ކ. މާލެ
|
1 ޖޫން 2018 | ހުކުރު 22:59
މެލޭޝިއާގެ ސްޓޮކް އެކްސްޗޭންޖް
މެލޭޝިއާގެ ސްޓޮކް އެކްސްޗޭންޖް
ގޫގުލް
މެލޭޝިއާގެ ދަރަނި
މެލޭޝިއާގެ ދަރަނި އަދާކުރަން ރައްޔިތުންގެ އެހީއަށް އެދިއްޖެ
މެލޭޝިއާގެ ދަރަނި ވަނީ 250.8 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފަ
ރައްޔިތުންގެ އެހީއާއި އެކު ޤާއިމްކުރާ ފަންޑަށް ކިޔަން ނިންމާފައިވަނީ "މެލޭޝިއާ ހޯޕް ފަންޑް"
ރައްޔިތުންނަށް ލުއި ދިނުމުގެ ގޮތުން ބައެއް ޓެކްސް ނެގުން ހުއްޓާލުމަށް ވަނީ ނިންމާފަ

މެލޭޝިއާގެ ދައުލަތުގެ ދަރަނި އަދާކުރުމަށް އެ ޤައުމުގެ އައު ސަރުކާރުން ރައްޔިތުންގެ އެހީއަށް އެދިއްޖެއެވެ.

ބުދަ ދުވަހު މެލޭޝިއާގެ ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރަށް އެހީވުމަށް ރައްޔިތުން ފައިސާ ޖަމާކުރާނެ އެކައުންޓެއް ޤާއިމުކޮށް، އެ އެކައުންޓުގެ ނަންބަރު އާންމުކޮށްފައެވެ.

މެލޭޝިއާގައި މި އަހަރު ބޭއްވި އާންމު އިންތިޚާބަށްފަހު، އެ ޤައުމުގެ ސަރުކާރު ބަދަލުވިއިރު ދައުލަތުގެ ދަރަނި ވަނީ 1 ޓްރިލިއަން ރިންގިޓް (250.8 ބިލިއަން އެމެރިކާ ޑޮލަރު) އަށް އަރާފައެވެ. އެއީ އެޤައުމުގެ ޖީޑީޕީގެ 80 އިންސައްތައެވެ.

އައު ސަރުކާރުގެ ބޮޑުވަޒީރު، ޑރ. މަހާތިރު މުޙައްމަދު ވަނީ އެމަނިކުފާނު ސަރުކާރުން އެންމެ އިސްކަމެއް ދޭނެ އެއް ކަމަކީ މެލޭޝިއާގެ ދަރަނި އަނބުރާ ދެއްކުން ކަމަށް ވިދާޅުވެފައެވެ.

ދަރަނި ދެއްކުމަށް ރައްޔިތުންގެ އެހީ ހޯދަން މެލޭޝިއާގެ ސަރުކާރުން ނިންމާފައިމިވަނީ މެލޭޝިއާގެ ދަރަނި ދެއްކުމަށް އެހީވުމަށް އަމިއްލަ ފަރާތްތަކަކުން އިސްނަގައިގެން ކްރައުޑް ފަންޑިންގ ވެބްސައިޓް، ގޯގެޓްފަންޑިންގ ގައި ފެށި ކެމްޕެއިނަކަށް 3500 އެމެރިކާ ޑޮލަރަށްވުރެ ބޮޑު އެހީއެއް ލިބިފައިވަނިކޮށެވެ.

ދަރަނި ދެއްކުމަށް އެކައުންޓެއް ހުޅުވިކަން ހާމަކޮށް، މެލޭޝިއާގެ ފިނޭންސް މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ވަނީ، ޤައުމުގެ ދަރަނީގެ ހާލަތާއިމެދު ރައްޔިތުން ހޭލުންތެރި ވެފައިވާ ކަމާއި، ދަރަނި އަދާކުރުމަށް ސަރުކާރަށް އެހީވުމަށް ރައްޔިތުންގެ މެދުގައި ޝަޢުޤުވެރިކަމެއް އުފެދިފައިވާކަން ސަރުކާރަށް ފާހަގަވެފައިވާ ކަމަށެވެ. އެހެންކަމުން ސަރުކާރަށް އެހީވުމުގެ ފުރުޞަތު ރައްޔިތުންނަށް ހުޅުވާލާ ކަމަށް އެ ބަޔާނުގައިވެއެވެ.

މެލޭޝިއާގެ ފިނޭންސް މިނިސްޓްރީން ބުނީ ދައުލަތުގެ ދަރަނި އަދާ ކުރުމަށް ރައްޔިތުންގެ އެހީއާއި އެކު ޤާއިމްކުރާ ފަންޑަށް ކިޔަން ނިންމާފައިވަނީ "މެލޭޝިއާ ހޯޕް ފަންޑް" ކަމަށާއި، އެ ފަންޑަށް އެހީވެވޭނީ ރިންގިޓުން ކަމަށެވެ.

މެލޭޝިއާގެ ދައުލަތުގެ ދަރަނި ދެއްކުމުގެ މަސައްކަތް ޑރ. މަހާތިރުގެ ސަރުކާރުން ފަށާފައިވާއިރު، ދައުލަތުގެ ޚަރަދު ކުޑަކުރުމަށްވެސް ޑރ. މަހާތިރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ސަރުކާރުން ފަށާފައިވާ ބައެއް މެގަ ޕްރޮޖެކްޓްތައް ރިވިއުކޮށް، ބޭކާރު ގޮތުގައި ސަރުކާރުގެ ތެރޭގައި އުފައްދާފައިވާ ބައެއް އޭޖެންސީތައް އުވާލައި، މިނިސްޓަރުންގެ މުސާރަ ކުޑަކުރުމަށް ޑރ. މަހާތިރުގެ ސަރުކާރުން ވަނީ ނިންމާފައެވެ.

ދަރަނި އަދާކުރުމަށް ސަރުކާރުގެ އިސްރާފު މަދުކޮށް، އާމްދަނީ އިތުރުކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅިނަމަވެސް، އެއީ ރައްޔިތުންނަށް ބުރައަކަށް ވެގެންވާނެ ކަމެއް ނޫން ކަމަށް ނިންމައި، ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން، އެ ޤައުމުގައި މިހާރު ނަގަމުން އަންނަ ބައެއް ޓެކްސްތައް ނެގުން ހުއްޓާލުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. އޭގެ ތެރޭގައި ސީދާ ރައްޔިތުންގެ އަތުން ނަގަމުން އަންނަ ބައެއް ޖީއެސްޓީވެސް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް