ކ. މާލެ
|
1 ޖޫން 2018 | ހުކުރު 11:01
ސްޓެލްކޯ...
ސްޓެލްކޯ...
ގޫގުލް
ސްޓެލްކޯ
ދޮގު ޚަބަރު ފަތުރާ ނަމަ ފިޔަވަޅު އަޅާނަން: ސްޓެލްކޯ
ސްޓެލްކޯއިން ދެމުންދާ ޙިދުމަތްތަކާ ބެހޭ ގޮތުން ބައެއް ފަރާތްތަކުން ދަނީ ދޮގު ޚަބަރު ފަތުރަމުން
ކަސްޓަމަރުންގެ މެދުގައި އޮންނަ އިތުބާރު ގެއްލި، ޚިދުމަތް ފޯރުކޮށް ދިނުމަށް ދަތިތަކާ ކުރިމަތިވޭ

ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ގުޅޭ ގޮތުން ދޮގު ޚަބަރު ފަތުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ބުނީ އެކުންފުނިން ފޯރުކޮށްދެމުން ގެންދާ ޙިދުމަތްތައް ރައްދުވާ ގޮތަށް ސައްހަ ނޫން އާޓިކަލްތަކާއި ޚަބަރުތައް ބައެއް ފަރާތްތަކުން އާއްމު ކުރާކަން ފާހަގަކުރެވޭ ކަމަށެވެ. މިކަމުގެ ސަބަބުން އެކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކާ މެދު ކަސްޓަމަރުންގެ މެދުގައި އޮންނަ އިތުބާރު ގެއްލި، ޚިދުމަތް ފޯރުކޮށްދިނުމަށް ދަތިތަކާ ކުރިމަތިވާ ކަމަށާއި އެހެންކަމުން އެގޮތަށް ދޮގު ޚަބަރު ފަތުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯއިން ބުނީ އެކުންފުނީގެ ތަސައްވުރު ގެއްލޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ޝާއިއުކޮށް ނުފެތުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ސްޓެލްކޯއިން ދެމުންދާ ޚިދުމަތްތަކާ މެދު ހިތްހަމަ ނުޖެހޭ ނަމަ ނުވަތަ ކަމަކާ ގުޅޭ ސައްހަ މައުލޫމާތު ހޯދުމަށް ސީދާ އެކުންފުންޏާ ގުޅައިގެން ސާފުކުރުމަށް އެދޭ ކަމަށެވެ.

މީގެ އިތުރަށް ސްޓެލްކޯއިން ބުނީ މައްސަލައެއް ދިމާވެގެން އެކުންފުންޏަށް ހުށައަޅައި ހައްލެއް ހޯދުމަށް ނުވަތަ ހައްލެއް ނުލިބުނު ކަމުގައި ވީނަމަވެސް އެކަމާ ގުޅޭ ތެދު މައުލޫމާތު ޝާއިއު ކުރުމާ މެދު އެކުންފުނިން އިއުތިރާޒެއް ނެތް ކަމަށެވެ.

ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަކީ ކުންފުނީގެ އެއް އަމާޒު ކަމަށްވާއިރު، ދޭތެރެ ދޭތެރެއިން މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑޭ މައްސަލައަކީ ހައްލުނުވެފައި އޮތް ބޮޑު މައްސަލަ އެކެވެ. އަދި ރައްޔިތުންގެ ފާޑު ކިޔުން އެކުންފުންޏަށް އަމާޒުވެފައިވާ ކަމަކެވެ.

ސްޓެލްކޯއަކީ މާލެއާއި ހުޅުމާލެ އަދި ދިވެހިރާއްޖޭގެ ބައެއް ރަށްރަށް ހިމެނޭ ގޮތަށް ރާއްޖޭގެ ބޮޑު އާބާދީއަކަށް އަސާސީ ޙިދުމަތެއްގެ ގޮތުގައި ކަރަންޓުގެ ޚިދުމަތް  ފޯރުކޮށްދެމުން އަންނަ ކުންފުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް