ކ. މާލެ
|
3 ޖޫން 2018 | އާދީއްތަ 08:55
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ހިއްކައިގެން ހަދާ ރަށެއް
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ހިއްކައިގެން ހަދާ ރަށެއް
ރޮއިޓަރސް
ދެކުނު ޗައިނާ ކަނޑުގެ މައްސަލަ
ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި އެމެރިކާއިން ދެއްކީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް: ޗައިނާ
އެމެރިކާއިން ބުނަނީ ޗައިނާއިން މަސައްކަތްކުރަނީ އެހެން ޤައުމުތަކަށް ބިރު ދައްކަންކަމަށް
ޗައިނާއިން ބުނީ އެޤައުމުގެ ކަނޑުގެ ސަރަހައްދުގައި ސިފައިން ބޭތިއްބޭނެކަމަށް

ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި ދާދި ފަހުން އެމެރިކާގެ ދިފާޢީ ވަޒީރު ޖެނެރަލް ޖިމް މެޓިސް ދެއްކެވި ވާހަކަފުޅަކީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށް ބުނެ، ޗައިނާއިން ރައްދު ދީފިއެވެ.

ސިންގަޕޫރުގައި ކުރިއަށްދާ ދިފާޢީ ކޮންފަރެންސެއްގައި ވާހަކަ ދައްކަމުން ޖެނެރަލް މެޓިސް ވަނީ ޗައިނާއިން ދެކުނު ޗައިނާ ކަނޑުގައި އަސްކަރީ ޙަރަކާތްތައް ހިންގާތީ ކަންބޮޑުވުން ފާޅުކުރައްވައި، ވާހަކަ ދައްކަވާފައެވެ. މެޓިސް ވިދާޅުވީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އަސްކަރީ ބޭސްތައް ޤާއިމްކޮށް، އަސްކަރީ އުޅަނދުފަހަރު އެސަރަހައްދުގައި ގެންގުޅުމުން ޗައިނާގެ ނިޔަތާއިމެދު ސުވާލު އުފެދޭކަމަށެވެ. އަދި ޗައިނާއިން ދެކުނު ޗައިނާ ކަނޑުގައި އެންޓި-ޝިޕް މިސައިލާއި، ސަރފޭސް-ޓު-އެއަރ މިސައިލްގެ އިތުރުން އިލެކްޓްރޯނިކް ޖޭމަރތައް ދެކުނު ޗައިނާ ކަނޑުގައިވާ ޖަޒީރާތަކުގައި ޗައިނާއިން ޤާއިމްކޮށްފައިވާކަމަށާއި، މިއީ އަސްކަރީ ގޮތުން އަވަށްޓެރި ޤައުމުތަކަށް ބިރު ދެއްކުމަށް ޗައިނާއިން ކުރާކަމެއްކަމަށް ޖެނެރަލް މެޓިސް ވިދާޅުވިއެވެ. 

މެޓިސްގެ ވާހަކަތަަކަށް ރައްދު ދެއްވަމުން ޗައިނާ އަސްކަރިއްޔާގެ އިސް އޮފިޝަލެއްކަމަށްވާ ލެފްޓިނަންޓް ޖެނެރަލް ހީ ލެއި ވިދާޅުވީ ކޮންމެ ޤައުމަކަށްވެސް އެޤައުމެއްގެ ސަރަަހައްދީ އިމުގެ ތެރޭގައި އެޤައުމުގެ ސިފައިން ބޭތިއްބޭނެކަމަށާއި، ސަރައްދީ ރޮނގުގެ އެތެރޭގައި ބޭނުންތާކު ހަތިޔާރުވެސް ބެހެއްޓޭނެކަމަށެވެ. އަދި ދެކުނު ޗައިނާ ކަނޑުގައި ސިފައިން ބައިތިއްބަނީ ޗައިނާގެ އަމިއްލަ ދިފާޢުގައިކަމަށާއި، އެއީ ޗައިނާއަށް އަރަން ބަޔަކު މަސައްކަތްކޮށްފާނެތީ ތިބޭ ބައެއްކަމަށް ޖެނެރަލް ލެއި ވިދާޅުވިއެވެ. 

އަދި ދެކުނު ޗައިނާ ކަނޑުގައި ސިފައިން ތިބޭ މައްސަލައިގައި ޗައިނާއަށް ފާޑުކިޔާ ޤައުމުތަކުން އެބެހެނީ ޗައިނާގެ ދާޚިލީ ކަންކަމާއި ކަމަށް ޖެނެރަލް ލެއި ވިދާޅުވިއެވެ.

ދެކުނު ޗައިނާ ކަނޑުގެ ބޮޑު ސަރަހައްދަކަށް ޗައިނާއިން އަތް ގަދަކޮށްފައިވާއިރު، އެ ސަރަހައްދަކީ ޗައިނާގެ އިތުރުން ދެކުނު އިރުމަތީ އޭޝިއާގެ އެހެން ބައެއް ޤައުމުތަކުންވެސް މިލްކުވެރިކަމަށް ދައުވާކުރާ ސަރަހައްދެކެވެ. 

ޖެނެރަލް މެޓިސް ޗައިނާއަށް ބަހުގެ ހަމަލާތަކެއް ދެއްވާފައިވަނީ ދާދިފަހުން ދެކުނު ޗައިނާ ކަނޑުގައި އޮންނަ ޖަޒީރާ ރަށްތަކެއްކަމަށްވާ ޕަރަސެލް އައިލެންޑްސްގެ ވުޑީ އައިލެންޑްގައި ޗައިނާއިން ޤާއިމްކޮށްފައިވާ އަސްކަރީ ބޭސްއަށް ޗައިނާގެ ވައިގެ ސިފައިންގެ ބޮން އަޅާ މަތިންދާބޯޓުތައް ފޮނުވާފައިވާކަމަށް ޗައިނާއިން ބުނެފައިވަނިކޮށެވެ. ވުޑީ އައިލެންޑާއި ޕަރަސެލް އައިލެންޑްސް ޖަޒީރާތަކަކީ ޗައިނާގެ އިތުރުން ވިއެޓްނާމާއި ޓައިވާނުންވެސް އެރަށްތަކުގެ މިލްކުވެރިކަމާއި މެދު ދައުވާކުރާ ރަށްތަކެކެވެ. 

ދެކުނު ޗައިނާ ކަނޑުގެ ބޮޑު ބަޔަކަށް ޗައިނާއިން ވެރިވެގެންފައިވާއިރު، އެސަރަހައްދުގައި އޮންނަ ޕަރަސެލް އައިލެންޑްސް އާއި ސްޕްރެޓްލީސް އައިލެންޑްސްގެ މިލްކުވެރިކަމަށް ޗައިނާގެ އިތުރުން ވިއެޓްނާމް، ފިލިޕީންސް، ޓައިވާން އަދި މެލޭޝިއާއިން ދައުވާކުރެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް