ޗައިނާގެ ވީގަރ މުސްލިމުންނަށް ރޯދަ މަހު ދުވާލު ރާ ބޯންދޭ މަންޒަރު ދައްކުވައިދޭ ކަމަށް ބުނާ ދެ ވީޑިއޯއެއް ޓްވިޓަރގައި އާއްމު ވެއްޖެއެވެ.
ވައިރަލް ވެފައިވާ ދެ ވީޑިއޯ އެއްގައި ފެންނަނީ ސަފުހައްދާ ބަރިއަކަށް އަތުރާފައި ތިބި އަންހެނުން ތަކެއް ރާފުޅީގައި ތުން ޖަހާ ބޯތަނެވެ. އަދި ސިފައިން އަޅާ ބާވަތުގެ ޔުނިފޯމުގައި އުޅޭ ބަޔަކުވެސް ވީޑިއޯގައި ފެނެއެވެ.
މޭޒެއްގެ ވަށައިގެން އުމުރުން ދުވަސްވީ މުސްލިމުންތަކެއް އަތުރާ އެއިން ކޮންމެ މީހެއްގެ ކައިރީގައި ރާފުޅި އަތުރާފައި ހުންނަ މަންޒަރު ދެވަނަ ވީޑިއޯ އިން ފެނެއެވެ.
"މިޑްލް އީސްޓް އައި" ގެ ކޮލަމިސްޓެއް ކަމަށްވާ ސީ.ޖޭ. ވާރލީމަންގެ ވެރިފައިޑް އެކައުންޓުން ހާމަ ކޮށްފައިވާ ވީޑިއޯތަކުގެ ތެރެއިން އަންހެނުންތަކަކަށް ރާބޯންދޭ މަންޒަރު ފެންނަ ވީޑިއޯގެ ތައާރުފްގައި ބުނެފައިވަނީ ވީގަރ މުސްލިމް އަންހެނުންނަށް ގަދަކަމުން ރޯދަ މަހު ޗައިނާ ސަރުކާރުން ރާ ބޯންދެނީ ކަމަށާއި މިއީ ޗައިނާ އިން ހިންގާ "ރީ އެޑިއުކޭޝަން ޕްރޮގްރާމް" ގެ ދަށުން ކުރާ ކަމެއް ކަމުގައެވެ.
Uyghur Muslim women forced to drink beer during Ramadan by Chinese authorities as part of their "reeducation" program. pic.twitter.com/qBQpG3AwMd
— CJ Werleman (@cjwerleman) June 1, 2018
ބޮލުގައި ތާކިހާ އަޅައިގެން ތިބި އުމުރުން ދުވަސްވެފައިވާ ފިރިހެނުންތަކެއް ރާފުޅިތަކެއްގެ ކައިރީގައި ތިބޭ ވީޑިއޯ އާ ބެހޭ ގޮތުން އޭނާ ލިޔެފައިވަނީ، 12 މިލިއަން ވީގަރ މުސްލިމުން ދީނުން ބޭރުކޮށް ދީން ގަބޫލު ނުކުރާ ބަޔަކަށް ހެދުމަށް ޗައިނާ އިން ކުރާ މަސައްކަތުގެ ދަށުން އެއް މިލިއަން މުސްލިމުން ޗައިނާ ސަރުކާރުން ހިންގާ ރީއެޑިއުކޭޝަން ޕްރޮގްރާމްގައި މަޖުބޫރުން ބައިވެރި ކޮށްފައިވާ ކަމަށެވެ.
އެ ވީޑިއޯ އިން ފެންނަނީ ރޯދަ މަހުގެ ދުވާލު ވީގަރ މުސްލިމުންނަށް މަޖުބޫރު ކުރުވައިގެން އެމީހުން ބިޔަރު ބޮއި އޫރުމަސް ކާ މަންޒަރު ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
In China's effort to ethnically cleanse 12 million Uyghur Muslims, it has forced more than 1 million into atheist "reeducation camps."
— CJ Werleman (@cjwerleman) May 29, 2018
Here Uyghur Muslims are forced to drink beer and eat pork during Ramadan.
This is basically a New Atheist utopian project! pic.twitter.com/NZJO2fyjrP
ވީޑިއޯ އަށް ކޮމެންޓް ކޮށްފައިވާ ގިނަ މީހުން އެއީ ދަށުދަރަޖައިގެ އަމަލެއް ކަމަށް ބުނެފައިވެއެވެ. ބައެއް މީހުން ބުނެފައިވަނީ މިކަހަލަ ކަންކަމަކީވެސް މުސްލިމް އުއްމަތުން މިހާރު އަޅާލާ ކަންކަމެއް ނޫން ކަމަށެވެ. މަދު ބަޔަކު މިއީ ޕްރޮޕަގެންޑާ ކަމަށާއި މިއީ ސައްހަ ވީޑިއޯއެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.
ޗައިނާގެ ވީގަރ މުސްލިމުންނަށް އަމާޒު ކޮށް "ރީއެޑިއުކޭޝަން ޕްރޮގްރާމް" ގެ ނަމުގައި އިސްލާމް ދީނާ ދުރުކުރުމަށް ހިންގާ ޕްރޮގްރާމްގެ ވާހަކަ އަކީ މީގެ ކުރިންވެސް އާއްމުވެފައިވާ ވާހަކައެއް ކަން ފާހަގަ ކުރެވެއެވެ. އަދި އެޕްރޮގްރާމްގައި ގަދަކަމުން ބައިވެރި ކޮށްފައިވާ ބައެއް މީހުން އެމީހުނަށް ކުރެވިފައިވާ ހިތްދަތި ތަޖުރިބާގެ ވާހަކަވެސް މީޑިއާ އާ ހިއްސާ ކޮށްފައިވެއެވެ.