ކ. މާލެ
|
3 ޖޫން 2018 | އާދީއްތަ 19:30
ފުލުހުންނާއި ސިފައިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ފުލުހުންނާއި ސިފައިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މުހައްމަދު ޝަރުހާން
ފަރަށް އުރުނު ބޯޓު
ފަރަށް އުރުނު ބޯޓުން 115 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފައި:ޕޮލިސް
ބޯޓުގައި ތިބީ 8 މީހުން
ބޯޓު ރޯކޮށްލަން އުޅުމުގެ ތެރޭގައި މީހަކަށް އަނިޔާވި
މިއީ ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަމަކަށް ނުބެލެވޭ

މިދިޔަ ބުރާސްފަތި ދުވަހު ހއ. އިންނަފިނޮޅު ފަރަށް އުރުނީ އީރާނު ބޯޓެއް ކަމަށާއި މިހާތަނަށް އެބޯޓުން  115 ކިލޯގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އާދީއްތަ ދުވަހު ސިފައިންނާއި ފުލުހުން ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ، މިހާތަނަށް ރަށްރަށަށް ލެއްގި ތަކެތީގެ އަދަދަށް ބަލާއިރު 14 ބާވަތެއްގެ މަސްތުވާތަކެތި ހިމެނޭގޮތަށް 115 ކިލޯ ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

"އެރޭ އުލިގަމުން ގުޅާފައި ރިޕޯޓްކުރީ  15.8 ކިލޯގެ 14 އައިޓަމްގެ މަސްތުވާތަކެތި ފެނުނުކަމަށް. 1 ޖޫންގައި މޮޅަދޫއިން ރިޕޯޓް ކުރީ 300 ގްރާމް މަސްތުވާތަކެތި ފެނުނު ކަމަށް.2 ޖޫން އިހަވަންދޫއިން 380 ގްރާމް ފެނުނު ކަމަށް ރިޕޯޓް ކުރި. އަދި އޭގެ ފަހުން ދެ ފަޅުރަށަކުން 4.2 ކިލޯގެ މަސްތުވާތަކެތި ފެނިފައިވޭ. އަނދާފައި ހުރީމާ ސީދާ މަސްތުވާތަކެތި ހުރިވަރެއް ނޭނގޭ. މިހާތަނަށް 115 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފައި." ޝިފާން ވިދާޅުވިއެވެ.  

ޝިފާން ވިދާޅުވީ އެބޯޓުގައި  ތިބީ ޕާކިސްތާނު މީހަކާއި  އީރާނުގެ 7 މީހުން ކަމަށާއި އެ އެންމެންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. އަދި ބޯޓުގައި ރޯކޮށްލަން އުޅުމުގެ ތެރޭގައި އޭގެތެރެއިން އެކަކަށް އަނިޔާވެފައިވާކަމަށް ޝިފާން ވިދާޅުވިއެވެ.

ފުލުހުންނަށް ބޯޓެއް އުރިފައިވާކަމުގެ މައުލޫމާތު ލިބުނީ އެދުވަހު 9:20 ހާއިރު ކަމަށާއި ބޯޓް ކައިރިއަށް ފުލުހުންނަށް ދެވުނީ އެދުވަހު ހެނދުނު 10:45 ގައި ކަމަށެވެ. ފުލުހުން ދިޔައިރު ބޯޓުގައި އަނދަމުންދާ ކަމަށާއި އަލިފާން ނިވުނީ 11:10 ގައި ކަމަށް ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ މިހާތަނަށް ތަހުގީގަށް އެނގުނު މައުލޫމާތައް ބަލާއިރު މިއީ ސީދާ ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތިކަމަށް ނުބެލެވޭކަމަށާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާއިބެހޭ އިދާރާތަކާ ގުޅިގެން މިކަން ބަލަމުންދާ ކަމަށެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް