ކ. މާލެ
|
30 މެއި 2018 | ބުދަ 11:13
ފުރުޓް ތަކެއް
ފުރުޓް ތަކެއް
މުހައްމަދު ޝަރުހާން
ނިޕާ ވައިރަސް
ނިޕާ ފެތުރޭތީ އިންޑިއާއިން މޭވާއާއި ތަރުކާރީ އެތެރެކުރުން މަނާކޮށްފި
މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެއް

ނުރައްކާތެރި ނިޕާ ވައިރަސް އިންޑިއާގެ ކެރެލާގައި ފެތުރޭތީ މޭވާއާއި ތަރުކާރީ އެތެރެކުރުން ޔުނައިޓެޑް އަރަބް އެމިރެޓްސް (ޔޫއޭއީ)އިން މަނާކޮށްފިއެވެ.

ޔޫއޭއީގެ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވައިރަމެންޓް (އެމްއޯސީސީއޭއީ)އިން ބުނީ ނިޕާ ވައިރަސް ކެރެލާގައި ފެތުރެމުންދާ ކަމަށް ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއު އެޗްއޯ)އިން ބުނެފައިވާތީ އެގައުމަށް ކެރެލާއިން ތަރުކާރީއާއި މޭވާ އެތެރެކުރުން މަނާ ކޮށްފައިވާކަމަށެވެ.

އާންމުކޮށް ނިޕާ ވައިރަސް ޖެހެނީ ވާލުގެ ޒަރިއްޔާއިން ކަމަށްވެއެވެ. ގައިންގަޔަށް އަރާ މިބަލި އިންޑިއާގައި މިފަހަރު ފުރަތަމައަށް ޖެހުނު މީހުންނަކީ ވާ ދަތް ޖަހާފައިވާ އަނބާއި އެހެނިހެން މޭވާ ކެއުމުގެ ސަބަބުން ވައިރަހުގެ އަސަރު ކުރި މީހުން ކަމަށް ވަނީ ލަފާކޮށްފައެވެ.

މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެކެވެ. ހަށިގަނޑުގައި ހިއްލާ ދަލާއި، ކުޅުވެސް ހިމެނޭ ގޮތަށް، ބަލި ޖެހިފައިވާ މީހުންގެ ހަށިގަނޑުގައި އުފެދޭ ދިޔަ އަނެކާގެ ގައިގައި ހޭކުމުގެ ސަބަބުން މި ބަލި ފެތުރެއެވެ.

މީގެ އިތުރުން ވާ ކައިފައި، ނުވަތަ ކޮށާފައި ހުންނަ މޭވާ ކެއުމާއި، ބަލި ޖެހިފައިވާ ޖަނަވާރުގެ މަސް ރަނގަޅަށް ނުކައްކައި ކެއުމަކީވެސް މި ބަލި ފެތުރިދާނެ ގޮތެކެވެ. މި ވައިރަސް އުފުލާ ވާ އުޅޭ ރުކުގެ ރުކުރާ ބުއިމުން ވެސް މި ބަލި ޖެހުމުގެ ފުރުޞަތު އޮވެއެވެ.

ނޭވާލާ ނިޒާމުގެ ބަލިތަކުން ފެށިގެން ސިކުނޑި ދުޅަވުން ފަދަ ކަންކަމާއި ހަމައަށް އިންސާނާއަށް އެކިއެކި ގެއްލުންތައް ކުރިމަތި ކުރުވާ މި ބައްޔަކީ އިންސާނުންގެ އިތުރުން ޖަނަވާރުންނަށް ވެސް ޖެހޭ ބައްޔެކެވެ.

ނިޕާ ޖެހިގެން އިންޑިއާއިން މިހާތަނަށް ވަނީ 13 މީހުން މަރުވެފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް