ކ. މާލެ
|
1 ޖޫން 2018 | ހުކުރު 10:28
ދިއްދޫގެ ކައުންސިލަރުން: އެ އިދާރާއާ ދެކޮޅަށް ހުށައެޅި ކޮރަޕްޝަންގެ ދެ މައްސަލަ ވެސް ސާބިތެއް ނުވޭ
ދިއްދޫގެ ކައުންސިލަރުން: އެ އިދާރާއާ ދެކޮޅަށް ހުށައެޅި ކޮރަޕްޝަންގެ ދެ މައްސަލަ ވެސް ސާބިތެއް ނުވޭ
އާމިނަތު ނުޒުހާ
ހއ. ދިއްދޫ
ދިއްދޫ ކައުންސިލާ ދެކޮޅަށް ހުށައެޅި ކޮރަޕްޝަންގެ ދެ މައްސަލަ ވެސް ސާބިތެއް ނުވި
ދިއްދޫގެ ގޯތިތެރޭގައި ހަދާ ޕާކަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއް ނޫން ކަމަށް އޭސީސީން ވަނީ އަންގާފައި

ހއ. ދިއްދޫ ކައުންސިލްގެ ގޯތިތެރޭގައި ހަދާ ޕާކަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއް ނޫން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އެކޮމިޝަނުން މިހެން ބުނެފައި ވަނީ އެކައުންސިލްގެ އިދާރާއިން ލޭންޑް ޔޫސް ޕްލޭނާ ޚިލާފަށް އެ އިދާރާގެ ވަށާފާރު ތަޅާލައި އެ ގޯތިތެރޭގައި ޕާކެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެކޮމިޝަނަށް ހުށައަޅާފައިވާ މައްސަލައިގެ ޖަވާބުގައެވެ.

އޭސީސީން ދިއްދޫ ކައުންސިލަށް ފޮނުވާފައިވާ އެންގުން ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ދީދީ ވަނީ ޓްވީޓް ކުރައްވާފައެވެ. މީގެ އިތުރުން ކައުންސިލް އިދާރާގެ ފާރެއް ރޭނުމާއި އަދި ރާނާފައި ހުރި ފާރެއް އުސްކުރުމުގެ މަސައްކަތް އިއުލާން ކުރުމެއް ނެތި ތިން ފަރާތަކުން އަގު ބެލުމަށް ފަހު ރަށުގައި އެފަދަ މަސައްކަތެއް ކޮށް ނޫޅޭ ބަޔަކާ ހަވާލުކުރި މައްސަލައިގައި ވެސް އެކަމިޝަނުން ވަނީ ނިންމި ގޮތް އެ ކައުންސިލްގެ އިދާރާއަށް އަންގާފައެވެ. މިމައްސަލަ ނިންމައި ދިއްދޫ ކައުންސިލަށް އޭސީސީން ފޮނުވާފައި ވަނީ މެއި މަހުގެ 27 ވަނަ ދުވަހުގައެވެ.

 ހާޝިމް ޓްވީޓްކުރައްވާފައިވާ އެ އެންގުމުގައި ވަނީ މައްސަލައިގައި ބުނާ ފާރު ރާނައި ސިމެންތި ޖަހާފައި ވަނީ ރާއްޖޭގެ ވެލިން ކަމަށް ވާތީ ވެލީގައި ލޮނުގެ އަސަރު ހުރުމުގެ ސަބަބުން ފާރުގައި ލާފައިވާ ކުލަ ފޮޅިފައިވާ ކަމަށާއި އެފާރުގެ ލޮނު ފިލަން ދޮޅުމަހެއްހާ ދުވަސް ވާނެ ކަމަށް އެކަމާބެހޭ ޓެކްނިކަލް މައުލޫމާތު ލިބިފައިވާކަމަށެވެ. އެގޮތަށް އެފާރު ބެހެއްޓިފައި ވަނިކޮށް ދިއްދޫ ކައުންސިލުގެ ހަތަރު ކައުންސިލަރުން ސަސްޕެންޑް ކުރުމުގެ ސަބަބުން މަސައްކަތް ލަސްވެފައިވާ ކަމަށާއި ސަސްޕެންޝަން ފިލައި ކައުންސިލަރުން އޮފީހަށް ނުކުމެ އަލުން ކުލަ ލާން ބެލިއިރު އެކުލަ ގަތް ފިހާރައިގައި ކުލަ ނެތް ކަމަށާއި ކުލަ ލިބޭން އޮތީ ރޯދަމަހުގެ ފުރަތަމަ ހަފްތާގައި ކަމަށް ވާތީ ކުލަ އައުމުން ކުލަލާން ބުނެފައި ވާތީ އެއީ ކޮރަޕްޝަންގެ މައްސަލައެއްގެ ގޮތުގައި ބެލެވެން ނެތް ކަމަށެވެ. މިމައްސަލަ ނިންމައި ދިއްދޫ ކައުންސިލަށް އޭސީސީން ފޮނުވާފައި ވަނީ މެއި މަހުގެ 20 ވަނަ ދުވަހުގައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް