ކ. މާލެ
|
31 މެއި 2018 | ބުރާސްފަތި 16:38
ކުރީގެ ރައީސް މައުމޫންގެ އަރިހުގައި މަސައްކަތް ކުރައްވާ އަޒްމީއާއި ނަޖުމާ
ކުރީގެ ރައީސް މައުމޫންގެ އަރިހުގައި މަސައްކަތް ކުރައްވާ އަޒްމީއާއި ނަޖުމާ
ސޯޝަލް މީޑިއާ
ސަރުކާރު ވައްޓާލަން އުޅުން
'ކަޅު ފޮށި' އާގުޅޭ އެންމެ މުހިއްމު ހެކި ޝަރީއަތަށް ހުށަހަޅާފައެއް ނުވޭ: ދިފާއީ ވަކީލުން
ކަޅު ފޮށީގެ ތަހުގީގާ ގުޅޭ 64 ސޮފްހާގެ ރިޕޯޓު ޝަރީއަތަށް ހުށަހަޅާފައެއް ނުވޭ
ކަޅު ފޮއްޓަކީ ރައީސް މައުމޫންގެ އޮފީހުގައި މަސައްކަތް ކުރާ ނަޖުމާގެ ގެއިން ފުލުހުން ހޯދި އެންމެ މުހިއްމު ހެކި
ސަރުކާރު ވައްޓާލަން އުޅުނުކަމަށްބުނާ ގިނަ ލިޔެކިޔުންތަކެއް އެފޮށީގައި ހުރިކަމަށް ބުނޭ

ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ ދައުވާ އުފުލާފައިވާ ފަރާތްތަކުގެ މައްޗަށް ކޮށްފައިވާ ދައުވާއާއި ގުޅިގެން ރާއްޖެއިން ހޯދި ކަމަށް ބުނާ އެންމެ މުހިއްމު ހެކި ކަމަށްވާ "ކަޅު ފޮށި" އާ ގުޅޭ 64 ސޮފްހާގެ ބަޔާނެއް ޝަރީއަތަށް ހުށަހަޅާފައި ނުވާކަން ފަޅާއަރައިފި އެވެ.

ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ، އަދުލްއިންސާފު ގާއިމު ކުރަން ހުރަސްއެޅުމުގެ ކުށުގެ ދައުވާ އުފުލާފައިވާ

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ޕާރސަނަލް ސެކިއުރިޓީ ޓީމުގައި ހަރަކާތްތެރިވާ މުހައްމަދު އަޒުމީ އާއި އެމަނިކުފާނުގެ އޮފީހުގައި މަސައްކަތް ކުރާ ނަޖުމާ އިބްރާހިމްގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވާ އަދުލްއިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާގެ އިބްތިދާއީ އަޑުއެހުމުގައި މައްސަލައާ ގުޅޭ ލިޔެކިޔުންތައް ހަމައަށް ލިބިފައިވޭތޯ ކަށަވަރު ކުރުމަށްޓައި ގާޒީ އެއްސެވުމުން ދިފާއީ ވަކީލުން ވަނީ ދައުލަތުން ސިއްރު ނުކުރާ ބައެއް ބަޔާންތައް ނެތް ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ހިމެނެނީ ބައެއް ފުލުހުން ދީފައިވާ ބަޔާންތަކެކެވެ. އެވާހަކަތަކާއި ގުޅިގެން ގާޒީ ވިދާޅުވީ ޝަރީއަތަށް އެބަޔާންތައް ލިބިފައިވާކަމަށާއި ނަމަވެސް ބަޔާންތައް ދީފައިވާ މީހުންގެ ރައްކާތެރިކަމަށްޓަކައި އެމީހުންގެ މައުލޫމާތު އުނިކުރުމަށް ފަހު އެ ބަޔާންތައް ފޯރުކޮށްދެއްވާނެ ކަމަށެވެ.

ދިފާއީ ވަކީލުން ދެން ވިދާޅުވީ ދައުލަތުން ސިއްރުކޮށްފައިވާ ހެކީގެ ތެރޭގައި ހިމެނޭ ނަޖުމާ ދިރިއުޅޭ މ. ވިސްޓީރިޔާ ގެއިން ފުލުހުން ހޯދި "ކަޅު ފޮށި"އާ ގުޅޭގޮތުން ފުލުހުންގެ ތަހުގީގުން ތައްޔާރު ކޮށްފައިވާ 64 ސޮފްހާގެ ބަޔާން ޝަރީއަތަށް ލިބިފައިވޭތޯ ސާފުކޮށްލަން ބޭނުންވާ ކަމަށެވެ. އެއީ އެލިޔުމަކީ ސިއްރު ލިޔުމެއްގެ ގޮތުގައި ޝަރީއަތަށް ހުށަހަޅާ ލިޔުމެއްކަމަށް ދައުލަތުން ބުނެފައިވާތީ، އެލިޔުމަކީ މި ޝަރީއަތުގެ އެންމެ މުހިއްމު ހެކި ކަމަށް ވާތީ އެލިޔުން ޝަރީއަތަށް ހުށަހަޅާފައިވޭތޯ ސާފުކޮށްލުމުގެ ގޮތުން ކަމަށެވެ. 

ވަރަށް ގިނަ ވަގުތު ލިޔެކިޔުންތައް ބެލުމަށް ފަހު، އަދި އިދާރީ ގޮތުން ބަލަން ހުރި ބެލުންތައް ބެލުމަށް ފަހު ގާޒީ ވިދާޅުވީ އެ ރިޕޯޓް ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ދައުލަތަށް ވެސް ކޯޓަށް އެލިޔުން ހުށަހެޅިކަން ކަށަވަރުކޮށް ނުދެވުނު ކަމަށެވެ.

ނަމަވެސް ދައުލަތުގެ ވަކީލު ވިދާޅުވީ 64 ސޮފްހާގެ އެރިޕޯޓް ކޯޓަށް ހުށަހެޅިފައި ނުވަނީ އިދާރީ އޮޅުމަކުން ކަމަށާއި އެހެންނަމަވެސް އެރިޕޯޓް ހިމެނޭކަން ޝަރީއަތަށް ހުށަހެޅި ފޯމާއި ލިޔެކިޔުންތަކުން އެނގޭނެ ކަމަށެވެ. 

ރައްދުގައި ދިފާއީ ވަކީލުން ވިދާޅުވީ އެ ހިމެނޭކަން ދައުވާއާ ގުޅޭ ލިޔެކިޔުންތަކުން އެނގުނު ނަމަވެސް އެ ރިޕޯޓް ކޯޓަށް ހުށަހެޅުނީ ނޫން ކަަމަށާއި ރިޕޯޓް ހުށަހެޅި ކަމަށް ވާނީ ރިޕޯޓްގައި ބުނާ 64 ސޮފްހާގެ އެ ރިޕޯޓް ކޯޓަށް ހުށަހެޅުމުން ކަމަށެވެ. 

ދައުލަތުން މީހެއްގެ މައްޗަށް ދައުވާކުރާއިރު، ދައުވާ ފޯމާއެކު ދައުވާ ސާބިތު ކުރަން ބޭނުންވާ ހުރިހާ ބަޔާންތަކާއި ލިޔެކިތުންތައް ކޯޓަށް ހުށަހަޅަންޖެހޭ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާން ކުރާ ކަމަށް ވެސް ދިފާއީ ވަކީލުން ވިދާޅުވި އެވެ. 

މީގެއިތުރުން ދިފާއީ ވަކީލުން ވިދާޅުވީ އެކަމަށް ޝަރީއަތުން ގޮތެއް ނިންމަވާދެއްވުން އެދޭ ކަމަށެވެ. ގާޒީ ވިދާޅުވީ އެ ރިޕޯޓް ދައުލަތުން ކޯޓަށް ހުށަހެޅުމަށް ފުރުސަތު ދިން ނަމަވެސް އެ ކަމާގުޅޭގޮތުން ދެ ފަރާތަށް ވެސް އިތުރަށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި ގޮތެއް ނިންމާނީ އޭގެ ފަހުން ކަމަށެވެ. އަދި އިބްތިދާއީ އަޑުއެހުންތައް ނިންމާ ޝަރީއަތް ފެށުމުގެ ކުރިން އެކަމަށް ގޮތެއް ނިންމާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

މީގެ އިތުރުން، ދިފާއީ ވަކީލުން ބޭނުންވާ ބައެއް ލިޔެކިޔުންތައް ހަމަ ކުރުމަށާއި ދައުވާއަށް ޖަވާބު ދާރީވުމަށް އިތުރު އަޑުއެހުމެއް ފަސް ދުވަސް ފަހުން ބާއްވާނެ ކަމަށް މިމައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް