ކ. މާލެ
|
3 ޖޫން 2018 | އާދީއްތަ 08:34
ކެންޔާގެ ރައީސް އުހުރު ކެންޔަތާ
ކެންޔާގެ ރައީސް އުހުރު ކެންޔަތާ
އޭއެފްޕީ
ކެންޔާ
ކޮރަޕްޝަނާއި ދެކޮޅަށް ކެންޔާގައި 'ހަނގުރާމަ' އިއުލާން ކޮށްފި
ސަރުކާރުގެ ވެރިންގެ ޕޮލިގްރާފް ޓެސްޓް ހަދަން ވަނީ ނިންމާފައި

އެފްރިކާގެ ޤައުމެއް ކަމަށްވާ ކެންޔާގެ ރައީސް އުހުރު ކެންޔަތާ އެޤައުމުގައި ކޮރަޕްޝަނާއި ދެކޮޅަށް 'ހަނގުރާމަ' އިއުލާން ކޮށްފިއެވެ.

ކެންޔާގެ ނޫހެއް ކަމަށްވާ ސްޓޭންޑަރޑް މީޑިއާގައި ޝާއިއުކުރެއްވި ލިޔުމެއްގައި ކެންޔަތާ ވިދާޅުވީ ހުޅަނގުގެ އިސްތިއުމާރުން ސަލާމަތްވި ފަދައިން، ކޮރަޕްޝަނާއި ފަސާދައިގެ ވަބާއިން ކެންޔާ ސަލާމަތް ވާން ޖެހޭ ކަމަށެވެ. އަދި ކޮރަޕްޝަން ކެންޔާގައި އަށަގެންފައިވާ މިންވަރުން އެމަސައްކަތަކީ ބުރަ އަދި ބޮޑު މަސައްކަތެއް ކަމަށާއި، އެހެން ނަމަވެސް އިސްތިއުމާރީ ބާރުތަކުގެ ކިބައިން ކެންޔާ ސަލާމަތްވި ފަދައިން، ކޮރަޕްޝަނުގެ ވަބާއިން ކެންޔާ ސަލާމަތްވާނެކަމަށް ކެންޔަތާ ވިދާޅުވިއެވެ.

ކެންޔަތާ ވިދާޅުވީ ކޮރަޕްޝަން ފޮހެލުމަށްޓަކައި ސަރުކާރާއި ޖުޑީޝަރީތެރެއިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކޮށާފައިވާ ހުރިހާ މަގެއް ބަންދުކުރާނެ ކަމަށާއި، ފުލުހުންނާއި ޑިރެކްޓަރ އޮފް ޕަބްލިކް ޕްރޮޒެކިއުޝަން މިހާރު އެމަސައްކަތް ކުރައްވާކަމަށެވެ. އަދި ސަރުކާރުގެ ތެރޭގައި ތިބި ކޮރަޕްޓް އިސް އޮފިޝަލުން ޖަލަށްދާން ޖެހޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ އިތުރުން ޕްރައިވެޓް ސެކްޓަރގައި ވެސް ކޮރަޕްޝަން އޮތްކަން ކެންޔަތާ ފާހަގަކުރެއްވިއެވެ. އެގޮތުން ޤާނޫނީ ވަކީލުންނާއި، އާކިޓެކްޓުންނާއި، ޑޮކްޓަރުންނާއި ފާމަސިސްޓުން ވެސް ކޮރަޕްޓް އަމަލުތައް ހިންގާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ކޮރަޕްޝަން ފޮހެލެވޭނީ އެންމެން މަސައްކަތް ކޮށްގެން ކަމަށެވެ. 

ކޮރަޕްޝަނާއި ދެކޮޅަށް ހަނގުރާމަ އިއުލާން ކުރައްވަމުން ކެންޔަތާ ވަނީ ވަރަށް މުހިއްމު ފިޔަވަޅުތަކެއް އަޅުއްވާނެކަން އިއުލާން ކުރައްވާފައެވެ. އެގޮތުން ކެންޔާ ސަރުކާރުގެ އިސް އޮފިޝަލުންނަށް ޕޮލިގްރާގް ޓެސްޓްތަކެއް ހަދައި، ދޮގު ހަދާތޯ ބަލާނެއެވެ. މިއީ ކޮރަޕްޝަނާއި ދެކޮޅަށް ކުރާ މަސައްކަތުގައި ސަރުކާރުގެ އޮފިޝަލުންގެ ނަޒާހަތްތެރިކަން ކަށަވަރު ކުރުމަށް ކުރާ ކަމެއް ކަމަށް ކެންޔަތާ ވިދާޅުވިއެވެ. 

ކެންޔާގެ ރައީސް ކޮރަޕްޝަނާއި ދެކޮޅަށް މިވާހަކަތައް ދެއްކެވީ ދާދިފަހުން ކެންޔާ ސަރުކާރުގެ އިދާރާއެއްގެ ޚިޔާނާތުގެ މައްސަލައެއް ފެންމަތިވެ، 78 މިލިއަން އެމެރިކާ ޑޮލަރަށް ޚިޔާނާތްތެރިވެފައިވާކަން ފަޅާއެރުމާއި ގުޅިގެންނެވެ. އެމައްސަލައިގައި 40 ވަރަކަށް ސިވިލް ސަރވެންޓުންގެ މައްޗަށް ދައުވާކުރެއެވެ.

ކެންޔަތާ ވަނީ ކެންޔާގެ ރައްޔިތުންގެ ޙާލަތު ރަނގަޅުކޮށް، އިޤްތިޞާދު ހަރުދަނާ ކުރުމަށް ހަތަރު ސިޔާސަތެއް ވެސް އިއުލާންކުރައްވާފައެވެ. އެގޮތުން ކެންޔާގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ އިތުރުން ބައި މިލިއަން ގެ އެޅުމުގެ ޕްރޮޖެކްޓެއް އިއުލާން ކުރެއްވިއެވެ. އަދި ކެންޔާގެ ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ޕްލޭނާއި އެޤައުމުގެ ރައްޔިތުންނަށް ފައިދާހުރި ކާނާ ފޯރުކޮށްދިނުމަށް ވެސް ސިޔާސަތު އެކަށައަޅުއްވާނެ ކަމަށް ކެންޔަތާ ވިދާޅުވިއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް