގަނޫނީ ވަކީލު ސިރާޖު ވިދާޅުވުމާއި ގުޅިގެންނެވެ.

ސިރާޖު ވިދާޅުވެފައިވަނީ އަދީބާއި ބައްދަލު ނުވާތާ މަހެއްހާ ދުވަސް ވަނީ ކަމަށާއި މިމަހުގެ 08 ވަނަ ދުވަހުން ފެށިގެން އަދީބާ ބައްދަލު ކުރެވޭގޮތް ނުވާ ކަމަށެވެ. މިމަހުގެ 03 ވަނަ ދުވަހުން ފެށިގެން އަދީބު މާފުށީ ޖަލުން ދޫނިދޫ ޖަލަށް ބަދަލުކޮށްފައިވާ ކަމަށާއި އަދީބާ ބައްދަލުކުރަން އެދުމުން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން އެކިއެކި ބަހަނާ ދައްކައި އަދީބާ މެދު ތަފާތުކޮށް އަމަލު ކުރަމުންދާ ކަަމެވެ. 

ސިރާޖް ވިދާޅުވެފައިވަނީ، އަދީބަށް ވަކީލުންގެ ބައްދަލުވުން ހަމަޖައްސައިދެވޭނީ ކޯޓުގައި މައްސަލަ ރެޖިސްޓްރީ ކުރިކަމުގެ ލިޔުމާއި، ވަކީލު އައްޔަނުވެފައިވާ ކަމުގެ ލިޔުން ހުށަހެޅުމުން ކަމަށް ކަރެކްޝަންސްއިން އަންގާފައިވާ ކަމަށެވެ.

ސިރާޖު ވިދާޅުވެފައިވަނީ، ކޯޓުގައި މައްސަލަ ރެޖިސްޓްރީ ކުރިކަމުގެ ލިޔުމާއި، ވަކީލު އައްޔަނުވެފައިވާ ކަމުގެ ލިޔުމަކީ ކްރިމިނަލް ކޯޓުން އެއްވެސް އިރެއްގައި ދީއުޅޭ ލިޔުމެއް ނޫން ކަމަށެވެ. ނަމަވެސް ކަރެކްޝަނުން އެގޮތަށް އެދުމުން އެ ލިޔުންތައް ހޯދުމަށް ކްރިމިނަލް ކޯޓަށް ސިޓީއަކުން ހުށަހަޅާފައިވާ ކަމަށް ވެސް ސިރާޖު ވިދާޅުވި އެވެ. އަދި އެލިޔުންތައް ލިބުމުން ކަރެކްޝަނަށް ހުށަހަޅާނެ ކަމަށް ވެސް ސިރާޖު ވިދާޅުވި އެވެ.

ސިރާޖުގެ އެވާހަކަތަކާއި ގުޅިގެން ދައުލަތުގެ ގާނޫނީ ވަކީލު ވިދާޅުވެފައިވަނީ އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތާ ވަސީލަތްތައް ލިބެންޖެހޭނެ ކަމަށާއި އެހެންކަމުން ދައުލަތުން އެކަމަށް އިއުތިރާޒު ނުކުރާ ކަމަށެވެ. 

މިމައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް ވިދާޅުވެފައިވަނީ ދައުވާއަށް ޖަވާބުދާރީ ވުމަށާއި ދައުވާއިން ދިފާއުވުމަށް އެކަށީގެންވާ ފުރުސަތު ކޮންމެ މީހަކަށް  ވެސް ލިބެންޖެހޭ ކަމަށާއި އަދި އަދީބަށް އިތުރު ފުރުސަތެއް ދިނުމަށް ދައުލަތުން ވެސް އިއުތިރާޒު ކުރާތީ އިތުރު 10 ދުވަހުގެ ފުރުސަތެއް ދެއްވާ ކަމަށެވެ. 

މީގެއިތުރުން ގާޒީ އާދަމް އާރިފް ވިދާޅުވެފައިވަނީ މި ދައުވާތަކާއި ގުޅިގެން އަދީބަށް ގާނޫނީ ވަކީލުންނާ ބައްދަލު ކުރެވޭނެ ގޮތް ހެއްދެވުމަށް ކަމާބެހޭ ފަރާތްތަކަށް ކޯޓުން އަންގާނެ ކަމަށާއި ދެން ބޭއްވޭ އަޑުއެހުމުގެ ކުރިން އެންމެ މަދުވެގެން ވަކީލުންގެ ދެ ބައްދަލުވުން ބޭއްވޭނެ ގޮތް ހައްދަވާ ދެއްވޭނެ ގޮތް ހަމަޖައްސާ ދެއްވުމަށް ކަރެކްޝަނަލް ސާރވިސްއަށް އަންގަވާނެ ކަމަށް ވެސް ގާޒީ ވިދާޅުވެފައި ވެއެވެ.

އަދީބުގެ މައްޗަށް އެ ދައުވާތައް ކޮށްފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރި 58 ރަށުގެ ތެރެއިން 10 ރަށެއްގެ މައްސަލައިގައެވެ. އަދީބުގެ މައްޗަށް ދައުވާކޮށްފައި ވަނީ ކޮންމެ ރަށެއް ވަކިވަކިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް