ކ. މާލެ
|
31 މެއި 2018 | ބުރާސްފަތި 10:59
ޕޮމްޕެއޯ(ކ) އަދި ޔޮންގ ޗޮލް ނިއުޔޯކުގައި ބައްދަލުކުރައްވަނީ
ޕޮމްޕެއޯ(ކ) އަދި ޔޮންގ ޗޮލް ނިއުޔޯކުގައި ބައްދަލުކުރައްވަނީ
އޭއެފްޕީ
ޓްރަމްޕް-ކިމް ސަމިޓް
އުތުރު ކޮރެއާގެ މަންދޫބު ޕޮމްޕެއޯއާ ބައްދަލުކުރައްވައިފި
ޓްރަމްޕް ވަނީ މަޝްވަރާތައް ކެންސަލްކުރެއްވުމަށް ފަހު އަނެއްކާ ވެސް އޮންނާނެ ކަމަށް ވިދާޅުވެފައި
ސިންގަޕޫރުގައި ވެސް ތައްޔާރީތައް ކުރިއަށްދޭ

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ބައްދަލުވުމަށް ތައްޔާރުވުމަށް މަޝްވަރާކުރުމަށް އުތުރު ކޮރެއާގެ އިންޓެލިޖެންސް އިދާރާގެ ކުރީގެ ވެރިޔާ ކިމް ޔޮންގ ޗޮލް އެމެރިކާއަށް ވަޑައިގެން ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯއާ ބައްދަލުކުރައްވައިފިއެވެ.

ޗައިނާއިން ފުރާ ވަޑައިގެން އެމެރިކާއަށް ވަޑައިގެންނެވި ޖެނެރަލް ކިމް ޔޮންގ-ޗޮލް ވަނީ ޕޮމްޕެއޯއާ އެކު ރޭގަނޑުގެ ފަރިއްކޮޅެއްގައި ބައިވެރިވެ ވަޑައިގެންފައެވެ.

މިއީ ވޭތުވެދިޔަ 20 އަކަށް އަހަރުގެ ތެރޭގައި އެމެރިކާއަށް ޒިޔާރަތްކުރައްވާ އުތުރު ކޮރެއާގެ އެންމެ އިސް ފަރާތެވެ.

ރައީސް ޓްރަމްޕް ވަނީ އުތުރު ކޮރެއާ އެކު ޖޫން މަހުގެ 12 ވަނަ ދުވަހު ސިންގަޕޫރުގައި ބާއްވަން ހަމަޖެހިފައި އޮތް ބައްދަލުވުން ކެންސަލް ކުރެއްވި ކަމަށް އުތުރު ކޮރެއާއަށް ސިޓީ ފޮނުއްވާފައެވެ. ނަމަވެސް ދެ ގައުމުން ވެސް ފަހުން ވަނީ އާ ރޫހަކާ އެކު ބައްދަލުވުން ބޭއްވޭތޯ މަސައްކަތް ފަށައިފައެވެ.

ބައްދަލުވުން ކެންސަލްވިކަން އިއުލާންކުރައްވައި ކިމް އަށް ޓްރަމްޕް ފޮނުއްވި ސިޓީ ވެސް ވައިޓް ހައުސްއިން އާއްމުކޮށްފައި ވަނިކޮށް ޖެހިގެން އައި ދުވަހު މި ބައްދަލުވުން އޮންނާނެކަމުގެ އިޝާރާތެއް އަނެއްކާ ވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ.

އުތުރު ކޮރެއާ އާއި އެމެރިކާއާ ދެމެދު ބޭއްވުމަށް މަސައްކަތްކުރާ މަޝްވަރާތަކުގެ ކަންތައް ވަރަށް ބާރު ސްޕީޑްގައި ކުރިއަށް ދަނިކޮށް ކުއްލިއަކަށް ދެޤައުމުގެ މެދުގައި ޖެހުނު މައްސަލަ ހައްލުކުރުމުގައި ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި-އިންގެ އިސް ދައުރެއް އޮތެވެ. މޫން ވަނީ ހޮނިހިރު ދުވަހު ސަރަހައްދީ ރޮނގު ހުރަސްކުރައްވައި، އުތުރު ކޮރެއާއަށް ވަޑައިގެން، ޑީއެމްޒީގެ އުތުރު ފަޅީގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމަށް ފަހު މޫން ވިދާޅުވީ ސުލްހައިގެ ވާހަކަތަކަށް ދާން އުތުރު ކޮރެއާ ބޭނުންވާ ކަމަށާއި، ކޮރެއާ ޕެނިންސިއުލަރއަކީ ނިއުކްލިއަރ ހަތިޔާރު ނެތް ސަރަހައްދަކަށް ހަދަން އުތުރު ކޮރެއާ އިން ވެސް ބޭނުންވާ ކަމަށެވެ.

މީގެ އިތުރުން ދެގައުމުގެ ބައްދަލުވުމުގެ ތައްޔާރީތަކަށް ދެގައުމުގެ އޮފިޝަލުންތަކެއް ވަނީ ސިންގަޕޫރަށް ވެސް ވަޑައިގެންފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް