ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ 12 ދާއިރާގެ އިންތިޚާބު ނުބޭއްވި ލަސް ވަނީ އެކަމަށް ބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީން އަދި ދީފައިނުވާތީކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ 12 ދާއިރާގެ ބައި އިލެކްޝަން ބޭއްވުން ލަސް ވަނީ އެކަމަށްޓަކައި ބޭނުންވާ ފައިސާ ނުލިބޭތީ ކަމަށެވެ.
އަކްރަމް ވިދާޅުވީ އެބައި އިލެކްޝަންތައް ބޭއްވުމަށް ބޭނުންވާ ފައިސާ ހޯދުމަށް ފިނޭންސަށް ހުށަހަޅާފައިވާނެ ކަމަށާއި ނަމަވެސް އަދި އެފައިސާ ލިބިފައި ނުވާ ކަމަށެވެ. އަދި އެފައިސާ ލިބުނުހާ އަވަހަކަށް އެއިންތިޚާބު ބާއްވާނެ ކަމަށް އަކުރަމް ވިދާޅުވިއެވެ.
މިކަމާ ގުޅޭ ގޮތުން ފިނޭންސްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދިވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.
ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީއަށް 14 މިލިއަން ރުފިޔާގެ ބަޖެޓެއް ހޯދުމަށް ވަނީ ހުށަހަޅާފައެވެ. މިއަހަރު އެވަރުގެ ބަޖެޓެއް ހޯދުމަށް ހުށަހަޅާފައިވާ އިރު މިދިޔަ އަހަރު ވެސް ބައި އިލެކްޝަން ބާއްވަން 26 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އެފައިސާ އަލުން އަނބުރާ ފިނޭންސާ ހަވާލުކޮށްފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިތާ އަހަރެއް ވުމާ ކައިރިވެފައިވާއިރު ޤާނޫނު އަސާސީގެ 78 ވަނަ މާއްދާގައި ބުނެފައި ވަނީ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް އެ ގޮނޑި ހުސްވި ތާރީޚުން ފެށިގެން ފަސްދޮޅަސް ދުވަހުގެ ތެރޭގައި މެންބަރަކު އިންތިޚާބު ކުރަން ވާނެ ކަމަށެވެ.