ކ. މާލެ
|
1 ޖޫން 2018 | ހުކުރު 15:02
ފާތިމަތު ފަޒީލާ ރަޝީދު: ގެއްލުނީ އިއްޔެ މެންދުރު
ފާތިމަތު ފަޒީލާ ރަޝީދު: ގެއްލުނީ އިއްޔެ މެންދުރު
ރާއްޖެ އެމްވީ
ގެއްލިގެން ހޯދަނީ
ހުޅުމާލެއިން މާލެ އައުމަށް ފެރީއަށް އެރި އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި
ގެއްލުނުތާ 12 ގަޑިއިރު ވަނީ ވެފައި
ފެރީޓާމިނަލަށް ވަތް މަންޒަރު ކެމެރާތަކަށް އަރާ
މީގެ ކުރިން ވެސް ފަޒީލާ ގެއްލުނު

ހުޅުމާލޭގައި ދިރިއުޅޭ އަންހެނަކު މާލެ އައުމަށް ފެރީއަށް އެރި ފަހުން ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ނަފްސާނީ ބައްޔަން ފަރުވާ ހޯދަމުންދާ، ފާތިމަތު ފަޒީލާ ރަޝީދު ނަމަކަށް ކިޔާ މާލެއަށް ނިސްބަތްވާ އަންހެނެކެވެ. މީހަކާ ވެސް އިނދެގެން އުޅޭ، ފަސް ދަރިންގެ މަންމަ، ފަޒީލާ އެންމެ ފަހުން ފެނިފައި ވަނީ ބުރާސްފަތި ދުވަހުގެ މެންދުރު ހުޅުމާލޭ ފެރީ ޓާމިނަލުން މާލެ އަންނަން އުޅެނިކޮށެވެ.

ފަޒީލާގެ ފިރިމީހާ ގާސިމް ހަސަން "ރާއްޖެއެމްވީ"އަށް ބުނީ އޭނާގެ އަންހެނުން ދިރިއުޅެނީ ހުޅުމާލޭގައި ކަމަށާއި އާއިލާގެ މީހުންގެ ކައިރިއަށް އެކަނި މާލެ އައިސް، ގޮސް ހަދާ ކަމަށެވެ. ނަމަވެސް މެންދުރު ނަމާދަށް ދިއުމަށް ކަމަށް ބުނެ، ބުރާސްފަތި ދުވަހުގެ މެންދުރު ގެއިން ނުކުތް ގޮތަށް އަންހެނުން ފެނިފައި ނުވާ ކަމަށް ގާސިމް ބުންޏެވެ.

ހުޅުމާލޭ ފެރީ ޓާމިނަލްގައި ހަރުކޮށްފައިވާ ކެމެރާތަކުގެ ދައްކާ ގޮތުން ފަޒީލާ މާލެ ދިއުމަށް ބުރާސްފަތި ދުވަހުގެ މެންދުރު 12:40ގެ ފެރީއަށް އެރި ކަމަށް ގާސިމް ބުންޏެވެ. ގާސިމް ބުނީ މާލެ އެރުމަށް ފަހު، އަންހެނުން ދިޔަތަނެއް އެނގޭނީ މާލޭގައި ހުންނަ ހުޅުމާލެ ފެރީޓާމިނަލްގެ ސީސީޓީވީ ކެމެރާތައް ބެލުމުން ކަމަށާއި އެ މަސައްކަތުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

ފަޒީލާގެ އާއިލާއިން ބުނި ގޮތުގައި މީގެ ކުރިން ތިން ފަހަރެއްގެ މަތިން ފަޒީލާ ގެއްލުނެވެ. ނަމަވެސް މާ ގިނައިރުތަކެއް ނުވެ، އޭނާ ފެންނަ ކަމަށް އާއިލާއިން ބުންޏެވެ.

"މިއީ މިގޮތަށް ގެއްލިގެން މިހާ ގިނައިރު ވަންދެން ހޯދާ ފުރަތަމަ ފަހަރު. މާލެ އާއި ހުޅުމާލެ އަޅުގަނޑުމެން ބަލަމުން މި ދަނީ،" ފަޒީލާގެ ކޮއްކޮއަކު ރާއްޖެއެމްވީއަށް ބުންޏެވެ.

ފަޒީލާ ގެއްލުނު މައްސަލަ ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ. ފުލުހުން އެކަމާ ގުޅޭ ތަފްސީލެއް ހާމައެއް ނުކުރެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެކަން ބެލުމަށް ފަހު މީޑިއާއަށް މައުލޫމާތު ދޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް