އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުމުން، ލ. ފޮނަދޫ އެސްޓީއޯ ފިހާރައިގެ ވަޒީފާއިން ވަކިކުރި މުވައްޒަފަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގުޅުއްވައި ހިތްވަރު ދެއްވައިފިއެވެ.
ފޮނަދޫ އެސްޓީއޯ ފިހާރައިގައި މަސައްކަތް ކުރާ އިބްރާހިމް މުހައްމަދު ވަޒީފާއިން ވަކިކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭގައެވެ. އެސްޓީއޯގައި ވަޒީފާ އަދާކުރަމުންދާތާ 10 އަހަރުވެފައިވާ އިބްރާހިމް ވަޒީފާއިން ވަކިކުރީ އެ ކުންފުނި ބަދުނާމުވާ ގޮތަށް އަމަލުތައް ބަހެއްޓިކަމުގެ ތުހުމަތުގައެވެ.
އިބްރާހިމްގެ ގާނޫނީ ވަކީލު މޫސާ ސިރާޖު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ހޮނިހިރު ދުވަހު އިބްރާހިމަށް ރައީސް ނަޝީދު ގުޅުއްވައި އިސްލާހީ މަސައްކަތުގައި ދެމިހުންނެވީތީ ޝުކުރު އަދާކޮށް، ހިތްވަރު ވެސް ދެއްވާފައިވާ ކަމަށެވެ
ފޮނަދޫ އިން ރާއްޖެއެއްވީއަށް މައުލޫމާތު ދިން މީހާކު ބުނީ އިބްރާހިމަކީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ ބައެއް ސިޔާސަތުތަކަށް ފާޅުގައި ފާނޑުކިޔާ، އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވަމުން އަންނަ މީހެއް ކަމަށެވެ. އެގޮތުން އޭނާ ވަޒީފާއިން ވަކި ކުރި މައިގަނޑު ސަބަބަކީ އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވަން ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް އިބްރާހިމް ފާޅުގައި އެ ވޯޓްގައި ބައިވެރިވެ، އެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނިކޮށް ކަމަށް އޭނާ ބުންޏެއެވެ.
އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ފުލުހުންނަށް ހުރަސް އެޅި ކަމުގެ ތުހުމަތަށް ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ވަނީ ހައްޔަރު ވެސް ކޮށްފައެވެ.