ކ. މާލެ
|
1 ޖޫން 2018 | ހުކުރު 10:44
ސިއްޙީ ފަރުވާ ދޭ ޓީމެއް ޣައްޒާގައި ހަރަކާތްތެރި ވަނީ
ސިއްޙީ ފަރުވާ ދޭ ޓީމެއް ޣައްޒާގައި ހަރަކާތްތެރި ވަނީ
ޒިންހުއާނެޓް
ޣައްޒާ
ރެޑް ކްރޮސްއިން ޣައްޒާއަށް ޑޮކްޓަރުން ފޮނުވަނީ
ޑޮކްޓަރުންގެ ދެ ޓީމެއް ފޮނުވުމަށް ވަނީ ނިންމާފައި
ޑޮކްޓަރުންގެ އިތުރުން ސިއްޙީ އާލާތްތައް ވެސް ފޮނުވާނެ
ޣައްޒާގެ މައި ހޮސްޕިޓަލުގައި ޚާއްސަ ސަރޖިކަލް ޔުނިޓެއް ޤާއިމް ކުރުމަށް ވަނީ ނިންމާފައި

އިސްރާއީލުގެ ހަމަލާތަކުގައި އަނިޔާ ލިބެމުންދާ ފަލަސްޠީނުގެ ރައްޔިތުންނަށް ސިއްޙީ އެހީ ފޯރުކޮށްދިނުމަށް، ޣައްޒާއަށް ޑޮކްޓަރުންގެ ޓީމުތަކެއް ފޮނުވަން އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދި ރެޑް ކްރޮސްއިން ނިންމައިފިއެވެ.

އެ ޖަމުޢިއްޔާއިން ބުރާސްފަތި ދުވަހު ބުނީ، ޣައްޒާއަށް ދެ ސަރޖިކަލް ޓީމު ފޮނުވަން ނިންމާފައިވާ ކަމަށާއި، އެ ޓީމުތައް ހަރަކާތްތެރިވާނީ ޣައްޒާގެ މައި ހޮސްޕިޓަލްގައި ޤާއިމުކުރާ ޚާއްސަ ސަރޖިކަލް ޔުނިޓެއްގައި ކަމަށެވެ.

ރެޑް ކްރޮސްގެ މި ނިންމުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ނިއަރ އެންޑް މިޑްލް އީސްޓް ސަރަޙައްދަށް ރެޑް ކްރޮސް އިން ކަނޑައަޅާފައި ހުންނަ ޑިރެކްޓަރ، ރޮބަރޓް މާޑިނީ ވިދާޅުވީ، އެ ޖަމާޢަތުން ޣައްޒާއަށް ފޮނުވާ ޑޮކްޓަރުންނާއި ސިއްޙީ އާލާތްތައް ވެގެންދާނީ ބޮއްސުންލާފައިވާ ޣައްޒާގެ ސިއްޙީ ނިޒާމު ހަމައަކަށް އެޅުވުމަށް ވެވޭ މުހިއްމު އަދި ބޮޑު އެހީއަކަށް ކަމަށެވެ.

ޣައްޒާގައި ފަލަސްޠީނުގެ ރައްޔިތުން ސިލްސިލާ މުޒާހަރާތައް ފެށިތާ މަހެއް ވެފައިވާއިރު، މި މުޒާހަރާތަކުގެ ތެރޭގައި އިސްރާއީލުގެ ލާއިންސާނީ އަނިޔާތަކާއި ހަމަލާތަކުގެ ޝިކާރައަކަށްވެ، ފަލަސްޠީނުގެ ފަންސާހަށް ވުރެ ގިނަ އާންމުން ޝަހީދުވެފައިވާއިރު، ތޭރަ ހާހަށް ވުރެ ގިނަ އާންމުންނަށް ވަނީ ބޮޑެތި އަނިޔާތައް ލިބިފައެވެ.

އިސްރާއީލުގެ ހަމަލާތަކުގައި އަނިޔާވާ ފަރާތްތަކަށް ސިއްޙީ ފަރުވާ ދޭން ޣައްޒާއަށް ޑޮކްޓަރުންނާއި ސިއްޙީ އާލާތްތައް ފޮނުވުމަށް ރެޑް ކްރޮސްއިން ނިންމި އިރު، ފަލަސްޠީނުގެ ހަތިޔާރު ނެތް އާންމުންގެ ގަޔަށް އިސްރާއީލު ސިފައިން ބަޑިޖެހުމަކީ މައްސަލައެއް ނޫން ކަމަށް އިސްރާއީލުގެ ސުޕްރީމް ކޯޓުން ދާދި ފަހުން ވަނީ ކަނޑައަޅާފައެވެ. އިސްރާއީލުގެ ސުޕްރީމް ކޯޓުން ކުރި ޙުކުމްގައި ވަނީ، މިހާރު ކުރިއަށްދާ މުޒާހަރާތަކަކީ ދިގުދެމިގެންދާ އަސްކަރީ ކުރިމަތިލުމެއްގެ ތެރެއިން އޮފިހެދިގެން އައިސްފައިވާ ކަމަކަށް ވެފައި، އެ ކުރިމަތިލުމަކީ ޣައްޒާގައި ވެރިކަންކުރާ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ހަމާސްއާ ދެކޮޅަށް ކުރިއަށްދާ ކުރިމަތިލުމެއް ކަމުން، މި ކުރިމަތިލުމުގައި ވާދަވެރި ހުރިހާ ފަރާތްތަކެއްގެ މައްޗަށް "ހަތިޔާރު ބޭނުންކޮށްގެން ކުރިއަށްގެންދާ ކުރިމަތިލުމުގެ އުސޫލު" ގައިވާ ކަންކަން ހިންގޭނެ ކަމަށެވެ. އެފަދަ އުސޫލުތަކަކީ ހަތިޔާރު ބޭނުންކުރުމާ ގުޅޭ ގޮތުން ހެދިފައި ހުންނަ އާންމު ޤަވާއިދުތަކަށް ވުރެ ސިފައިންނަށް ބާރުދީގެން ހަދާފައިވާ އުސޫލުތަކެކެވެ.

- ކޮމެންޓް