ކ. މާލެ
|
30 މެއި 2018 | ބުދަ 10:59
ފުލުހުން އަތުލައިގެންފައިވާ މަސްތުވާތަކެތި
ފުލުހުން އަތުލައިގެންފައިވާ މަސްތުވާތަކެތި
ޕޮލިސް
ހައި ކޯޓް
ޑްރަގު ވިޔަފާރީގެ މީހަކު ދޫކޮށްލަން ކުރި އަމުރެއް، ހަތަރު މަސް ފަހުން ބާތިލުކޮށްފި
ކްރިމިނަލް ކޯޓުގެ އަމުރު ބާތިލު ކުރީ ހައި ކޯޓުން
އިސްތިއުނާފު އަޑުއެހުން ފެށީ ދެ މަސް ފަހުން
އޭނާގެ މައްޗަށް ވަނީ ދައުވާ އުފުލާފައި

މަސްތުވާތަކެތި ބޭނުންކޮށް، އޭގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހަކު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މީގެ ހަތަރު މަސް ކުރިން ކޮށްފައިވާ އަމުރެއް، އަންގާރަ ދުވަހު ހައި ކޯޓުން ބާތިލުކޮށްފިއެވެ.

މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އޭގެ ވިޔަފާރީގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި މީހަކު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އެ އަމުރު ބާތިލު ކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) އޮފީހުން ހައި ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން އެ މައްސަލަ ރަޖިސްޓްރީކޮށްފައި ވަނީ ވެސް އޭނާ ދޫކޮށްލިތާ ދެ މަސް ފަހުންނެވެ.

ކްރިމިނަލް ކޯޓުގެ އަމުރަށް، ބަންދުން ވީއްލާފައި ވަނީ ހދ. ހިރިމަރަދޫ، ނޫރާނީގެ އަހްމަދު ޝާމިލް މުހައްމަދެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ބަހާދުރު ބޯޓުގައި މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ކުރި ކަމުގެ ތުހުމަތެވެ. އޭނާ ހައްޔަރުކޮށްގެން، ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ޕީޖީން ބުނެފައި ވަނީ އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެ ކަމަށް ފެންނާތީ އާއި ހެކިބަސް ދޭން ހުރި ފަރާތްތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފާނެތީ އޭނާ ބަންދު ކޮށްދިނުމަށެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން އަމުރު ކުރީ އެނާ ދޫކޮށްލުމަށެވެ.

ހައި ކޯޓުގައި އެ މައްސަލާގައި ޝަރީއަތް ހިންގެވުމަށްފަހު، އެ ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފު އިބްރާހިމާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަލީ ސަމީރު ކުރެއްވި ހުކުމުގައި ބުނެފައި ވަނީ ތުހުމަތު ކުރެވޭ މީހާގެ މައްޗަށް އެކަށީގެންވާ ހެކި އެ ވަގުތު ނެތް ކަމުގައި ވީނަމަވެސް، ކޮންމެ ވެސް ވަރަކަށް ހެކި ހުރެއްޖެނަމަ، އޭނާ ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކުރަންވާނެ ކަމަށެވެ. ޝާމިލްގެ މައްޗަށް ތުހުމަތު އުފެދޭ މިންވަރުގެ ހެކި ގަރީނާ ހުށަހެޅިފައިވާކަން ފުލުހުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގޭ ކަމަށް ހުކުމްގައިވެއެވެ.

އެ ހުކުމްގައި ބުނެފައިވާ ގޮތުން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި އޭގެ ބޭނުން ކުރުމުގެ ކުށްތަކަކީ އެ ކުށްތަކުގެ ބާވަތުން މުޖުތަމައުއަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި މުޖުތަމައުއަށް ނުރައްކާތެރިކަން ބޮޑު ކުށްތަކެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވެއެވެ.

ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމްގައި ބުނެފައި ވަނީ ޝާމިލް މުޖުތަމައުއަށް ދޫވެފައި ހުރުމުން، މުޖުތަމައުއަށް ނުރައްކަލެއް އޮތް ކަމަށް ބަލަންޖެހޭ ކަމަށާއި އެހެންކަމުން އޭނާ ދޫކޮށްލުމަށް ދަށު ކޯޓުން ކުރި އަމުރު ބާތިލު ކުރާ ކަމަށެވެ. ނަމަވެސް އޭނާ ބަންދު ކުރަން ހައި ކޯޓުން ވެސް އަމުރުކޮށްފައެއް ނުވެއެވެ.

ޝާމިލްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލާގައި ދައުވާ ކުރުމަށް ޕީޖީން ވަނީ ހދ. ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައެވެ. އެކަން ފާހަގަކޮށް، ހައި ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ޝަރީއަތުގެ މަރުހަލާގައި އޭނާ ބަންދުގައި ބަހައްޓަން ފެންނަ ނަމަ، ހިރިމަރަދޫ ކޯޓުގައި ބަންދުގެ އަމުރަކަށް އެދެވިދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް
30 މެއި 2018 | ބުދަ 12:38
ސައްތާރު
ސިޔާސީ މީހަކުނަމަ ކުރިމިނަލް ކޯޓްނަ ނިންމާނެ ސަރިޔަތް ނިމެންދެން ބަންދުގަ ބަހައްޓަން