ކ. މާލެ
|
2 ޖޫން 2018 | ހޮނިހިރު 15:50
މިސްރުގެ ރައީސް ޢަބްދުލް ފައްތާހު އަލް ސީސީ
މިސްރުގެ ރައީސް ޢަބްދުލް ފައްތާހު އަލް ސީސީ
ރޮއިޓަރސް
މިސްރުގެ ރިޔާސަތު
ވެރިކަމުގެ ދެވަނަ ދައުރަކަށް ސީސީ ހުވާކުރައްވައިފި
އިންތިޚާބުގައި ސީސީ ވަނީ 97 އިންސައްތަ ކާމިޔާބު ކުރައްވާފައި

މިސްރުގެ އަސްކަރިއްޔާގެ ކުރީގެ ވެރިޔާ، ޢަބްދުލް ފައްތާހު އަލް ސީސީ ވެރިކަމުގެ ދެވަނަ ދައުރަކަށް ހުވާކުރައްވައިފިއެވެ.

ހަތަރު އަހަރުގެ ރިޔާސީ އައު ދައުރަށް އެމަނިކުފާނު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައި ވަނީ ގާހިރާގައި ހުންނަ މިސްރުގެ ސުޕްރީމް ކޮންސްޓިޓިއުޝަނަލް ކޯޓުގައި ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ނިމިގެންދިޔަ މާރޗު މަހު މިސްރުގައި ބޭއްވި ރިޔާސީ އިންތިޚާބު ސީސީ ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ 97 އިންސައްތަ ތާއީދާ އެކުއެވެ.

މިސްރުގެ ވެރިކަމަށް ސީސީ ފުރަތަމަ ވަޑައިގަތީ 2014 ވަނަ އަހަރު މިސްރުގައި ބޭއްވި ރިޔާސީ އިންތިޚާބަށް ފަހު، އެ އަހަރުގެ ޖުލައި މަހުއެވެ. އޭގެ ކުރިން، 2013 ވަނަ އަހަރު އަސްކަރިއްޔާ އިން ރައީސް މުޙައްމަދު މުރްސީގެ ވެރިކަން ވާއްޓާލީއްސުރެ ވެސް މިސްރުގައި ހިނގަމުން ދިޔައީ ސީސީގެ ބާރެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ސީސީއާ ވާދަކޮށްފައި ވަނީ މޫސާ މުސްތަފާ މޫސާ އެކަންޏެވެ. މޫސާ މުސްތަފާ މޫސާއަކީ ސީސީގެ ގާތް އެކުވެރިއެކެވެ. އަދި އިންތިޚާބަށް ކެންޑިޑަސީ ފައިލް ކުރަންޖެހޭ މުއްދަތު ހަމަވާން ވަރަށް ކައިރިވިއިރު ވެސް އޭނާ ދިޔައީ ސީސީއަށް ކެމްޕެއިން ކޮށްދެމުންނެވެ. ގިނަ ފަރާތްތަކަކުން ޤަބޫލުކުރާ ގޮތުގައި މޫސަ މުސްތަފާ މޫސާ މި އިންތިޚާބުގައި ވާދަކުރީ ބޭރު ދުނިޔެއަށް އިންތިޚާބަކީ މިނިވަން އިންތިޚާބެއް ކަމަށް ދެއްކުމަށް ސީސީގެ ރޭވުމަކުންނެވެ.

މި އިންތިޚާބުގައި އިދިކޮޅު އެއްވެސް ޕާޓީއަކުން ވާދަކޮށްފައެއް ނުވެއެވެ. އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އިދިކޮޅު އެއްވެސް ކެނޑިޑޭޓަކަށް ދީފައި ނުވާއިރު، އިންތިޚާބުގައި ވާދަކުރާނެކަން އިޢުލާނުކުރި ބައެއް ފަރާތްތަކުން ފަހުން ވަނީ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން އިންތިޚާބުގައި ވާދަ ނުކުރުމަށް ނިންމާފައެވެ.

މި އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދީފައި ނުވަނީ މިސްރުގެ ކުރީގެ ބޮޑުވަޒީރު އަދި އިޖިޕްޝަން ޕެޓްރިއޮޓިކް މޫވްމަންޓްގެ އަޙުމަދު ޝަފީޤަށެވެ. މިސްރުގެ އަސްކަރިއްޔާގެ ޖެނެރަލެއް ކަމަށްވާ ސާމީ ހާފިޒް އަނާން މި އިންތިޚާބުގައި ވާދަކުރާނެކަން ހާމަކުރުމާ އެކު ސީސީގެ ސަރުކާރުން ވަނީ އޭނާގެ މައްޗަށް ތަފާތު ތުޙުމަތުތައްކޮށް، އޭނާ ހައްޔަރުކޮށްފައެވެ. ސާމީއަކީ މި އިންތިޚާބުގައި ސީސީގެ މައްޗަށް ކުރި ހޯދާނެ ކަމަށް އެންމެ ގިނަ ބަޔަކު ޤަބޫލުކުރި ކެންޑިޑޭޓެވެ.

އިންތިޚާބުގައި ވާދަކުރާނެކަން ކުރިން އިޢުލާނުކޮށްފައިވާ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ވަކީލު، ޚާލިދު އަލީ ވަނީ ސާމީ ހައްޔަރުކުރުމާ ގުޅިގެން އިންތިޚާބުގައި ވާދަ ނުކުރުމަށް ނިންމާފައެވެ.

މީގެ އިތުރުން މި އިންތިޚާބުގައި ވާދަކުރައްވާނެކަން ކުރިން އިޢުލާނުކުރެއްވި ނިއު ވަފްދު ޕާޓީގެ ޗެއާމަން އަލް ސައްޔިދު އަލް ބަދާވީ އާއި، ޒަމާލަކް ސްޕޯޓިންގ ކްލަބުގެ ޗެއާމަން މޯތާދާ މަންސޫރުގެ އިތުރުން ރިފޯމް އެންޑް ޑިވެލޮޕްމެންޓް މިސްރުނާ ޕާޓީގެ ޗެއާމަން، އަންވަރު އިސްމަތު ސާދާތު ވެސް ވަނީ އެކި ސަބަބުތަކާ ގުޅިގެން އިންތިޚާބުގައި ވާދަ ނުކުރުމަށް ނިންމާފައެވެ.

މާރޗް 16 އިން 28 އަށް ބޭއްވި މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 59,078,138 މީހުންނަށް ލިބިފައިވީއިރު، ވޯޓުލާން ނުކުމެފައި ވަނީ 24,254,152 މީހުންނެވެ. އިންތިޚާބުގައި ސީސީއަށް 21,835,387 ވޯޓު ލިބުނު އިރު މޫސާ މުސްތަފާ މޫސާއަށް ލިބިފައިވަނީ 656,534 ވޯޓެވެ. މި އިންތިޚާބުގައި 1,762,231 ބާޠިލް ވޯޓު ލާފައިވާއިރު އޭގެ ތެރެއިން މިލިއަނެއްހާ ވޯޓަކީ ދެ ކެނޑިޑޭޓުންގެ ނަން ކަނޑާލައި، ވޯޓު ކަރުދާހުގައި މިސްރުގެ ފުޓުބޯޅަ ތަރި މުޙައްމަދު ސަލާހުގެ ނަން ޖަހައިގެން އޭނާއަށް ލާފައިވާ ވޯޓެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް