ކ. މާލެ
|
2 ޖޫން 2018 | ހޮނިހިރު 11:18
މިޔަންމާގެ ސްކޫލެއްގައި ކިޔަވައިދެނީ
މިޔަންމާގެ ސްކޫލެއްގައި ކިޔަވައިދެނީ
ދި މިޔަންމާ ޓައިމްސް
އިސްރާއީލް - މިޔަންމާ
ތާރީޚު ކިޔަވައިދިނުމާ ގުޅޭ ގޮތުން އިސްރާއީލާއި މިޔަންމާ އިން އެއްބަސްވުމެއް ޤާއިމުކޮށްފި
އެއްބަސްވުމުގެ ދަށުން ޓެކްސްޓް ފޮތްތަކަށް ބަދަލު ގެނައުމުގެ ފުރުޞަތު ދެ ޤައުމަށް ވެސް ލިބޭނެ

ދަރިވަރުންނަށް ތާރީޚު ކިޔަވައިދިނުމާ ގުޅޭ ގޮތުން އިސްރާއީލާއި މިޔަންމާ އިން އެއްބަސްވުމެއް ޤާއިމުކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން މިޔަންމާގެ ދަރިވަރުންނަށް އިސްރާއީލުގެ ތާރީޚު ކިޔަވައިދޭނީ، އިސްރާއީލުން ބޭނުންވާ ގޮތަށް، އެ ޤައުމުން ފޯރުކޮށްދޭ ކަރިކިއުލަމަކަށެވެ. އަދި ހަމަ މިއާ އެކު މި އެއްބަސްވުމުގެ ދަށުން އިސްރާއީލުގައި މިޔަންމާގެ ތާރީޚު ކިޔަވައިދޭނީ މިޔަންމާ އިން ބޭނުންވާ ގޮތަށް، އެ ޤައުމުން ފޯރުކޮށްދޭ ކަރިކިއުލަމަކަށެވެ.

އިސްރާއީލާއި މިޔަންމާ އިން މިފަދަ އެއްބަސްވުމެއް ވީއިރު، މި ދެ ޤައުމަކީ ވެސް މިހާރާއި މާޒީގައި ވެސް މުސްލިމުންނާ މެދު އަމަލުކުރަމުންދާ ގޮތުން ފާޑުކިޔުން އަމާޒުވެފައިވާ ދެ ޤައުމެވެ.

އެގޮތުން އިސްރާއީލުން ފަލަސްޠީނުގެ ބިންތައް ފޭރި، އެ ބިންތަކުގައި ތިބި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ދަނީ ދިގުދެމިގެންދާ ޤަތުލުއާންމެއް ހިންގަމުންނެވެ. ފަލަސްޠީނުގެ ސިއްޙަތާ ބެހޭ ވުޒާރާ އިން ހާމަކޮށްފައިވާ ގޮތުގައި މި އަހަރުގެ މާޗް މަހުގެ 30 އިން މޭ މަހުގެ ނިޔަލަށް އިސްރާއީލުގެ ސިފައިން ވަނީ ފަލަސްޠީނުގެ އާންމުންގެ 110 މީހުން ޝަހީދުކޮށްލާފައެވެ.

މިޔަންމާ އިން ވެސް މުސްލިމުންނާ ދެކޮޅު ސިޔާސަތުތަކެއް ގެންގުޅޭއިރު، އެ ޤައުމުގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެ ޤައުމުގައި ދަނީ ނަސްލު ނައްތާލުމުގެ ޖަރީމާތަކެއް ހިންގަމުންނެވެ. ނިމިގެން ދިޔަ އަހަރު މިޔަންމާގެ މަސްރަހު އިތުރަށް ގޯސްވެ، މުސްލިމުންނަށް ދެމުންދިޔަ ހަމަލާތައް އިތުރުވުމާ ގުޅިގެން ހަތް ލައްކައަށް ވުރެ ގިނަ މީހުން ވަނީ އެ ޤައުމު ދޫކޮށް، ރެފިއުޖީންގެ ގޮތުގައި އެކި ޤައުމުތަކަށް ދަތުރުކޮށްފައެވެ.

އިސްރާއީލާއި މިޔަންމާއާ ދެމެދު މި ވެވުނު އެއްބަސްވުމުގެ ދަށުން، އެއް ޤައުމަށް، އަނެއް ޤައުމުގެ ދަރިވަރުންނަށް ކިޔަވައިދޭން ބޭނުންކުރާ ޓެކްސްޓް ފޮތްތަކުގައި ހުންނަ މައުލޫމާތު ބަލައި، އެ މަޢުލޫމާތަށް އުނިއިތުރު ގެނައުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

އިސްރާއީލުން މީގެ ކުރިން ވެސް އެކި ޤައުމުތަކާ އެކު މިފަދަ އެއްބަސްވުންތައް ހަދާފައިވާއިރު، އެ އެއްބަސްވުންތައް އިސްރާއީލުން ބޮޑަށް ބޭނުންކޮށްފައި ވަނީ ހޮލޮކޯސްޓް އަދި އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ މެދު އަމަލު ކުރަމުންދާ ގޮތުގެ މަޢުލޫމާތު ކޮންޓްރޯލް ކުރުމަށެވެ.

 

- ކޮމެންޓް