ރާއްޖެއާއި އިންޑިއާގެ ގުޅުން ކަނޑުވާ ނުލެވޭނެ ކަމަށާއި ގުޅުން ކަނޑާލަން މަސައްކަތް ވެސް ނުކުރާނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސްވަރާޖު ވިދާޅުވެއްޖެ އެވެ.
ސުޝްމާ ސްވަރާޖު ވިދާޅުވީ، ދިވެހިރާއްޖެއަކީ އިންޑިއާގެ އަވަށްޓެރި ގައުމެއް ކަމަށާއި އިންޑިއާ ފަސްޓަކީ އެގައުމުގެ ޕޮލިސީއެއް ކަމަށެވެ.
ކޮންމެ ސަރުކާރެއް އޮތް ކަމުގައިވީ ނަމަވެސް ދެގައުމުގެ ގުޅުން އޮންނާނެ ކަމަށާއި ހިޔާލު ތަފާތުވުންތަކާ އެކު ވެސް އެގޮތަށް ކުރިއަށްދާނެ ކަމަށެވެ. ހިތްހަމަނުޖެހުންތަކާ ހިޔާލުތަފާތުވުންތައް މީގެ ކުރީގެ ސަރުކާރުތަކާ ވެސް އޮތް ކަމަށާއި މިހާރު ވެސް އެފަދަ ހިތްހަމަނުޖެހުންތައް މި ސަރުކާރާއިއެކު ވެސް އެބަ ހުރި ކަމަށް ވިދާޅުވިއެވެ.. އެހެން ނަމަވެސް ދެގައުމުގެ ގުޅުން ކެނޑިގެން ނުދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ މިގޮތަށް ހާމަކޮށްފައިވާ އިރު އިންޑިއާގެ ނޭވީ ޗީފް އެޑްމިރަލް ސުނިލް ލަންބާ ވިދާޅުވެފައި ވަނީ ރާއްޖެއަކީ ބޮޑު ގޮންޖެހުމެއް ކަމަށެވެ.
ލަންބާ ވިދާޅުވީ ހިތްހަމަނުޖެހުންތަކެއް ހުރި ކަމުގައިވީ ނަމަވެސް ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ބެލެހެއްޓުމުގައި ރާއްޖެއާއިއެކު ކުރާ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ.
އިންޑިއާއާއި ރާއްޖޭގެ ގުޅުން ހީނަރުވެފައިވާ އިރު މިފާއިތުވެދިޔަ ދުވަސްތަކުގައި އިންޑިއާއިން ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދިޔަ ކަންކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެގޮތުން ސަރުކާރުން އިއުލާނުކުރި 45 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ވެސް އިންޑިއާއިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މީގެ އިތުރުން ޗައިނާގެ ނުފޫޒް ރާއްޖެއަށް ބޮޑުވަމުންދާ ކަމަށް ބުނެ ވެސް އިންޑިއާ އިން އަންނަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.