ކ. މާލެ
|
1 ޖޫން 2018 | ހުކުރު 19:32
ޓްރަމްޕާއި މެކްރޮން
ޓްރަމްޕާއި މެކްރޮން
ރޮއިޓަރސް
އެމެރިކާގެ އިޤުތިޞާދު
މުދަލުން ޓެރިފްއެއް ނަގަން ނިންމީ ޤާނޫނާއި ޚިލާފަށް: މެކްރޯން
އެމެރިކާއަށް އެތެރެކުރާ ސްޓީލްއިން 25 އިންސައްތަ، އެލުމިނިއަމް އިން 10 އިންސައްތަ ޓެރިފެއް ނަގަން ވަނީ ނިންމާފަ

ވިލާތާއި މެކްސިކޯ އަދި ކެނެޑާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ޓެރިފެއް ނެގުމަށް ނިންމި ނިންމުމަކީ ޤައިރުޤާނޫނީ ނިންމުމެއް ކަމަށާއި، އެއީ އެމެރިކާއިން ހެދި ގޯހެއް ކަމަށް ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ދަންނަވައިފިއެވެ.

ހުކުރު ދުވަހު ރައީސް ޑޮނާލްޑް ޓްރަމްޕަށް ފޯނުން ގުޅުއްވައި ރައީސް މެކްރޯން ވަނީ އެމެރިކާގެ ނިންމުމަށް ވިލާތުގެ އިއްތިހާދުން އެކަށޭނަ ރައްދެއް ދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެގޮތުން ދޭ ރައްދަކީ ދުނިޔޭގެ ވިޔަފާރި ޖަމުޢިއްޔާއިން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަޅާ ފިޔަވަޅުތަކަކަށް ވާނެ ކަމަށްވެސް މެކްރޮން ވަނީ ވިދާޅުވެފައެވެ.

ބުރާސްފަތި ދުވަހު އެމެރިކާގެ ސަރުކާރުން ވަނީ ވިލާތާއި މެކްސިކޯ އަދި ކެނެޑާއިން އެ ޤައުމަށް އެތެރެކުރާ ސްޓީލް އިން 25 އިންސައްތަ ޓެރިފެއް އަދި އެލުމިނިއަމްއިން 10 އިންސައްތަ ޓެރިފެއް ނެގުމަށް ނިންމާފައެވެ.  

އެމެރިކާގެ މި ނިންމުމާއި ގުޅިގެން ވިލާތުގެ އިއްތިހާދުންވެސް ދަނީ އެމެރިކާއިން ވިލާތުގެ ޤައުމުތަކަށް އެތެރެކުރާ މުދަލުން ޓެރިފް ނެގުމަށް ތައްޔާރުވަމުންނެވެ. އެގޮތުން ޓެރިފް ނަގާނެ މިންވަރެއް ނިންމާނީ އެމެރިކާގެ ނިންމުމުގެ ސަބަބުން ވިލާތުގެ ވިޔަފާރިތަކަށް ވާ ގެއްލުމަށް ބެލުމަށްފަހު ކަމަށް އެ އިއްތިޙާދުން ވަނީ ހާމަކޮށްފައެވެ.

އެމެރިކާގެ ނިންމުމާއި ގުޅިގެން، އެ ނިންމުން ރައްދުވާ ދެ ޤައުމު ކަމަށްވާ މެކްސިކޯ އާއި ކެނެޑާއިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް