ހޫރު މާމަ ދަރިން ހުރި މުސްކުޅި ގައިދީއަކަށް ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން މައާފް ކޮށްދިނުމަށް އެދި ޓުރަމްޕް އަރިހުން އެމެރިކާގެ މަޝްހޫރު ޓީވީ ތަރި އަދި ރިއަލިޓީ ޝޯ "ކީޕް އަޕް ވިތް ކާޑޭޝިއަންސް" ގެ ލީޑް ރޯލެއް ކުޅޭ ކިމް ކާޑޭޝިއަން އެދިއްޖެއެވެ.
1996 ވަނަ އަހަރު ޑުރަގްއާ ގުޅޭ މައްސަލައެއްގައި ޖަލަށްލި ގައިދީ، އެލައިސް މެރީ ޖޯންސަން މިނިވަން ކޮށްދޭން އެދުނު އިރު އެ މުސްކުޅި މީހާ ޖަލުގައި އޮންނަތާ ވިހި އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ޖޯންސަންގެ މައްޗަށް ސާބިތުވި ކުށަކީ ޑުރަގް ވިއްކާ މީހުންނާއި އެ ގަންނަ މީހުންނާއި ދެމެދު ދެކެވޭ މުއާމަލާތް ފޯނު މެދުވެރިކޮށް ކިޔާދިންކަމެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން ގާޒީ ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި ވަނީ ޕެރޯލްގެ ދަށުން މިނިވަން ނުކުރެވޭނެ ގޮތް ވެސް ހަދާފައެވެ. އެހެން ނަމަވެސް މިހާރު 63 އަހަރު ވެފައިވާ މާމަގެ އަތުގައި އެނޫން އެއްވެސް ކުށުގެ ރިކޯޑެއް ނެތެވެ.
އާއިލާއިން ބުނީ ޖޯންސަން ޖަލުގެ ދުވަސްތައް ހޭދަ ކުރަމުންދަނީ ވަރަށް ހަރަކާތްތެރިކޮށް ކަމަށާއި ވަރަށް ގިނަ ޕްރޮގްރާމް ތަކުގައި އަމަލީ ގޮތުން ހިންގާލާފައި އުޅޭ ކަމަށެވެ. އެއާއެކު އެތާގެ ގައިދީން ވެސް ދެކެނީ ޖޯންސަންއަކީ ނަމޫނާއެއް ކަމުގައެވެ.
އާއިލާއިން ވަނީ ޖޯންސަނަ ސަލާމަތް ކުރުމަށް ވަރަށް ބޮޑެތި މަސައްކަތް ކޮށްފައެވެ. އެ ގޮތުން އޮބާމާ ސަރުކާރުގައި ޖަލުން މީހުން މިނިވަން ކުރަން 2014 ވަނަ އަހަރު އުފެއްދި ޕްރޮގްރާމް، ކްލެމެންސީގައި ވެސް ވަނީ އެންރޯލް ފައެވެ. ކުލެމެންސީގެ ދަށުން ދޫކޮށްލާ ގައިދީންގެ ހުންނަން ޖެހޭ ހުރިހާ ޝަރުތުތަކެއް ޖޯންސަން ގައިގައި ހުއްޓެވެ. ޖޯންސަން ޖަލުން ސަލާމަތް ވާނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ވެފައިވަނިކޮށް، އޮބާމާގެ ވެރިކަން ނިމުމުގެ އެންމެ ފަހު ދުވަސް ތަކުގައި ވަނީ މިނިވަން ކުރުމުގެ ހުއްދަ ނުލިބިފައެވެ.
މި އަންހެން މީހާގެ ހިތާމަވެރި ވާހަކައިގެ ވަރަށް އަސަރު ގަދަ ވީޑިއޯއެއް މީސް މިޑިއާގައި ވަނީ ދައުރުވެފައެވެ. އެ ވީޑިއޯ ފެނުނު އެތައް މީހުންގެ ތެރެއިން އެކަކީ ކިމް ކާޑޭޝިއަންއެވެ. ކިމް ވަނީ އެ އަންހެން މީހާގެ ހާލަތު އެނގުމުން، ހިތަށް ކުރި އަސަރުން އޭނަ ސަލާމަތް ކުރުމަށް އަޒުމު ކަނޑައަޅާފައެވެ.
ކިމް ވަނީ އޭނަގެ ލޯޔަރު، ޝޯން ހޮލީ ކައިރީ ޖޯންސަންގެ މައްސަލަ ބަލާދިނުމަށް ބުނެފައެވެ. އަދި ވަނީ ޖޯންސަންގެ ގާނޫނީ ޓީމުގެ ހުރިހާ ޚަރަދެއް ހަމަޖައްސަދޭން ނިންމައިފައެވެ.
އެ މަސައްކަތުގައި އެމެރިކާގެ ރައީސްގެ އިސް އެޑްވައިޒަރުންގެ ތެރޭ ހިމެނޭ އަދި ޓުރަމްޕްގެ އަންހެން ދަރިކަނބަލަކާއި ކައިވެނިކޮށްގެން އުޅުއްވާ، ޖެރެޑް ކުޝްނާއާ ކިމް ވަނީ އެކިފަހަރުމަތިން ބައްދަލުކޮށް ޖޯންސަން ދޫކޮށްލުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.
ޖޯންސަން އާއިލާއިން ބުނީ ކިމްގެ އަމަލީ ބައިވެރިވުން ލިބެން ފެށީއްސުރެން އާއިލާއިން ކުރަމުން އަންނަ މަސައްކަތަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި ވަރަށް ހަލުވި ކޮށް ހުރިހާކަމެއް ވެސް ކުރިއަށް ދާ ކަމަށެވެ.
ކިމްގެ އެންމެ ފަހު މަސައްކަތެއްގެ ގޮތުން ވަނީ ބުދަ ދުވަހު ރައީސް ޓުރަމްޕްއާއި ބައްދަލުކޮށް ޖޯންސަންގެ ވާހަކަ ދައްކާފައެވެ. ބައްދަލުވުން ނިންމާލުމަށް ފަހު ކިމް ވިދާޅުވީ ޓުރަމްޕް މައާފް ދެއްވާނެ ކަމަށް ވަރަށް ބޮޑަށް އުމްމީދު ކުރާ ކަމަށެވެ. ޓުރަމްޕް ވެސް ވަނީ ކިމްއާ ބައްދަލުކުރެވމުގެ އުފާ ފާޅުކޮށްފައެވެ. އަދި ވަނީ ޖަލުތަކުގެ ސިޔާސަތު ބަދަލު ކުރުމާއި މީހުނަށް ކޮށްފައިވާ ހުކުމްތަކުގެ ވާހަކައާ ބެހޭ ގޮތުން ދައްކާފައި ކަމަށް ޓުރަމްޕް ވިދާޅުވިއެވެ.
Great meeting with @KimKardashian today, talked about prison reform and sentencing. pic.twitter.com/uOy4UJ41JF
— Donald J. Trump (@realDonaldTrump) May 30, 2018