ކ. މާލެ
|
31 މެއި 2018 | ބުރާސްފަތި 23:38
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 163 ވަނަ ބައްދަލުވުން
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 163 ވަނަ ބައްދަލުވުން
ޓްވިޓަރ
އެމްޑީޕީ ކޮންގްރެސް
ޖޫން މަހު އެމްޑީޕީގެ ކޮންގްރެސް ބާއްވަން ފާސްކޮށްފި
ކޮންގްރެސް ބާއްވާނީ ޖޫން 29 ން 30 ށް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކޮންގްރެސް އަންނަ ޖޫން މަހު ބޭއްވުމަށް އެ ޕާޓީގެ ޤައުމީ މަޖިލީހުން ފާސްކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ކުރިއަށްދިޔަ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 163 ވަނަ ބައްދަލުވުމުގައި ފާސްކޮށްފައިވަނީ، އަންނަ ޖޫން މަހުގެ 29 ން 30 ށް އެ ޕާޓީގެ ކޮންގްރެސް ބޭއްވުމަށެވެ. އެ ޕާޓީގެ ޗެއާޕަރސަންގެ ނައިބު، އަލީ ނިޔާޒް ހުށަހެޅުއްވައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިމްތިޔާޒު ފަހުމީ ތާޢީދުކުރެއްވި ގޮތަށް، މި ހުށަހެޅުން ފާސްވީ ބައްދަލުވުމަށް ވަޑައިގެންނެވި 31 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މި ހުށަހެޅުމާއި ގުޅޭގޮތުން ވާހަކަ ދެއްކެވި މެންބަރުން ވަނީ ކޮންގެރެސް ބޭއްވުމަށް ދެފަހަރެއްގެ މަތިން ޤައުމީ މަޖިލީހުގައި މަޝްވަރާކުރެވި ފާސްކުރެވިފައިވާ ކަން ފާހަގަކޮށްފައެވެ. އަދި ކޮންގެރެސް ބޭއްވުން ލަސްވަމުންދަނީ ކޮންގްރެސް ބާއްވާނެ ތަނެއް ލިބުމުގައި ދަތިތަކެއް ހުރުމުންކަން ފާހަގަކޮށްފައެވެ. އަދި އެފަދަ ތަނެއް ދިނުމަށް ދެކޮޅު ހަދައި ސަރުކާރުން އެކި ބަހާނާ ދައްކަމުންދާއިރު، ސިޠާސީ ޕާޓީތަކަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދޭނެ ކަމަށް އަބަދުވެސް ބުނަމުންދާ އިލެކްޝަން ކޮމިޝަނުން އެކަމާއި އަޅާނުލާކަން ފާހަގަ ކުރައްވައި ޤައުމީ މަޖިލީހުގެ މެންބަރުން ވަނީ އިލެކްޝަން ކޮމިޝަނަށް ފާޑު ކިޔާފައެވެ.

ސަރުކާރުގެ ފިއްތުންތައް މިވަގުތު ހުރި ގޮތުން މި ކޮންގްރެސް ވީޑިއޯ ކޮންފަރެންސް ފަދަ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން މުޅި ރާއްޖޭގައި ބޭއްވުމަށްވެސް ބައެއް މެންބަރުން ވަނީ ޚިޔާލު ދެއްވާފައެވެ.

އެމްޑީޕީގެ ކޮންގްރެސް ޖޫން މަހު ބާއްވަން ނިންމި ނަމަވެސް ކޮންގްރެސް ބާއްވާނެ ތަނެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް