ކ. މާލެ
|
3 ޖޫން 2018 | އާދީއްތަ 15:20
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު:- އޭނާގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ދައުލަތުން ވަނީ ދޮގުހަދައިފައި
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު:- އޭނާގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ދައުލަތުން ވަނީ ދޮގުހަދައިފައި
މުހައްމަދު ޝަރުހާން
ކްރިމިނަލް ކޯޓް
ޓުވީޓެއް ކޮށްގެން މަހްލޫފަށް ކުރާ ދައުވާއާ ގުޅޭ ގޮތުން ދައުލަތުން ކޯޓުގައި ހެދީ ދޮގު
ދައުލަތުން ބުނަނީ މަހްލޫފު ޓުވީޓް ކުރެއްވީ އަބްދުﷲ ރަޝީދުގެ މަރުގެ ކުރިން ކަމަށް
އަބްދުﷲ ރަޝީދު މަރުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު
ދައުވާ ކުރަނީ މިދިޔަ ޖެނުއަރީ މަހު ކުރެއްވި ޓުވީޓަކާ ގުޅިގެން

މާފުށީ ޖަލުގައި މީހުން މަރަނީ ކަމަށް ބުނެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ޓުވީޓް ކުރެއްވީ ޖަލު ހުކުމް ތަންފީޒު ކުރަމުންދަނިކޮށް މަރުވި އަބްދުﷲ ރަޝީދު މަރުގެ ކުރިން ކަމަށް ބުނެ ދައުލަތުގެ ވަކީލު ކްރިމިނަލް ކޯޓުގައި "ދޮގު"ހަދައިފި އެވެ.

ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާ މަހްލޫފުގެ މައްޗަށް އުފުލާފައިވަނީ މިދިޔަ ޖެނުއަރީ 20 ވަނަ ދުވަހުގެ ރޭ ކުރެއްވި ޓުވީޓާ ގުޅިގެންނެވެ. މި މައްސަލައިގައި އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ސީނިއާ ޕްބަލިކް ޕްރޮސެކިއުޓަރ ޝުކޫރުﷲ ޝަކީރު ވިދާޅުވީ އެ ޓުވީޓް މަހްލޫފު ކުރައްވާފައި ވަނީ ޖަލު ހުކުމް ތަންފީޒު ކުރަމުން ދިޔަ އަބްދުﷲ ރަޝީދު މަރުވުގެ ކުރިން ކަމަށެވެ. ދައުލަތުގެ ވަކީލު އެހެން ވިދާޅުވީ ޖަލުތަކުގައި ބޭސް ފަރުވާ ހަމަ ނުޖެހިގެން އިހްމާލުން މަރުވެފައިވާ މީހުންގެ ވާހަކަ ފާހަގަ ކުރައްވަމުން އަބްދުﷲ ރަޝީދުގެ ވާހަކަ މަހްލޫފު ފާހަގަ ކުރެއްވުން އޭނާއަށް ދެއްވި ރައްދުގަ އެވެ.

ނަމަވެސް މިދިޔަ ޖެނުއަރީ 20 ވަނަ ދުވަހުގެ ރޭ މަހްލޫފު އެ ޓުވީޓު ކުރައްވާފައިވާއިރު ޖަލު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް އަބްދުﷲ ރަޝީދު މަރުވެފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހު އެވެ.  

ޖަލުގައި ގޮތް ނޭނގި މީހުން މަރުވަމުން ދާތީ ކަންބޮޑުވުން ފާޅު ކުރައްވައި ކުރެއްވި ޓުވީޓަކީ އަބްދުއްރަޝީދުގެ މަރުގެ ކުރިން ކުރައްވާފައިވާ ޓުވީޓެއް ކަމަށް ދައުލަތުން ވިދާޅުވުމަކީ ދޮގެއް ކަމަށް ފާހަގަ ކުރައްވައި، މަހްލޫފުވެސް ވިދާޅުވީ އޭނާ އެ ޓުވީޓް ކުރައްވާފައިވަނީ ވެސް އަބްދުﷲ ރަޝީދުގެ މަރާ ގުޅިގެން އައި ރުޅިވެރިކަމެއްގައި ކަމަށެވެ. އަދި އެއީ އޭނާގެ ދާއިރާގެ ރައްޔިތަކަށްވާއިރު އެ ޓުވީޓް ކޮށްފައިވަނީ ވެސް ސީދާ އަބްދުﷲ ރަޝީދުގެ މަރާ ގުޅިގެން ކަމަށް މަހްލޫފު ވިދާޅުވި އެވެ.  

ނަމަވެސް ދައުލަތުން އެކަން ސާފު ކުރުމަށް ފަހު ވެސް މަހްލޫފު ޓުވީޓް ކުރައްވާފައިވާ ޓުވީޓާ ގުޅޭ ގޮތުން ދެއްކި ވާހަކައާ ގުޅިގެން މާފަށް އެދި، އެކަން އިސްލާހް ކޮށްފައި ވެސް ނުވެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް