ކ. މާލެ
|
1 ޖޫން 2018 | ހުކުރު 23:19
ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރަތްކޮށްފައިވާ ފްލެޓްތައް
ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރަތްކޮށްފައިވާ ފްލެޓްތައް
އަޒުމޫން އަހުމަދު
ފްލެޓް ދޫކުރުން
ފްލެޓް ދޫކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގިކަން ސާބިތުކުރެވޭނެ ވަރަށް ހެކި ލިބިފައެއް ނެތް: އޭސީސީ
އެގޮތަށް ނިންމުމުގައި ހަތަރު ކަމެއް ފާހަގަކޮށްފައިވޭ
ސާރވޭ ކުރުމުގެ މަސައްކަތް ނިމިފައެއް ނުވޭ
ޝަކުވާ ހުށަހެޅުމުން ޕޮއިންޓަށް ބަދަލު ގެނައި

"ގެދޮރުވެރިކުރުވުން" ޕްރާގްރާމްގެ ދަށުން ފުލެޓްތައް ދޫކުރުމުގައި ކޮރްޕްޝަން އެކުލެވިފައި ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނިންމައިފިއެވެ.

އޭސީސީން ނިންމި ނިންމުމުގައި ބުނެފައި ވަނީ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާ ކަމަށް ސާބިތުކުރެވޭނެ ވަރަށް ހެކި ލިބިފައިނެތަތީވެ، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން އެ މައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި، އެ މައްސަލަ ނިންމާފައިވާ ކަމަށެވެ.

އެ ނިންމުން އެގޮތަށް ނިންމުމުގައި ހަތަރު ކަމެއް އޭސީސީން ފާހަގަކޮށްފައިވެއެވެ. އެގޮތުން ޝަކުވާ ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުގެ ޕޮއިންޓް އުނި އިތުރު ކޮށްފައި ވަނީ އެ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމާއި، ފޯމާއެކު ހުށަހަޅާފައިވާ މައުލޫމާތާއި، އަދި ފްލެޓަށް އެދި ފޯމު ހުށަހެޅިތާ އަހަރުތަކެއްވެފައި ވާތީ އެފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު އިތުރަށް ބެލުމަށްފަހު ދިރިއުޅުމުގެ ހާލަތު ބަދަލުވެފައިވާތީކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން ފްލެޓަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ވަޒަން ކުރުމަށް ގޭގެއަށް ޒިޔާރަތްކޮށް ސާރވޭ ކުރުމުގެ މަސައްކަތް އެކިއެކި ސަބަބުތަކާހުރެ ނިމިފައި ނުވާކަމަށް އޭސީސީގެ ނިންމުމުގައި ބުނެފައިވެއެވެ. ނަމަވެސް އެފަދަ ފަރާތްތަކަށް ދެ ވަނަ ފުރުސަތެއް ދީ އިތުރަށް ސާރވޭ ކޮށްފައިވާކަން ތަހުޤީޤަށް ފާހަގަކުރެވުނު ކަމަށް އެ ކޮމިޝަނުން ބުންޏެވެ. 

އެކަންކަމުގެ އިތުރުން ފްލެޓް ނުލިބިގެން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ޝަކުވާ ހުށަހެޅި ފަރާތްތަކުގެ ޝަކުވާތަކާ ގުޅިގެން އެފަރާތްތަކުގެ ފޯމާއި، ފޯމާއެކު ހުށަހަޅާފައިވާ މައުލޫމާތާއި، އަދި އެފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗރ އިން އިތުރަށް ބެލުމަށްފަހު، ޕޮއިންޓަށް ބަދަލު ގެންނަންޖެހޭ ފަރާތްތަކަށް އެބަދަލު ގެނެސް، އޭގެ ތެރެއިން ފްލެޓް ލިބެންޖެހޭ ފަރާތްތަކަށް ފްލެޓް ދީފައިވާކަން ފާހަގަކުރެވުނު ކަމަށް ވެސް އޭސީސީގެ ނިންމުމުގައި ބުނެފައިވެއެވެ. އަދި ކެޓަގަރީ 1 އިން ފްލެޓް ލިބެނީ 110 ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ލިބުނު ފަރާތްތަކަށް އަދި ކެޓަގަރީ 2 އިން ފްލެޓް ލިބެނީ 112 ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ލިބުނު ފަރާތްތަކަށް ކަމަށްވާއިރު، ކެޓަގަރީ 1 އިން ފުލެޓް ލިބުނު ފަރާތްތަކަކީ 110 ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތައްކަން ފާހަގަކުރެވޭތީ އާއި، އަދި ކެޓަގަރީ 2 އިން ފުލެޓް ލިބުނު ފަރާތްތަކަކީ 112 ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތައްކަން ފާހަގަކުރެވުނުކަމަށްވެސް އޭސީސީގެ ނިންމުމުގައި ބުނެފައިވެއެވެ. 

އޭސީސީން އެގޮތަށް ނިންމާފައިވާއިރު، ފްލެޓް ލިބުނު ފަރާތްްތަކުގެ ނަންތައް ހައުސިން މިނިސްޓްރީން އާންމުކޮށްފައެއް ނުވެ އެވެ. އަދި ފްލެޓް ލިބުނު ބައެއް ފަރާތްތަކަށް ލިބުނު ޕޮއިންޓް 55 އަށް އަރާއިރު، ބައެއް ފަރާތްތަކަކީ އަންބެއް އަދި ދަރިއެއްވެސް ނެތް ފަރާތެއްކަން ވަނީ ހާމަވެގެންގޮސްފަ އެވެ. "ގެދޮރުވެރިކުރުވުން" ޕްރޮގްރާމްގެ ދަށުން ދޫކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި "ވެށިފަހި މާލެ" ޕްރޮގްރާމްގެ ދަށުން އިމާރަތް ކުރި ފްލެޓްތަކެވެ. 

ކޮރަޕްޝަން ނެތްކަމަށް ނިންމައި މައްސަލަ ނިންމާލި އެންޓި ކޮރަޕްޝަންސް ކޮމިޝަންގެ ރައީސް ހަސަން ލަތީފަކީ ރައީސް އަބްދުﷲ ޔާމީނަކީ ކާކުކަން އެނގިވަޑައި ގަންނަވަން ޖެހޭނެ ކަމަށް ބުނެ ފުލުހުންނަށް ބަޔާން ދެއްވި ބޭފުޅެކެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އެއްވެެސް ކަމެއް ނުކުރުމަށް އޭނާ ވަނީ ފަނޑިޔާރު އަލީ ހަމީދަށް އިންޒާރުދެއްވާފައި ކަމަށް ވެސް ފުލުހުންނަށް ދެއްވި ބަޔާނުގައި އޭނާ ވިދާޅުވެފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް