ކ. މާލެ
|
3 ޖޫން 2018 | އާދީއްތަ 08:35
އެމެރިކާގެ ޤަރާރު ސަލާމަތީ މަޖިލީހަށް ހުށަހެޅުއްވުމަށް ނިކީ ހޭލީ ތައްޔާރުވެވަޑައިގަންނަވަނީ
އެމެރިކާގެ ޤަރާރު ސަލާމަތީ މަޖިލީހަށް ހުށަހެޅުއްވުމަށް ނިކީ ހޭލީ ތައްޔާރުވެވަޑައިގަންނަވަނީ
އޭއެފްޕީ
ސަލާމަތީ މަޖިލިސް
ސަލާމަތީ މަޖިލީހުގައި އެމެރިކާ ލަދުގަަންނުވާލައިފި
ފަލަސްތީނު ރައްޔިތުންގެ ދިފާޢުގައި ކުވައިތުން ހުށަހެޅި ޤަރާރު ބޭރުކޮށްލީ އެމެރިކާއިން ވީޓޯކޮށްގެން
ބަދަލުގައި އެމެރިކާއިން ހުށަހެޅި ޤަރާރަށް ވޯޓުދިނީ އެމެރިކާ އެކަނި
ފަހުގެ ތާރީޚެއްގައި އެންމެ ވޯޓެއް ލިބުނު ޤަރާރެއް، މިނޫނީ، ސަލާމަތީ މަޖިލީހަށް ހުށަހެޅިފައެއް ނެތް

ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުންގެ ޙިމާޔަތުގައި ކުވައިތުން އދގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު ވީޓޯކުރުމަށްފަހު އެމެރިކާއިން އަމިއްލައަށް ހުށަހެޅި ޤަރާރަށް ވޯޓު ދޭނެ ޤައުމެއް ނުވިއެވެ. 

ސަލާމަތީ މަޖިލީހަށް ކުވައިތުން ހުށަހެޅި ގަރާރަށް ވޯޓު ދީފައިވަނީ 15 މެމްބަރު ޤައުމު ހިމެނޭ ސަލާމަތީ މަޖިލީހުގެ 10 ޤައުމުންނެވެ. އޭގެ ތެރޭގައި ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންގެ ތެރެއިން ރަޝިޔާ އަދި ފަރަންސޭސި ވިލާތް ހިމެނެއެވެ. އިނގިރޭސި ވިލާތް، ޕޮލެންޑް، ނެދަލެންޑްސް އަދި އިތިއޯޕިއާއިން މިވޯޓުގައި ބައިވެރިވެފައި ނުވާއިރު، ކުވައިތުގެ ގަރާރާއި ދެކޮޅަށް ވޯޓުދީ، ވީޓޯކުރީ ހަމައެކަނި އެމެރިކާއިންނެވެ. 

ކުވައިތުން ސަލާމަތީ މަޖިލީހުގެ ވޯޓާއި ހިސާބަށް ގަރާރު ފޮނުވީ އެމެރިކާއިން ހިތްހަމަނުޖެހިގެން ތިން ފަހަރަށް އިސްލާހުކުރުމަށްފަހުއެވެ. އެންމެ ފުރަތަމަ ހުށަހެޅި ގަރާރުގައި ފަލަސްތީނުގެ ރައްޔިތުންނަށް ބައިނަލްއަޤްވާމީ މުޖްތަމައުން ހިމާޔަތް ދިނުމަށް ހުށަހަޅާފައިވެއެވެ. އެހެން ނަމަވެސް އެންމެފަހުން ހުށަހަޅައި، ވޯޓަށް އެހި ގަރާރުގައިވަނީ ޔަހޫދީން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް ހިމާޔަތާއި ރައްކާތެރިކަން ލިބޭތޯ ކަށަވަރުކުރުމަށް ކުރެވެން ހުރި ކަމެއް ކުރުމަށެވެ. ކުވައިތުގެ ގަރާރަށް ބައެއް ގައުމުތަކުން ވޯޓު ނުދީ ވޯޓުގައި ބައިވެރިނުވީ އެގަރާރުގައި ހަމާސްގެ އަމަލުތައް ކުށްވެރިކޮށް އެކަށީގެންވާ ޕޮއިންޓެއް ބަޔާންކޮށްފައި ނެތަތީކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. އެމެރިކާއަށް ޤަބޫލުކުރަން ފަސޭހަ ގޮތަކަށް ގަރާރު ހުށަހެޅުމުންވެސް އެމެރިކާއިން ގަރާރު ވީޓޯކުރުމާއި ގުޅިގެން ގަރާރު ޖެހުނީ ބޭރުކުރާށެވެ. ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރު ގައުމުތަކަކީ ވީޓޯކުރުމުގެ ބާރު ލިބިފައިވާ ގައުމުތަކެކެވެ. 

ސަލަމަތީ މަޖިލީހުގައި އެމެރިކާގެ ސަފީރު ނިކީ ހޭލީ ވިދާޅުވީ އެގަރާރަކީ ވަކި ފަރާތަކަށް ޖެހިފައިވާ ގަރާރެއްކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާގެ ޒިންމާ ނަގަން ޖެހޭނީ ގައްޒާ ކޮންޓްރޯލް ކުރަމުންދާ ހަމާސް ޖަމާޢަތުންކަމަށެވެ. 

ކުވައިތުން ހުށަހެޅި ޤަރާރު ވީޓޯކުރުމަށްފަހު ޙަމާސް ކުށްވެރިކޮށް އެމެރިކާއިން ސަލާމަތީ މަޖިލީހަށް އަނެއްކާވެސް ޤަރާރެއް ހުށަހެޅިއެވެ. އެހެން ނަމަވެސް ސަލާމަތީ މަޖިލީހުގެ 11 މެމްބަރު ޤައުމަކުން މިވޯޓުގައި ބައިވެރި ނުވިއިރު، ތިން ގައުމަކުން ވޯޓާއި ދެކޮޅަށް ވޯޓު ދިނެވެ. ޤަރާރާއި އެއްކޮޅަށް ދިނީ އެމެރިކާއިން އަމިއްލައަށެވެ. މިޤަރާރުގައި އެމެރިކާއިން ގޮވާލާފައިވަނީ ގައްޒާގައި ހަމާސްއިން ހިންގާ ހުރިހާ ހަރަކާތެއް ހުއްޓާލުމަށެވެ. 

ސަލާމަތީ މަޖިލީހުގައި ފަލަސްތީނާއި ގުޅޭ ގަރާރުތައް ހުށަހެޅެމުންދަނީ ހިފާފައިވާ ބިންތަކުގައި އިސްރާއީލް ސިފައިންނާއި ފަލަސްތީނުގެ އާއްމުންނާއި ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންދާތީއެވެ. ހަފްތާތަކެއް ވެފައިވާ މިހަމަނުޖެހުންތަކުގައި ފަލަސްތީނުގެ ޒުވާނުން ދަނީ އިސްރާއީލުގެ ސަރަހައްދީ އިމުގެ ކައިރިއަށް އެއްވެ، އޮށްގަލުން އިސްރާއީލް ސިފައިންނަށް ހަމަލާދެމުންނެވެ. ރައްދުގައި ޔަހޫދީ ސިފައިން ދަނީ ލައިވް ވަޒަން ބޭނުންކޮށްގެން ފަލަސްތީނުގެ ރައްޔިތުންގެ ގަޔަށް ބަޑި ޖަހަމުންނެވެ. މި ހަމަލާތަކުގައި ވޭތުވެދިޔަ ހަފްތާތަކުގައި ފަަލަސްތީނުގެ 120 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ނޫސްވެރިންނާއި ޒަޚަމްވާ މީހުންނަށް ފަރުވާދެމުން ދިޔަ ސިއްހީ އޮފިޝަލުން ހިމެނެއެވެ. 

ސަލަމާތީ މަޖިލީހުގައި ހިނގަމުންދާ ކަންކަމުގެ ސަބަބުން މިމައްސަލައަށް ޑިޕްލޮމެޓިކް ހައްލެއް ނެތްކަން ހާމަވާކަމަށް މުހައްލިލުން ފާހަގަކުރެއެވެ. އެމެރިކާއިން ގަދަބަސް ބުނެ، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް އިސްރާއިލަށް ވާގިވެރިވަމުންދާއިރު، ބައިނަލްއަޤްވާމީ މުޖްތަމައަށް ކުރެވޭ މާބޮޑު ކަމެއް ނެތެވެ. އެހެން ނަމަވެސް ހަފްތާ ބަންދުގައި ސަލާމަތީ މަޖިލީހަށް އެމެރިކާއިން ހުށަހެޅި ގަރާރަށް އެމެރިކާގެ އަމިއްލަ ވޯޓު ފިޔަވައި އެހެން ވޯޓެއް ނުލިބުމުން މިއީ ޑިޕްލޮމެޓިކް ގޮތުން އެމެރިކާއަށް ކުރިމަތިވި ލަދެއްކަމަށް ގިނަ ފަރާތްތަކުން ފާހަގަކުރެއެވެ. ޚާއްސަކޮށް ފަހުގެ ތާރީޚެއްގައި ސަލާމަތީ މަޖިލީހަށް ހުށަހެޅުނު ޤަރާރަކަށް އެންމެ ވޯޓެއް ލިބުނު ގަރާރެއް ނޫނީ ނެތެވެ. 

ފަލަސްތީނުގެ ރައްޔިތުންގެ ހިމާޔަތުގައި ކުވައިތުން ހުށަހެޅި ގަރާރު އެމެރިކާއިން ވީޓޯކުރުމާއި ގުޅިގެން އެޤައުމަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް