އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކަވަރޭޖް ހުއްޓާލުމަށް، ސަރުކާރުން ކޮންޓްރޯލްކުރާ ބްރޯޑްކާސްޓިން ކޮމިޝަނުން "ރާއްޖެޓީވީ" އަށް އަމުރުކޮށްފިއެވެ.
ބްރޮޑްކާސްޓިން ކޮމިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ކޮމިޝަންގެ ނާއިބު އިސްމާއީލް ސޮފްވާން "ރާއްޖެޓީވީ" އަށް ފޮނުވި އެސްއެމްއެސްއަކުން އަމުރުކޮށްފައި ވަނީ "ބްރޯޑްކާސްޓިން ކޮމިޝަން ހިންގުމާ ހަވާލުވެ ހުރި އެންމެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން ރާއްޖެޓީވީ އިން މިހާރު ތި ކުރިއަށް ގެންދާ ލައިވް ކަވަރޭޖްއަކީ ގާނޫނާ ޚިލާފު ކޮވްރޭޖްއެއް ކަމަށް ވާތީ، ކަވަރޭޖް މިހާރުން މިހާރަށް ހުއްޓާލުމަށް ގާނޫނު ނަންބަރު 15/2016 (އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ) 36 ވަނަ މާއްދާގެ (ރ) ގެ ދަށުން ކޮމިޝަން އަށް ލިބިފައިވާ ބާރުގެ ދަށުން އަމުރު ކުރާ" ކަމަށެވެ.
އެ އެސްއެމްއެެސް ފޮނުވާފައި ވަނީ ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު ސަފްވާންގެ އަމިއްލަ މޯބައިލް ނަމްބަރުންނެވެ.
MDP primary cover kuramun dhaathee broadcast Comission ge faraathun kamah bune RaajjeTV ah inzaaru dheefi. Eyge iru kolheh fahun fuluhun athu vejje. pic.twitter.com/0iVxQhdC8B
— RaajjeTV (@Raajje_tv) May 30, 2018
އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ވަގުތުން ގެނެސްދޭ އިވެންޓެއްގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކާ ތަޢާރުޟުވާ ކޮންޓެއްޓެއް ހިމެނިއްޖެ ނަމަ، އެ އިވެންޓެއްގެ ބްރޯޑްކާސްޓިންގ ވަގުތުން މެދުކަނޑާލަން ވާނެ ކަމަށެވެ. އަދި އެ މާއްދާގެ (ރ) ގައި ބުނެފައި ވަނީ އެފަދަ ކޮންޓެންޓެއް ހިމެނޭ ލައިވް ފީޑެއް މެދުކަނޑާލުމަށް، ކަމާބެހޭ ދައުލަތުގެ މުއައްސަސާއަކުން އަންގާ އެންގުމަކަށް އެ މީޑިއާއަކުން ވަގުތުން ޢަމަލުކުރަންވާނެ ކަމަށެވެ.
ސޮފްވާން ފޮނުއްވި މެސެޖްގައި ކަވަރޭޖެއްގެ ވާހަކަ ބުނެފައި އޮތަސް، އެ ވަގުތު ރާއްޖެ ޓީވީން ކަވަރޭޖެއް ގެނެސްދީފައެއް ނުވެ އެވެ. ރާއްޖެޓީވީން، މިއަދު 4:00 ގެ ފަހުން ކަވަރޭޖް ގެންނަން ފެށީ، އެމްޑީޕީގެ ޕްރައިމެރީ ފުލުހުން ނުކުމެ ހުއްޓުވަން ފެށުމުންނެވެ.
ސޮފްވާންގެ މެސެޖްގައި ބުނާ ކަވަރޭޖް ހިލާފުވެފައިވަނީ އަބުރުގެ ގާނޫނުގެ ކޮން މާއްދާއަކާ ކަމެއް އޭނާ ވެސް އަދި ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ބުނެއެއް ނުދެ އެވެ.
އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނަކީ ސަރުކާރުން މީޑިއާތައް ކޮންޓްރޯލްކުރުމަށް ވުޖޫދަށް ގެނައި ޤާނޫނެކެވެ.