ސައުދީ އަރަބިއްޔާއަށް ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން، އަނެއްކާ ވެސް ކެބިނެޓަށް ބަދަލުތަކެއް ގެނެސްފައިވާކަން ހާމަކޮށްފިއެވެ.
ހޮނިހިރު ދުވަހު ގެނައި މި ބަދަލަކީ 2017 ވަނަ އަހަރުގެ ޖޫން މަހު، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު ބިން ސަލްމާން ސައުދީގެ ވަލީއަހުދުކަމަށް އައްޔަން ކުރެވުނު ފަހުން ކެބިނެޓަށް ބޮޑު ބަދަލެއް ގެނެވުނު ދެވަނަ ފަހަރެވެ.
ވަލީ އަހުދު ގެންދަވަނީ ސައުދީގެ ބޮޑުވަޒީރުގެ ނައިބުކަމުގެ މަގާމު ވެސް ފުރުއްވަމުންނެވެ.
ސައުދީގެ ދައުލަތުގެ މީޑިއާ، ސައުދީ ޕްރެސް އޭޖެންސީއިން ހޮނިހިރު ދުވަހު އާއްމުކޮށްފައިވާ ގޮތުގައި ޝާހީ ގަރާރުގައި ވާގޮތުން ކަލްޗަރ މިނިސްޓްރީގެ ނަމުގައި ވުޒާރާއެއް ވަނީ ގާއިމްކޮށްފައެވެ.
އެ މިނިސްޓްރީ ހިންގެވުން ހަވާލުކުރައްވާފައިވަނީ ލިއޮނާޑޯ ޑާވިންޗީ އީސާގެފާނުކަމަށް ބުނެ ކުރަހާފައިވާ ކުރެހުމެއް ބައްލަވައިގެންނެވި ކަމަށް ބުނެވޭ ސައުދީގެ ޕްރިންސްއެވެ.
ޕްރިންސް ބަދުރް ބިން އަބްދުﷲ ބިން މުހައްމަދު ބިން ފަރްހާން އަލްސައުދް އަކީ 'ސެލްވެޓޯރ މުންޑީ' ނުވަތަ 'ސޭވިއާ އޮފް ދަ ވާރލްޑް' ގެ ނަމުން ނަންދީފައިވާ، ޑާވިންޗީގެ ކުރެހުން ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 450 މިލިއަން އެމެރިކާ ޑޮލަރަށް މިދިޔަ އަހަރު ބައްލަވައިގެންނެވި ކަމަށް ނިއުޔޯކް ޓައިމްސްއިން ރިޕޯޓް ކުރެވުނު ފަރާތެވެ.
ވޯލްސްޓްރީޓް ޖާނަލްއިން ފަހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެކުރެހުން ބައްލަވައިގަތުމަށް ޕްރިންސް ބަދްރު މަސައްކަތް ކުރައްވާފައިވަނީ މުހައްމަދު ބިން ސަލްމާންގެ ފަރާތްޕުޅުންނެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދާރުލް އާސާރު، ލޫވް އަބޫދާބީން ބުނެފައިވާ ގޮތުގައި އެ ކުރެހުން ގަނެފައިވަނީ އެ ގައުމުން ކަމަށާއި އެ ދާރުލް އާސާރުގައި އެ ކުރެހުން ބަހައްޓާނެއެވެ.
އަލަށް އުފެއްދި ޖެނެރަލް ކަލްޗަރަލް އޮތޯރިޓީއަށް ވެސް އޭޕްރީލް މަހު އައްޔަންކުރެވުނު ޕްރިންސް ބަދުރު ގެންދަވަނީ އިސް އެތައް މަގާމުތަކެއް ފުރުއްވަމުންނެވެ. އޭގެ ތެރޭގައި އެ ގައުމުގެ އުތުރުގައި ތާރީޚީ ޓޫރިޒަމް ޑެސްޓިނޭޝަނެއް ގާއިމް ކުރުމަށް އުފައްދާފައިވާ ކޮމިޝަނުގެ ގަވަރުނަރުކަމާއި ސައުދީ ރިސަރޗް އެންޑް މާކެޓިންގ ގްރޫޕްގެ ޗެއަރމަންކަން ހިމެނެއެވެ.
ސައުދީގައި އިންފޮމޭޝަން މިނިސްޓްރީއާއި ކަލްޗަރ އޮތީ އެތައް އަހަރު ތަކެއްވަންދެން އެއްކޮށްލެވިފައެވެ.