އިންޑިއާގެ ޝިމްލާގައި ފެނުގެ ދަތިކަން ކުރިމަތިވެފައިވާތީ ހޯމަ ދުވަހުން ފެށިގެން ފަސް ދުވަހަށް ސަރުކަރުގެ ސްކޫލްތައް ބަންދުކުރުމަށް އެ ސްޓޭޓްގެ ސަރުކާރުން ނިންމައިފިއެވެ. ޝިމްލާގައި ވޭތުވެ ދިޔަ 15 ދުވަހު ފެނުގެ ދަތިކަން ތަހައްމަލް ކުރަންޖެހި އެތައް ސަރަހައްދެއްގައި މުޒާހަރާތައްވެސް ކުރަމުންދެއެވެ.
ހަފްތާއެއްހާ ދުވަހަށް ސްކޫލްތައް ބަންދުކުރާއިރު ޖުލައިމަހުގެ ތެރޭގައި ދެވޭ ކުރު ޗުއްޓީގައި މިފަހަރު ސްކޫލްތައް ބަންދު ނުވާނެ ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
ދުވާލެއްގެ މައްޗަށް އެ ސިޓީއަށް ފޯރުކޮށްދޭ ފެނުގެ މިންވަރު ހޮނިހިރު ދުވަހު އިތުރުކޮށްދިނުމުން ފެނުގެ ދަތިކަމަށް ކުޑަލުޔެއް ލިބުނު ނަމަވެސް މައްސަލައަށް ހައްލު ލިބިފައެއް ނުވެއެވެ. ކުރިން ދުވާލަކު 22.5 މިލިއަން ލީޓަރުގެ ފެން ފޯރުކޮށްދިނުމަށްފަހު ހޮނިހިރު ދުވަހުވަނީ ފެން ފޯރުކޮށްދޭ މިންވަރު އިތުރުކޮށް 28 މިލިއަން ލީޓަރުގެ ފެން ފޯރުކޮށްދީފައެވެ.
އެ ސިޓީއަށް ދުވާލަކަށް 32 އާއި 35 މިލިއަން ލީޓަރާއި ދެމެދުގެ ފެން ބޭނުންވެއެވެ.
ފެން ފޯރުކޮށްދިނުމުގައި އިހުމާލުވެފައިވާކަމުގެ ތުހުމަތުގައި އިމިގޭޝަން އެންޑް ޕަބްލިކް ހެލްތު މިނިސްޓަރ މަހިންދަރ ސިންގހު ވަނީ ޝިމްލާ މުނިސިޕަލް ކައުންސިލް ސަސްޕެންޑްކުރަން އަމުރު ކުރައްވާފައެވެ.
އާއްމުން ގެންދަނީ ޝިމްލާގެ މޭޔަރާއި، ޑެޕިއުޓީ މޭޔަރ އަދި މުނިސިޕަލް ކޮމިޝަނަރ އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ.