ކ. މާލެ
|
3 ޖޫން 2018 | އާދީއްތަ 08:30
ރަޒާންގެ ޖަނާޒާގައި އޭނާގެ ބައްޕަ އޭނާގެ ލެއިން ތަތްތެޅިފައިވާ ޖެކެޓް ހިފައިގެން
ރަޒާންގެ ޖަނާޒާގައި އޭނާގެ ބައްޕަ އޭނާގެ ލެއިން ތަތްތެޅިފައިވާ ޖެކެޓް ހިފައިގެން
އޭއެފްޕީ
ފަލަސްތީން - އިސްރާއީލް
ރަޒާންގެ ޖަނާޒާއަށް އޭނާގެ ބައްޕަ ދިޔައީ އޭނާގެ ލެއިން ތަތްތެޅިފައިވާ ޖެކެޓް ހިފައިގެން!
ރަޒާން ޝަހީދުކޮށްލާފައިވަނީ އަނިޔާވެފައިވާ މީހަކަށް އެހީވުމަށް ދުވެފައިދަނިކޮށް
މިމައްސަލަ ބަލާނެކަމަށް އިސްރާއީލުން ބުނި
ސިއްހީ ފަރުވާދޭ މީހުންނަށް ހަމަލާދިނުމަކީ ހަނގުރާމައިގެ ޖަރީމާއެއް

ހުކުރު ދުވަހު އިސްރާއީލުގެ ސްނައިޕަރަކު ދިން ބަޑީގެ ހަމަލާއެއްގައި މަރުވި ފަލަސްތީނުގެ ނަރުހެއް ކަމަށްވާ 21 އަހަރުގެ ރަޒާން އަލްޖަރްގެ ޖަނާޒާގައި ފަލަސްތީނުގެ އެތައް ހާސް ރައްޔިތުންނެއް ބައިވެރިވެއްޖެއެވެ.

ރަޒާން ޝަހީދުކޮށްލާފައިވަނީ އިސްރާއީލާއި ޣައްޒާ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ފަލަސްތީނުގެ އާއްމުންނާއި އިސްރާއީލް ސިފައިންނާއި ކުރިމަތިލަމުން ދަނިކޮށް، އަނިޔާވާ ފަލަސްތީނުގެ މީހުންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދެމުންދަނިކޮށެވެ. އަަދި އޭނާގެ ގަޔަށް ބަޑި ޖަހާފައިވަނީ ސަރަހައްދީ އިމުގެ ކައިރީގައި ވެއްޓިފައި އޮތް މީހަކަށް އެހީވުމަށް، އަމާން ދިނުމުގެ ގޮތުން އަތް މައްޗަށް ނަަގައިގެން ދުވެފައި ދަނިކޮށް ކަމަށް ރިޕޯޓްތައް ބުނެއެވެ. މިމައްސަލަ ތަހުޤީޤުކުރާނެ ކަމަށް އިސްރާއީލް އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. 

މިދިޔަ ހުކުރު ދުވަހަކީ ހުއްޓުމެއް ނެތި ކޮންމެ ހުކުރު ދުވަހަކު ޣައްޒާއާއި އިސްރާއީލް ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައި އިހްތިޖާޖްކުރާ ފަލަސްތީނުގެ އާއްމުންނާއި ދެކޮޅަށް ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުން އިސްރާއީލުން ކުރާތާ 10 ވަނަ ހުކުރެވެ. ކޮންމެ ހުކުރު ދުވަހަކު ވެސް އިސްރާއީލް ސިފައިންގެ ހަމަލާތަކުގައި އަނިޔާވާ މީހުންނަށް އެހީވުމަށް އެތަނަށް ގޮސް ރަޒާން ހުރެއެވެ. ފަލަސްތީނުގެ ރައްޔިތުން ގޮވަމުންދަނީ އިސްރާއީލުން ވެރިވެގެންފައިވާ އެމީހުންގެ ގެދޮރަށް އަނބުރާ ދިޔުމުގެ ހައްޤު ދިނުމަށެވެ. 

ރަޒާންގެ ހަށިގަނޑު ވަޅުލަން ގެންދަނީ

ހޮނިހިރު ދުވަހު ރަޒާންގެ މައްޗަށް ކަށުނަމާދުކޮށް އޭނާ ވަޅުލާފައިވާއިރު، އޭނާގެ ޖަނާޒާގައި ޣައްޒާގެ މަގުތަކުގައި ހަށިގަނޑު ގެންދިޔައީ ފަލަަސްތީނުގެ ދިދައެއް އޮޅާލައިގެންނެވެ. އަދި ރަޒާންގެ ބައްޕަ ޖަނާޒާގައި ބައިވެރިވީ އިސްރާއީލް ސިފައިން ރަޒާން ޝަހީދުކޮށްލިއިރު އޭނާ ލައިގެން ހުރި ޖެކެޓް ހިފައިގެންނެވެ. އެޖެކެޓް އޮތީ ލެއިން ތަތްތެޅިފައެވެ. 

ރަޒާންގެ ޖަނާޒާގައި އެތައް ހާސް އާއްމުންނާއިއެކު، އޭނާއާއިއެކު މަސައްކަތްކުރާ ސިއްހީ އޮފިޝަލުން ގިނަ އަދަދަކަށް ބައިވެރިވިއެވެ.

ފަލަސްތީނުގެ މެޑިކަލް ރިލީފް ސޮސައިޓީއިން ނެރުނު ބަޔާނެއްގައި ވަނީ ރަޒާންއަށް އިސްރާއީލް ސިފައިން ހަމަލާ ދީފައިވަނީ ހުކުރު ދުވަހު ޚާން ޔޫނިސްގައި އިސްރާއީލާއި ޣައްޒާ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އަނިޔާވާ މީހުންނަށް އެހީވަމުން ދަނިކޮށް ކަމަށެވެ. އަދި ސިއްހީ އެހީ ފޯރުކޮށްދޭ މީހުންނަށް ހަމަލާ ދިނުމަކީ ޖެނީވާ މުޢާހަދާގެ ދަށުން ހަނގުރާމައިގެ ޖަރީމާއެއްކަން އެޖަމާޢަތުން ވަނީ ފާހަގަ ކޮށްފައެވެ. 

މިޙާދިސާއާއި ގުޅިގެން ބައިނަލްއަޤްވާމީ މުޖްތަމައުން ވަނީ އިސްރާއީލުން ބާރުގެ ބޭނުންކުރުމުގައި ޙާލަތާއި ބައްދަލު ބާރުގެ ބޭނުންކުރުމަށް އަނެއްކާވެސް ގޮވާލާފައެވެ. 

އިސްރާއީލް ސިފައިންގެ ހަމަލާއެއްގައި ޒަޚަމްވި މީހަކަށް ފަރުވާ ދިނުމުގައި ރަޒާން ހަރަކާތްތެރިވަނީ

މިޙާދިސާ ތަހުޤީޤު ކުރަމުންދާކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އިސްރާއީލުން ބުނީ އެމީހުން ހަމަލާދެމުން ދަނީ ސަރަހައްދީ ރޮނގު ހުރަސްކޮށް އިސްރާއީލަށް ވަނުމަށް މަސައްކަތްކުރާ މީހުންނަށް ކަމަށާއި، ސަރަހައްދީ ރޮނގު ކައިރީގައި އާއްމުން ނުރައްކަލަށް ހުށަހަޅަނީ ޙަމާސްއިން ކަމަށެވެ. ފަލަސްތީނުގެ ހުޅަނގު އައްސޭރި ފަލަސްތީނުގެ މައި ސަރުކާރުން ކޮންޓްރޯލް ކުރިނަމަވެސް، ޣައްޒާ ކޮންޓްރޯލް ކުރަނީ ޙަމާސް ޖަމާޢަތުންނެވެ. 

ރަޒާންގެ ޖަނާޒާ ނިމުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މުޖާހިދުން ވަނީ ޣައްޒާ ތެރެއިން އިސްރާއީލަށް 2 ރޮކެޓް ފޮނުވާލާފައެވެ. އަދި ރައްދުގައި ޣައްޒާގެ 2 ސަރަހައްދަކަށް އިސްރާއީލުން ވަނީ ބޮން އަޅާފައެވެ. 

ފަލަސްތީނުގެ ޙާލަތު ދަށްވަމުން ދާތީ ބައިނަލްއަޤްވާމީ ރެޑްކްރޮސް ޖަމާއަތުން ވަނީ ފަލަސްތީނުގައި ސިއްހީ އެހީ ދިނުމަށް ސަރޖިކަލް 2 ޓީމް ފޮނުވާނެ ކަމަށް ބުނެފައެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް