ކ. މާލެ
|
2 ޖޫން 2018 | ހޮނިހިރު 14:31
ގދ. މަޑަވެލި--
ގދ. މަޑަވެލި--
މުހައްމަދު ޝަރުހާން
ކަރަންޓު ކެނޑުން
މަޑަވެލިން ކަރަންޓު ކެނޑުމަކީ މިދުވަސްކޮޅު އާންމުކޮށް ދިމާވާ މައްސަލައެއް: ކައުންސިލް
ރޭ މެންދަރު 1:15 އިން ފަތިހު 5:30 އަށް ކަރަންޓު ނެތް
މި މައްސަލަ ފެނަކައަށް ހުށައެޅި ނަމަވެސް، މިއަދާ ހަމައަށް ދާއިމީ ހައްލެއް ލިބިފައި ނެތް

ގދ މަޑަވެލިން ކަރަންޓު ކެނޑުމަކީ މިދުވަސްކޮޅު އާންމުކޮށް ދިމާވާ މައްސަލައެއް ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން މަޑަވެލީގެ ކައުންސިލްގެ ރައީސް އަހުމަދު ހަމީޒު ވިދާޅުވީ އެރަށުގެ ކަރަންޓުގެ މައްސަލައަކީ ހައްލެއް ނުލިބި ގިނަ ދުވަސްތަކެއްވެފައިވާ ބޮޑު މައްސަލައެއް ކަމަށެވެ. ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑޭކަން ފާހަގަކުރައްވައި ހަމީޒު ވިދާޅުވީ މިދުވަސްކޮޅު ކަރަންޓު ކެނޑޭ މިންވަރު އިތުރު ކަމަށެވެ. އެގޮތުން ރޭ މެންދަރު 1:15 އިން ފަތިހު 5:30 އަށް ކަރަންޓު ނެތް ކަމަށް އޭނަ ވިދާޅުވިއެވެ.

ހަމީޒު ވިދާޅުވި ރައްޔިތުންގެ އެތައް ޝަކުވާއަކާ އެކު އެކި ފަހަރުމަތިން މި މައްސަލަ ފެނަކައަށް ހުށައެޅި ނަމަވެސް، މިއަދާ ހަމައަށް ދާއިމީ ހައްލެއް ލިބިފައި ނުވާ ކަމަށެވެ. ހަމީޒު އިތުރަށް ވިދާޅުވީ މަޑަވެލިން ކަރަންޓު ކެނޑޭ ވަކި ސަބަބެއް ނޭނގޭ ކަމަށާއި، ދިމާވެގެން އުޅޭ މައްސަލަ ފެނަކައިން ސާފުކޮށް ނުދޭ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ މަޑަވެލީގެ ބްރާޗުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

މިއަހަރުގެ ރަމަޟާންމަހާ ދިމާކޮށް މަޑަވެލިން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައިވާއިރު، މިދިޔަ އަހަރުގެ ވެސް ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ކަރަންޓު ކެނޑޭ ކަމަށް ބުނެ އެރަށުގެ ރައްޔިތުން ވަނީ ކަންބޮޑުވުންފާޅު ކޮށްފައެވެ.

މަޑަވެއްޔަކީ އާބާދީގައި 1900 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން ގެންދާ ރަށެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް