ރާއްޖޭގެ ޖަލުތަކުގައި ގޮތް ނޭނގޭ ގޮތަށް މަރުވާ ފަރާތްތަކާ ބެހޭ ދިރާސާއެއް ހެދުމަށް ނިންމާފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީގެ ޙައްޤު ކޮމެޓީގެ ނާއިބު މުޤައްރިރު އަދި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ މިފަހަކަށް އައިސް ގޮތް ނޭނގޭ ގޮތަށް ޖަލުތަކުގައި އެތައް ބަޔަކު މަރުވެފައިވާ ކަމަށާއި މިދިޔަ މަދު އަހަރުތަކަށް ބަލާއިރު ވެސް ކަންބޮޑުވާން ޖެހޭ މިންވަރަށް އެކަން ހިނގާފައިވާ ކަމަށެވެ.
އެމްޑީޕީ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޝަމާއު ވިދާޅުވީ އެމްޑީޕީގެ ހައްޤު ކޮމެޓީގެ ފަރާތުން އެކަންކަން ތަހުގީގްކޮށް އިތުރަށް ބަލަމުންދާ ކަމަށާއި ކުރެވެން ހުރި ކަންކަން ހޯދަމުންދާ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ރިޕޯޓެއް ތައްޔާރުކުރާނެ ކަމަށް ވެސް ޝަމާއު ވިދާޅުވިއެވެ.
ޝަމާއު ވިދާޅުވީ މިދިރާސާގެ އެންމެ ބޮޑު ބޭނުމަކަށް ވާނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީން ތައްޔާރުކުރާ މެނިފެސްޓޯގައި ހިމަނައި އެކަންކަން ރަނގަޅު ކުރުން ކަމަށެވެ.
"މި ދިރާސާގެ އެންމެ ބޮޑު އެއް ބޭނުމަކަށް ވާނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ މެނިފެސްޓޯގައި ހިމަނައި މިކަން ކަމަށް ހައްލު ހޯދުން" ޝަމާއު ވިދާޅުވިއެވެ.
ޝަމާއު ވިދާޅުވީ ޖަލުތަކުގައި ތިބޭ ފަރާތްތަކުގެ ތެރެއިން ދާއިމީ ގޮތެއް ގައި ބޭސްބޭނުން ކުރާ ފަރާތްތަކާއި ދާއިމީ ބަލިތައް ހުންނަ މީހުންނަށް އެކަށީގެންވާ ގޮތެއްގައި ބޭސްފަރުވާ ކުރުމުގެ އިންތިޒާމްތައް ހަމަޖައްސައިނުދޭ ކަމަށާއި އާއިލާތަކުގެ ފަރާތުން އެކަންކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ.
ޝަމާއު ވިދާޅުވީ ވޭތުވެ ދިޔަ ދުވަސްތަކުގައި ޖަލުގައި ހިނގާފައިވާ މަރުތައް އެކަށީގެންވާ ގޮތެއްގައި ތަހުގީގު ކުރެވިފައި ނުވާ ކަމަށާއި ހިއުމަން ރައިޓްސް ކޮމިޝަނުން އެތަހުގީގުތައް ކުރުމަށް ގޮވާލައްވާ ކަމަށެވެ.
މި ޕްރެސް ކޮންފަރެންސްގައި އެކޮމެޓީގެ މެންބަރު އަހުމަދު އަދުހަމް ވިދާޅުވީ މިހާރު ވެސް އެކޮމެޓީއަށް ފާހަގަ ކުރެވިފައިވާ ގޮތުގައި ފާއިތުވި ކުރު މުއްދަތުގެ ތެރޭގައި 10 މީހަކު މަރުވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އިތުރަށް ދިރާސާ ކުރަމުން މިދަނީ. ދިހަ މަރުގެ އިތުރުން އިތުރު މަރުގެ ވާހަކަތައް ވެސް އެބައުޅޭ. އެމީހުންނާ ބެހޭ މައުލޫމާތުތައް އަދި އިހުމާލެއް އުޅޭތޯ ބަލަން މިފެށީ. ޖަލުތަކުން އިހުމާލް ވެފައިވާ ކަމަށް އަޑު އިވިފައިވޭ. އެކަން ދިރާސާ ކުރަމުން މިދަނީ،" އަދުހަމް ވިދާޅުވިއެވެ.
ދާދިފަހުން ދޫނިދޫ ޖަލުގައި އޮންނެވި އަދުހަމްގެ ތަޖުރިބާ ހިއްސާ ކުރައްވަމުން ވިދާޅުވީ ޖަލުގެ ކަންކަން ވަރަށް ގޯސްކަމަށާއި ޚާއްޞަކޮށް ބޯފެނުގެ މައްސަލަ ވަރަށް ބޮޑު ކަމަށެވެ.