ސްޕެއިންގެ ބޮޑުވަޒީރުކަމުގައި ހުންނެވި މަރިއާނޯ ރަޚޯއީގެ އިތުބާރު ނެތްކަމުގެ ވޯޓެއް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ނަގައި، އެމަނިކުފާނު މަޤާމުން ދުރުކޮށްފިއެވެ.
ސްޕެއިންގެ ބޮޑުވަޒީރުކަން 2011 ވަނަ އަހަރުން ފެށިގެން ކުރެއްވި ރަޚޯއީގެ އިތުބާރު ނެތްކަމަށް ފާސްކުރުމުން އެމަނިކުފާނު ވެގެން ދިޔައީ ސްޕެއިންގައި ފަހުގެ ތާރީޚުގައި އިތުބާރު ނެތްކަމުގެ ވޯޓަކުން ސަލާމަތްވެވަޑައިނުގަތް ހަމައެކަނި ބޮޑުވަޒީރަށެވެ. ސްޕެއިންގެ ސޯޝަލިސްޓް ޕާޓީގެ ލީޑަރު ޕެޑްރޯ ސަންޗޭޒް އިސްވެ ހުންނަވައި ރަޚޯއީގެ އިތުބާރު ނެތްކަމުގެ މައްސަލަ ޤާނޫނު ހަދާ މަޖިލީހަށް ވެއްދީ ވެރިކަންކުރަމުން އައި ޕީޕަލްސް ޕާޓީގެ އެތެރޭގެ ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެންނެވެ.
ސޯޝަލިސްޓް ޕާޓީ އާއި އެޕާޓިއާއަށް ބައިޢަތު ހިފި ޕާޓީތަކާ އެކު ރަޚޯއީއާ ދެކޮޅަށް، އިތުބާރު ނެތްކަމުގެ މައްސަލައަށް ތާޢީދުކޮށް 180 ވޯޓު ލިބިފައިވެއެވެ. ރަޚޯއީގެ އިތުބާރު އޮތް ކަމަށް ވޯޓު ދީފައި ވަނީ 169 މެމްބަރުންނެވެ. އިތުބާރު ނެތްކަމުގެ މައްސަލައިން ރަޚޯއީ ސަލާމަތްވެވަޑައި ނުގަންނަވާނެކަން ބުރާސްފަތި ދުވަހު ވަނީ ކަށަވަރުވެފައެވެ. ޤާނޫނު ހަދާ މަޖިލީހުގައި މުހިއްމު ފަސް ގޮނޑިއެއް ކޮންޓްރޯލްކުރާ ބާސްކް ނޭޝަނަލިސްޓް ޕާޓީ އިން ރަޚޯއީއާ ދެކޮޅަށް އެރީ އެންމެ ފަހު ވަގުތުއެވެ. އެޕާޓީގެ ވޯޓުތަކާ އެކު ޕެޑްރޯ ސަންޒޭޗް ހުށަހެޅުއްވި މައްސަލަ ކާމިޔާބުވާނެކަން ކަށަވަރުވިއެވެ.
ރަޚޯއީ އަށް ފަހު ދެން ސްޕެއިންގެ ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނީ އިދިކޮޅު ލީޑަރަކަށް ހުންނެވި ސަންޗޭޒްއެވެ.