ގާނޫނާ ޚިލާފަށް ކޮންޓެންޓްތައް ގެނެސްދޭ މީޑިއާތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.
ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވެ އެކި ކަހަލަ ގާނޫނާ ޚިލާފު ކޮންޓެންޓްތައް ޓީވީ ޗެނަލްތަކުން ބްރޮޑްކާސްޓް ކުރަމުންދާކަން ފުލުހުންނަށް ފާހަގަ ވާކަމަށާއި އެކަންތައް އެގޮތަށް ނުކުރުމަށް ޓީވީ ސްޓޭޝަންތަކަށް އަންގާފައި ކަމަށެވެ.
އެގޮތަށް ކަންތައްތައް ނުކޮށްފި ކަމުގައި ވާނަމަ ފުލުހުންގެ ގާނޫނީ ޒިންމާގެ ތެރެއިން ރާއްޖޭގެ އަމާންކަމާއި މަސްލަހަތު ގާއިމް ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ފުލުހުން ކުރާނެ ކަމަށެވެ. އަދި އެފަދަ ކަންތައްތަކަށް ހިތްވަރުދީ އެފަދަ ގާނޫނާ ޚިލާފު ކަންތައްތައް ބްރޮޑްކާސްޓް ކުރުމަށް ހިތްވަރުދީ ވާހަކަދައްކާ ފަރާތްތަކާ މެދު ވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެއެވެ. އަދި މީޑިޔާތަކުން ގާނޫނާ ހިލާފު އަމަލެއް ކުރާ ނަމަ ގާނޫނީ ތަރަހައިގެ ތެރެއިން އެކަން ހުއްޓުވާނެ ކަމަށެވެ.
ފުލުހުން މިގޮތަށް ބުނެފައިވާއިރު ރާއްޖެޓީވީ ހިންގާ އިމާރާތަށް ބުދަ ދުވަހުގެ މެންދުރު ފަހު 3:00 ހާއިރު އާދައިގެ ހެދުމުގައި ތިބި ތިން ފުލުހުން އައިސް، ރައީސް ނަޝީދުގެ ކޮންޓެންޓް ނުދެއްކުމަށް ވަނީ އަންގާފައެވެ. އެއީ ކޮން ޤާނޫނަކުން ބާރުލިބިގެން އެންގި އެންގުމެއްތޯ އެހުމުން ފުލުހުން ބުނީ ޕެރޯލްގެ ޤާނޫނުގެ ދަށުން ކަމަށެވެ. އެހެންނަމަވެސް ޤާނޫނުގެ ކޮން މާއްދާއަކާ ހަވާލާދެއްވަނީތޯ އެހުމުން ފުލުހުންނަށް އެސުވާލަށް ޖަވާބު ދެވިފައެއް ނުވެއެވެ.