ކ. މާލެ
|
2 ޖޫން 2018 | ހޮނިހިރު 08:55
ބައްދަލުވުން ބޭއްވުމުގެ އެއްބަސްވުމަކަށް ވަޑައިގެންފައި ވަނީ އުތުރު ކޮރެއާގެ މަންދޫބާއި ޓްރަމްޕް ވައިޓް ހައުސްގައި ބައްދަލުކުރެއއްވުމަށް ފަހު
ބައްދަލުވުން ބޭއްވުމުގެ އެއްބަސްވުމަކަށް ވަޑައިގެންފައި ވަނީ އުތުރު ކޮރެއާގެ މަންދޫބާއި ޓްރަމްޕް ވައިޓް ހައުސްގައި ބައްދަލުކުރެއއްވުމަށް ފަހު
ރޮއިޓަރސް
ޓްރަމްޕް-ކިމް ސަމިޓް
ޓްރަމްޕް-ކިމް ސަމިޓް ކުރިން ކަނޑައެޅި ތާރީޚުގައި އޮންނާނެ
ބައްދަލުވުން އޮންނާނީ ޖޫން 12 ގައި ސިންގަޕޫރުގައި
ރައީސް ޓްރަމްޕްވަނީ މީގެ ކުރިން މި ބައްދަލުވުން ކެންސަލް ކުރައްވާފައި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން އުންއާ ދެ ބޭފުޅުން ޖޫން މަހުގެ 12 ވަނަ ދުވަހު ސިންގަޕޫރުގައި ބާއްވަވާ ބައްދަލުވުން ހަމަަ އެ ތާރީޚުގައި އޮންނާނެ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވެެއްޖެއެވެ.

މީގެ ހަފްތާއެއް ކުރިން މި ބައްދަލުވުން ކެންސަލްކުރެއްވި ކަމަށް އިއުލާނުކުރެއްވި މި ބައްދަލުވުން އޮންނާނެ ކަމަށް އިއުލާނުކުރައްވާފައި މިވަނީ އުތުރު ކޮރެއާގެ އިސް މަންދޫބަކާ އެކު ވައިޓް ހައުސްގައި ރައީސް ޓްރަމްޕް ބޭއްވެވި ބައްދަލުވުމަކަށް ފަހުއެވެ.

އުތުރު ކޮރެއާގެ މަންދޫބެއްގެ ގޮތުގައި އެމެރިކާއަށް ވަޑައިގެންނެވި ޖެނެރަލް ކިމް ޔޮންގް-ޗޮލް ވަނީ އުތުރު ކޮރެއާގެ ލީޑަރުގެ ސިޓީފުޅު ރައީސް ޓްރަމްޕްގެ އަތްޕުޅަށް އަރުވާފައެވެ.

އެ ސިޓީފުޅަކީ "ވަރަށް ޝައުގުވެރި ސިޓީފުޅެއް" ކަމަށް ރައީސް ޓްރަމްޕް ފުރަތަމަ ވިދާޅުވި ނަމަވެސް ފަހުން ވަނީ ސިޓީ ނުކަނޑުއްވާ ކަމަށް ވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން ޓްރަމްޕް ވަނީ ކޮރެއާ ހަނގުރާމަ ރަސްމީކޮށް ނިންމުމުގެ މައްސަލަ ވެސް ސިންގަޕޫރުގައި ބާއްވާ ބައްދަލުވުމުގެ ރަސްމީ އެޖެންޑާގައި ހިމަނާފައެވެ.

ދެ ކޮރެއާގެ ދެމެދު 1950 އާއި 1953 އާ ދެމެދު ކުރި ކޮރެއާ ހަނގުރާމައިގެ ހަމަލާބަދަލުކުރުން ހުއްޓާލާފައި އޮތް ނަމަވެސް އެ ހަގުރާމަ ހުއްޓާލެވިފައި އޮތީ ލިޔެފައި އޮތް ސުލްހައިގެ އެއްބަސްވުމެއްގެ ދަށަކުންނެއް ނޫނެވެ.

"ޖޫން މަހުގެ 12 ވަނަ ދުވަހު ސިންގަޕޫރުގައި އަޅުގަނޑުމެންގެ ބައްދަލުވުން އޮންނާނެ. އެކަންތައް ދިޔައީ ވަރަށް ރަނގަޅަށް" ވައިޓް ހައުސްގެ ގޯތިތެރޭގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި ޓްރަމްޕް ވިދާޅުވިއެވެ.

ރައީސް ޓްރަމްޕްވަނީ މި ބައްދަލުވުމުގައި އުުތުރު ކޮރެއާއާ އެކު ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލައިގައި ފައިނަލް އެއްބަސްވުމަކަށް ވަޑައިނުގެންނެވިދާނެކަން ސަމާލުކަމަށް ގެންނަވާފައެވެ.

ރައީސް ޓްރަމްޕާއި ލީޑަރު ކިމްގެ ތާރީޚީ ބައްދަލުވުން ވެގެންދާނީ އުތުރު ކޮރެއާ އާއި އެމެރިކާގެ ލީޑަރަކު ވެރިކަމުގައި ތިއްބަވައިގެން ބައްދަލުކުރައްވާ ފުރަތަމަ ފަހަރު ކަމަށެވެ.

އުތުރު ކޮރެއާއިން އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލައިފި ނަމަ އެ ގައުމުގެ އިގްތިސާދު ކޮޅަށް ޖެހުމަށް އެހީތެރިވުމަށް އެމެރިކާގެ ރައީސް ވަނީ ހުށަހަޅުއްވާފައެވެ. ނިއުކްލިއަރ ހަތިޔާރު އުފެެއްދުން ހުއްޓަވާލެއްވުމަށް އުތުރު ކޮރެއާގެ ލީޑަރު ވެސްް އެއްބަސްވެ ވަޑައިގެންފައިވާ އިރު ބަދަލުގައި ޑިމާންޑްކުރައްވާ ކަންކަމެއް ސާފުވެފައެއް ނުވެއެވެ.

 

- ކޮމެންޓް