ކ. މާލެ
|
1 ޖޫން 2018 | ހުކުރު 02:14
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން
މުހައްމަދު ޝަރުހާން
އެމްޑީޕީގެ ކޮންގްރެސް
އެމްޑީޕީގެ ކޮންގްރެސްގެ ނޯޓިސް ދީފި
ކޮންގްރެސް ބާއްވާނީ ޖޫން 29 ން 30 ށް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ޖޫން މަހުގެ 29 އަދި 30 ވަނަ ދުވަހު ބާއްވާ އެ ޕާޓީގެ އާދަޔާ ޚިލާފު ކޮންގްރެސްގެ ނޯޓިސް، އެ ބައްދަލުވުމުގައި ބައިވެރިވުމުގެ ޙައްޤު ލިބިފައިވާ ފަރާތްތަކަށް ދީފިއެވެ.

އެ ޕާޓީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ނޯޓިސްގައި އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވުމުގެ ޙައްޤު ލިބިފައިވާ އެންމެހާ މެމްބަރުން އެ ބައްދަލުވުމަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

"ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ 163 ވަނަ ޤައުމީ މަޖިލީހުގައި މި ޕާޓީގެ އަސާސީ ޤަވާޢިދުގެ 24 ވަނަ މާއްދާއާއި 28 ވަނަ މާއްދާގައި ބަޔާންކުރާ ކޮންގްރެސް (އާދަޔާ ޚިލާފް) 2018 ވަނަ އަހަރުގެ ޖޫން މަހުގެ 29 އަދި 30 ވަނަ ދުވަހު ބޭއްވުމަށް ވަނީ ފާސްކޮށްފައެވެ.

ވީމާ، 2018 ވަނަ އަހަރުގެ ޖޫން މަހުގެ 29 އަދި 30 ވަނަ ދުވަހު އޮންނަ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކޮންގްރެސް (އާދަޔާ ޚިލާފް)ގެ ނޯޓިސް، އެ ބައްދަލުވުމުގައި ޙާޒިރުވުން ޙައްޤު އެންމެހާ މެމްބަރުންނަށް އަންގަމެވެ."

އެމްޑީޕީގެ ކޮންގްރެސް ޖޫން މަހު ބާއްވަން ނިންމާފައިވަނީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 163 ވަނަ ބައްދަލުވުމުގައެވެ. ޖޫން މަހު އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ހުށަހެޅުއްވީ އެ ޕާޓީގެ ޗެއާޕަރސަންގެ ނައިބު، އަލީ ނިޔާޒެވެ. ހުށަހެޅުއްވުމަށް ތާޢީދު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިމްތިޔާޒު ފަހުމީއެވެ. މި ހުށަހެޅުން ފާސްވީ ބައްދަލުވުމަށް ވަޑައިގެންނެވި 31 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ސަރުކާރުގެ ފިއްތުންތައް މިވަގުތު ހުރި ގޮތުން މި ކޮންގްރެސް ވީޑިއޯ ކޮންފަރެންސް ފަދަ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން މުޅި ރާއްޖޭގައި ބޭއްވުމަށްވެސް ބައެއް މެންބަރުން ވަނީ ޚިޔާލު ދެއްވާފައެވެ.

އެމްޑީޕީގެ ކޮންގްރެސް ޖޫން މަހު ބާއްވަން ނިންމި ނަމަވެސް ކޮންގްރެސް ބާއްވާނެ ތަނެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް