ކ. މާލެ
|
3 ޖޫން 2018 | އާދީއްތަ 02:21
އުތުރު ކޮރެއާ - އެމެރިކާ ސަމިޓަށް މުޅި ދުނިޔޭގެ ނަޒަރު ވަނީ ހުއްޓިފައި
އުތުރު ކޮރެއާ - އެމެރިކާ ސަމިޓަށް މުޅި ދުނިޔޭގެ ނަޒަރު ވަނީ ހުއްޓިފައި
ގޫގުލް
އުތުރު ކޮރެއާ - އެމެރިކާ
ޓްރަމްޕް - ކިމް ސަމިޓްގައި ކިމްގެ ހޮޓާ ބިލް ދައްކާނެ ގޮތަކާ މެދު މަޝްވަރާ ކުރަނީ!
އެމެރިކާ އިން އެދެނީ ސިންގަޕޫރުން ބިލް ދައްކަން
ކިމް ހުންނަވަން ބޭނުންފުޅުވާ ހޮޓަލުން ރެޔަކަށް ހަ ހާސް ޑޮލަރު ޗާޖު ކުރޭ
ކިމް ދަތުރު ކުރައްވާނެ ބޯޓެއް ހަމަޖެއްސުމުގެ މަޝްވަރާ ވެސް ދަނީ ކުރެވެމުން

މުޅި ދުނިޔެ އިންތިޒާރު ކުރަމުން އަންނަ އުތުރު ކޮރެޔާގެ ލީޑަރު ކިމް އާއި އެމެރިކާގެ ރައީސް ޓްރަމްޕްގެ ސަމިޓުގައި އުތުރު ކޮރެއާގެ ރައީސް ކިމް ހުންނަވާ ހޮޓަލުގެ ބިލް ދައްކާނީ ކޮން ފަރާތަކުންތޯ މަޝްވަރާ ކުރެވެމުންދާ ކަމަށް ވޮޝިންގޓަން ޕޯސްޓާ ހަވާލާދީ ސީ.އެން.އެން އިން ބުނެފިއެވެ.

ސީ.އެން.އެން އިން ބުނެފައިވަނީ މި ކަމުގައި ހެދޭނެ ގޮތަކާ މެދު ބައްދަލުވުމުގެ އިންތިޒާމް ތަކުގައި މަސައްކަތް ކުރާ އެމެރިކާގެ އޮފިޝަލުން މަޝްވަރާތައް ކުރިއަށް ގެންދާ ކަމުގެ ސައްހަ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ކެންސަލް ވެއްޖެ ކަމަށް އެމެރިކާގެ ރައީސް ކުރިން އިއުލާން ކުރެއްވި މި ސަމިޓް އޮންނާނީ މި ޖޫން މަހުގެ 12 ވަނަ ދުވަހު ސިންގަޕޫރުގައި ކަމަށް ފަހުން ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ވޮޝިންޓަން ޕޯސްޓުގައި ހުކުރު ދުވަހު ބުނެފައިވަނީ، ދަތިކުރުމުގެ ފިޔަވަޅު ތަކުގެ ސަބަބުން އުތުރު ކޮރެއާގެ އިގްތިސާދު ހީނަރުވެފައި ވުމާއެކު އެ ގައުމުގެ ރައީސް އާއި އަރިހުގައި ވަޑައިގަންނަވާ ވަފްދުގެ ހޮޓާ ބިލް އެހެން ކޮންމެވެސް ފަރާތަކުން ދައްކައި ދިނުމަށް އުތުރު ކޮރެއާއިން އެދިފައިވާ ކަމަށެވެ.

ވޮޝިންގޓަން ޕޯސްޓްގައި ބުނެފައިވަނީ ކިމް ހުންނަވަން ބޭނުންފުޅު ވަނީ ސިންގަޕޫރުގެ އަގުބޮޑު ހޮޓަލެއް ކަމުގައިވާ ފުލަރޓަން ގައެވެ. ފަސް ތަރީގެ މި ހޮޓަލަކީ ޕްރެޒިޑެންޝަލް ސުއިޓަކަށް ރެޔަކަށް ހަ ހާސް އެމެރިކާ ޑޮލަރު ޗާޖު ކުރާ ހޮޓަލެކެވެ.

ވޮޝިންޓަން ޕޯސްޓްގައި ބުނެފައިވަނީ އެމެރިކާ ސަރުކާރަށް އެ ބިލް ދެއްކުމުގައި މައްސަލައެއް ނެތް ކަމަށް އޮފިޝަލުން ބުނެފައިވަ ކަމަށާއި ނަމަވެސް އެމެރިކާ އިން ބޭނުންވަނީ ބައްދަލުވުން ބާއްވާ ގައުމު ކަމުގައިވާ ސިންގަޕޫރުން ބިލާ ހަވާލު ވުމަށް ކަމުގައެވެ.

އަނެއް ކޮޅުން އިންޓަނޭޝަނަލް ކެމްޕޭން ޓު އެބޮލިޝް ނިއުކްލިއަރ ވެޕަންސް (އައިކޭން) އިން ވަނީ ބިލާ ހަވާލު ވުމަށް ތައްޔާރަށް ތިބި ކަމަށް ބުނެފައެވެ. އެ ޖަމްއިއްޔާ އަށް ހުސްވި އަހަރު ލިބުނު ނޮބެލް ސުލްހައިގެ އިނާމާ އެކު ދިން 1.1 މިލިއަން ޑޮލަރުން، ނިއުކްލިއަރ ނުރައްކަލުން ސަލާމަތް ވުމަށް ބޭއްވޭ މިފަދަ މުހިންމު ކަމަކަށް ޚަރަދު ކުރަން ތައްޔާރަށް ތިބި ކަމަށް ވަނީ ބުނެފައެވެ.

ބައްދަލުވުމަށް ވަޑައިގެން ސިންގަޕޫރުގައި ޓްރަމްޕް ހުންނަވާނީ ޝަންގްރިއްލާ ގައި ކަމަށްވެސް ވޮޝިންގޓަން ޕޯސްޓުގައި ބުނެފައިވެއެވެ.

ކިމްގެ ހޮޓާ ބިލްގެ އިތުރުން އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގަންނަވާނެ ބޯޓުގެ އިންތިޒާމްތަކުގެ މަޝްވަރާވެސް ދަނީ ކުރިއަށް ކަމަށް ވޮޝިންޓަން ޕޯސްޓުގައި ބުނެފައިވެއެވެ.

މި ދެބޭފުޅުންގެ ސަމިޓް އޮންނާނީ ސިންގަޕޫރުގެ އެކަހެރި ސަރަހައްދެއްގައި ހުންނަ ކަޕެއްލާ ހޮޓަލުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް