ކ. މާލެ
|
1 ޖޫން 2018 | ހުކުރު 10:56
ކްރިމިނަލް ކޯޓު ކައިރީގައި ފުލުހުން
ކްރިމިނަލް ކޯޓު ކައިރީގައި ފުލުހުން
މުހައްމަދު ޝަރުހާން
ހައި ކޯޓް
ހުއްދަ ހޯދައިގެން ފުލުހުން ވަންނަ ނަމަ، އަމުރެއް ބޭނުމެއް ނުވާނެ: ހައި ކޯޓު
ރުހުމާ ނުލައި ވަންނަ ނަމަ، އަމުރު ހޯދަންޖެހޭނެ
ހުކުމް ކުރީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން
އަމުރެއް ނެތި ވަދެ، ހައްޔަރު ކުރުމަކީ އާންމު ކަމެއް

ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހުއްދަ ހޯދައިގެން، ތަނަކަށް ވަންނަ ނަމަ، އެތަނަކަށް ވަނުމަށް ފުލުހުން ކޯޓު އަމުރެއް ހޯދަން ލާޒިމު ނޫން ކަމަށް ހައި ކޯޓުން ކަނޑައަޅައިފިއެވެ.

ހައި ކޯޓުން އެގޮތަށް ކަނޑައަޅާފައި ވަނީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރެއް ބާތިލު ކުރުމަށް ހައި ކޯޓަށް ހުށަހެޅި މައްސަލާގައި ޝަރީއަތް ހިންގުމަށް ފަހު، ބުރާސްތި ދުވަހު ކުރި ހުކުމެއްގައެވެ.

ތިނަދޫ ކޯޓުގެ އަމުރު ބާތިލު ކުރަން އިސްތިނާފަށް ހުށަހެޅީ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކުރަން ކޯޓު އަމުރެއް ނެތި ގދ. ތިނަދޫ ގެސްޓު ހައުސްއަކަށް ފުލުހުން ވަދެ، އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާތީއެވެ.

ހައި ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ތުހުމަތު ކުރެވޭ މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބުމާއެކު، ތިނަދޫ ގެސްޓް ހައުސްއަށް ފުލުހުން ވަދެފައި ވަނީ އެތަނުގެ ވެރިފަރާތުގެ ހުއްދަ ހޯދައިގެން ކަމަށެވެ. ތަނުގެ ވެރިފަރާތުގެ ހުއްދަ ލިބިގެން އެފަދަ ހާލަތެއްގައި އެފަދަ ތަނަކަށް ވަނުމުގައި ކޯޓު އަމުރެއް އޮތުން ލާޒިމު ނުވާނެ ކަމަށް މައްސަލަ ބެއްލެވި ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމްގައި ބުނެފައިވެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހަވާލާ ދީ ހައި ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ކުށަކާ ގުޅޭ ހެކި އަމިއްލަ ތަނެއްގައި ހުރި ކަމަށް ބެލެވޭ ނަމަ އެތަނެއް ހަވާލުވެގެން ހުރި ފަރާތެއްގެ ރުހުމާ ނުލައި އެތަނަކަށް ފުލުހުންނަށް ވަދެވޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރު ބާތިލު ކުރެވެން ނެތް ކަމަށް ކަނޑައަޅައި ހައި ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އެ އަމުރަށް ބަދަލު ގެންނަންޖެހޭ ޝަރުއީ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް