ފަލަސްތީން ހިމާޔާތް ނުކޮށްދޭނެ ކަމަށް އެމެރިކާއިން ބުނެފި
ފަލަސްތީނުގެ ރައްޔިތުން ހިމާޔަށް ކުރަން ކުވެއިތުން އދ. ގެ ގައުމީ ސަލާމަތީ މަޖްލީހަށް ހުށަހެޅި ގަރާރު އެމެރިކާއިން އެއްވެސް ވަރަކަށް ގަބޫލު ނުކުރާ ކަމަށާއި ޝައްކެތް ނެތް ގޮތުގައި ވީޓޯގެ ބާރު ބޭނުން ކޮށްގެން އެމައްސަލަ ތަޅުމުން ބޭރު ކުރާނެ ކަމަށް އެމެރިކާއިން އދ.އަށް ކަޑައަޅާފައި ހުންނަ މަންދޫބު ނިކީ ހޭލީ ބުނެފިއެވެ.
ކުވެއިތުން އދ.އަށް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ ބައިންލް އަގްވާމީ ދުނިޔެއިން ފަލަސްތީނުގެ ދެ ބައްރު ކަމަށްވާ ގަޒާއި ވެސްޓް ބޭންކްގާ ދިރި އުޅެމުންދާ ރައްޔިތުން ހިމާޔަށް ކޮށްދިނުމަށެވެ. މި ގަރާރު ހުށަހަޅާފައި ވަނީ ފަލަސްތީނުގެ ހަތިޔާރު ނެތް ރައްޔިތުން އެ ގައުމާއި އިޒްރާއިލުގެ ބޯޑަރު ދޮށުގައި، އިޒްރާއިލުން މެރުމާ ގުޅިގެން އިންސާނީ ހައްގު ރައްކާތެރި ކުރާ ޖަމާއަށްތަކުން މި މައްސަލަ އިޒްރާއިލްގެ ސުޕްރީމް ކޯޓަށް ހުށަހަޅާ، އެ ކޯޓުން ހަތިޔާނު ނެތް ފަލަސްތީނުގެ ރައްޔިތުން މެރޭނޭ ކަމަށާއި ސިފައިން އަމަލު ކުރަމުންދަނީ ރަގަނޅަށް ކަމަށް ނިންމާފައި ވަނިކޮށެވެ.
އެމެރިކާގެ އދ. މަންދޫބު، ހޭލީ ވަނީ ކުވެއިތުން ހުށަހެޅި ގަރާރަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. ހޭލީ ބުނީ އެ ގަރާރުން ހަމަ އެކަނި ދައްކަނީ ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރާއިލުން ދޭ އަނިޔާގެ ވާހަކަ ކަމަށެވެ. ފަލަސްތީނުގެ ރައްޔިތުން އިޒްރާއިލާ ދެކޮޅަށް އެގައުމުގެ ބޯޑަރު ދޮށުގައި ކުރާ މުޒާހަރާތަކުގެ ވާހަކަ އޭގައި ބުނެފައި ނުވާކަމަށެވެ. އަދި ފަލަސްތީނުގެ ސިފައިން އިޒްރާއިލާއި ދެކޮޅުކަމުގެ ވާހަކަވެސް އޭގައި ބުނެފައި ނުވާކަމަށެވެ.
ހޭލީ ސިފަކުރާ ގޮތުގައި މި ގަރާރުގެ ސަބަބުން ދެ ގައުމުގެ މެދުގައި ސުލްހަ ގާއިމް ކުރަން ހުރަސް އެޅިގެންދާނެއެވެ.
އެހެން ނަމަވެސް މިދިޔަ މަހު އެމެރިކާއިން ވަނީ އިޒްރާއީލުގެ ވެރި ރަށަކީ ގުދުސް (ޖެރޫސަލަމް) ކަމުގައި ބަލައިގަނެ، އެތަނަށް އެމްބަސީ ބަދަލު ކޮށްފައެވެ. އެކަން ކޮށްފައި ވަނީ ދުނިޔޭގެ ގައުމްތަކުން އެކަމާ ދޭތެރޭ ނުރުހުން ފާޅުކޮށް އެއީ ދެގައުމުގެ މެދުގައި ހަމަޖެހުން ނަގާލެވޭނެ ކަމެއް ކަމުގައި ބުނަމުން ދަނި ކޮށެވެ. އެމްބަސީ ބަދަލު ކުރުމުން، ނުރުހުން ފާޅު ކުރަން މުޒާހަރާ ކުރި ފަލަސްތީނުގެ 60 އަށް ވުރެ ގިނަ ރައްޔިތުން އިޒްރާއިލުން ވަނީ މަރާލާފައެވެ.
ކުވެއިތުން ހުށަހެޅި ގަރާރަށް ޖެއްސުން ކުރުމަށް އެމެރިކާއިން ވަނީ އދ.ގެ ތަޅުމަށް އާ ގަރާރެއް ހުށަހަޅާފައެވެ. އެ ގަރާރުގައި ވަނީ ގަޒާގައި ހަރަކާތް ތެރި ވަމުންދާ ސިޔާސީ ޕާޓީތަކުން ގުދުސްއާއި އިޒްރާއިލް ބައްދަލުވާ ބޯޑަރު ދޮށުގައި އިޒްރާއީލާ ދެކޮޅަށް މުޒާހަރާ ކުރަން މީހުން ނެރެމުން ދާ ކަމަށް ތުހުމަތުކޮށް އެމީހުންގެ އަމަލުތައް ކުއްވެރި ކުރާކަމަށް ބުނެފައެވެ. އަދި އެ ކަމަކީ ޓެރަރިސްޓް އަމަލެއް ކަމަށްވެސް އެމެރިކާއިން ބުނެއެވެ.
ސެކިޔުރިޓީ ކައުންސިލް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި އޮތީ ހުކުރު ދުވަހުއެވެ. އެ ދުވަހުގައި ގަރާރަށް ވޯޓްލުން ކުރިއަށް ދާނެއެވެ. ބެލެވޭ ގޮތުގައި އެމެރިކާއިން އެ ގަރާރު ވީޓޯ ނުކޮށްފިއްޔާ އެ ގަރާރު ފާސްވެގެން ދާނެއެވެ.