ސްޕެއިންގެ ބޮޑުވަޒީރު މަރިއާނޯ ރަޚޯއީގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުކުރު ދުވަހުގެ ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނިކޮށް މުހިއްމު ޕާޓީއަކުން ރަޚޯއީ އާއި ދެކޮޅަށް އެރުމުން އެމަނިކުފާނުގެ އިތުބާރު ނެތްކަމަށް ފާސްވާނެކަން ޔަޤީންވެއްޖެއެވެ.
މަރިއާނޯ ރަޚޯއީގެ އިތުބާރު ނެތްކަމުގެ މައްސަލަ ޤާނޫނު ހަދާ މަޖިލީހަށް ވެއްދީ އިދިކޮޅު ސޯޝަލިސްޓް ޕާޓީއިންނެވެ. ރަޚޯއީ މަޤާމުން ދުރުކޮށް، ސޯޝަލިސްޓް ޕާޓީގެ ލީޑަރު ޕެޑްރޯ ސަންޗޭޒް ބޮޑުވަޒީރުކަމަށް ވަޑައިގަތުމަށް 176 ވޯޓު ބޭނުންވެއެވެ.
އިތުބާރު ނެތްކަމުގެ ވޯޓަށް ތާޢީދުކޮށް، ރަޚޯއީއާއި ދެކޮޅަށް އަރާނެކަމަށް އިއުލާންކުރީ ބާސްކް ނޭޝަނަލިސްޓް ޕާޓީއިންނެވެ. އެޕާޓީއިން ޤާނޫނު ހަދާ މަޖިލީހުގެ މުހިއްމު 5 ގޮނޑިއެއް ކޮންޓްރޯލްކުރެއެވެ.
ސޯޝަލިސްޓް ލީޑަރު ސަންޗޭޒް ވަނީ ހުކުރު ދުވަހުގެ ވޯޓުގެ ކުރިން މަޤާމުން އިސްތިއުފާ ދެއްވުމަށް ބޮޑުވަޒީރު ރަޚޯއީއަށް ބުރާސްފަތި ދުވަހު ގޮވާލައްވާފައެވެ. އެހެން ނަމަވެސް ރަޚޯއީގެ ޕީޕަލްސް ޕާޓީއިން ބުނީ އޭނާ އިސްތިއުފާ ނުދެއްވާނެކަމަށެވެ.
ސޯޝަލިސްޓް ޕާޓީއިން ރަޚޯއީގެ އިތުބާރު ނެތްކަމުގެ މައްސަލަ ޤާނޫނު ހަދާ މަޖިލީހަށް ވެއްދީ ވެރިކަންކުރާ ޕީޕަލްސް ޕާޓީގެ އެތެރޭގައި ހިނގި ޚިޔާނާތުގެ މައްސަލައެއް ފެންމަތިވުމާއި ގުޅިގެންނެވެ. އެގޮތުން ވެރިރަށް މެޑްރިޑްގެ ހައި ކޯޓުން ވަނީ ޕީޕަލްސް ޕާޓީގެ ކުރީގެ ޚަޒާންދާރެއްކަމަށްވާ ލުއިސް ބާސެނާސްގެ މައްޗަށް ރިޝްވަތު ހިފުމާއި، ޓެކްސްއަށް މަކަރު ހެދުމުގެ އިތުރުން ކަޅުފައިސާ ދޮވުމުގެ ކުށް ސާބިތުވާކަމަށް ނިންމާފައެވެ. މިމައްސަލައަކީ 1999 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރަށް ޕީޕަލްސް ޕާޓީއިން ހިންގި ސިއްރު ކެމްޕޭން ފަންޑަކާއި ގުޅޭ ތަހުޤީޤެއްގައި ފަޅާއެރި މައްސަލަތަކެކެވެ.
ސޯޝަލިސްޓް ޕާޓީއިން ބުނާ ގޮތުގައި މިމައްސަލަަތަކާއިއެކު ރަޚޯއީގެ އިތުބާރު ސްޕެއިންގެ ރައްޔިތުންގެ ކުރިމަތީގައިވަނީ ގެއްލިފައެވެ.
ބާސްކް ނޭޝަނަލިސްޓް ޕާޓީއިން ބުނީ ސްޕެއިންގެ ބާސްކް ސަރަހައްދުގެ ރައްޔިތުން މިވަގުތު ބޭނުންވާ ގޮތަށް އިތުބާރުގެ މައްސަލައިގައި ވޯޓުދޭން އެޕާޓީއިން ނިންމީކަމަށެވެ.
ރަޚޯއީއަށް މިވަގުތު ކަށަވަރުކުރެވިފައިވަނީ 169 ވޯޓެވެ. އެއީ ވެރިކަންކުރާ ޕީޕަލްސް ޕާޓީގެ އިތުރުން ސިއުޑާޑަނޯސް ޕާޓީއާއި 2 ސަރަހައްދީ ޕާޓީއެއްގެ ވޯޓުތައް އެއްކޮށްލައިގެންނެވެ. އެހެން ނަމަވެސް ބާސްކް ނޭޝަނަލިސްޓް ޕާޓީގެ ނިންމުމާއިއެކު ރަޚޯއީއަށް މަޤާމު ގެއްލިފައިވާކަން މިހާރުވަނީ ގާތްގަނޑަކަށް ކަށަވަރުވެފައެވެ.
ރަޚޯއީގެ އިތުބާރު ނެތްކަމަށް ފާސްވެއްޖެނަމަ ވަގުތުން ސޯޝަލިސްޓް ޕާޓީގެ ލީޑަރު ޕެޑްރޯ ސަންޗޭޒް ސްޕެއިންގެ ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނެއެވެ.