ކ. މާލެ
|
30 މެއި 2018 | ބުދަ 10:58
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެންޕޭން ނިންމާލުމަށް އަންގާރަ ދުވަހުގެރޭ ބޭއްވި ޖަލްސާގެ ތެރެއިން
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެންޕޭން ނިންމާލުމަށް އަންގާރަ ދުވަހުގެރޭ ބޭއްވި ޖަލްސާގެ ތެރެއިން
މުހައްމަދު ޝަރުހާން
އެމްޑީޕީ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުން މިއަދު
އެމްޑީޕީން ބުނީ ފޮށިތައް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބެހެއްޓޭނެކަމަށް
ވޯޓުލުން މިއަދު މެންދުރު ފަހު 14:00 އިން މިރޭ 00:00 އާ ހަމައަށް ކުރިއަށް ދާނެކަމަށް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުން މިއަދު މެންދުރު ފަހު ދޭކުން މިރޭ ބާރަ ޖެހުމާ ހަމައަށް ކުރިއަށް ދާނެ ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީން ބުނީ އެޕާޓީގެ ރިޔާސީ ޕްރައިމަރީގެ ވޯޓު ފޮށިތައް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބެހެއްޓޭނެ ކަމަށެވެ.

ޕްރައިމަރީގައި ވޯޓު ލެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ތަންތަނުގެ ތަފްޞީލް އެޕާޓީގެ ވެބްސައިޓް www.mdp.org.mv އިން ލިބޭނެ ކަމަށް އެމްޑީޕީއިން ބުނެއެވެ. ގިނަ ރަށްރަށުގައި ވޯޓުލުން ކުރިއަށްދާނީ އެމްޑީޕީގެ ޖަގަހަތަކާއި ހަރުގެތަކުގައެވެ.

މާލޭގައި ތިބި އެމްޑީޕީގެ މެމްބަރުން ވޯޓުލާން ހަމަޖެހިފައިވާ ތަންތަނަށް ބަލާއިރު، އެމްޑީޕީގެ ހެންވޭރު ދާއިރާތަކުގެ މެމްބަރުން ވޯޓުލާން ދާން ޖެހޭނީ ހ. މާދިލްގައި ބެހެއްޓިފައިވާ ވޯޓު ފޮއްޓަށެވެ. ގަލޮޅު ދާއިރާތަކުގައި ރަޖިސްޓްރީ ވެފައިވާ މެމްބަރުން ކ. ކަކާގެއާގެ 1 ގައި ވޯޓުލާން ހަމަޖެހިފައިވާއިރު، މައްޗަންގޮޅީގެ ދާއިރާތަކަށް ނިސްބަތްވާ އެމްޑީޕީގެ މެމްބަރުންނަށް ވޯޓުލުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ ކޮށީގެ ގޯޅީގައި ހުންނަ މއ. މާވޭލެވަރުގައެވެ.

މާފަންނު މެދު އަދި މާފަންނު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރުން ވޯޓުލާން ދާން ޖެހެނީ ޖަޒުބާތު ޖަގަހައަށެވެ. އަދި މާފަންނު އުތުރާއި ހުޅަނގު ދާއިރާގެ މެމްބަރުން ދާން ޖެހެނީ ފަރީދީމަގުގައި ހުންނަ އާކް-އެކްސް ކެފޭއަށެވެ. ވިލިމާލޭގައި ދިރިއުޅޭ އެމްޑީޕީގެ މެމްބަރުން ވޯޓުލާން ޖެހޭ ވޯޓު ފޮށި ހުންނާނީ ވިލިމާލޭ އެމްޑީޕީ ހަރުގޭގައެވެ. އަދި ހުޅުމާލޭގައި ރަޖިސްޓްރީ ވެފައިވާ އެމްޑީޕީ މެމްބަރުން ވޯޓުލާން ޖެހެނީ ވޯޓަރ ސްޕޯޓްސް ވަސިންޓެބީޗް ގައި ހުންނަ ވޯޓު ފޮއްޓަށެވެ.

ލަންކާގެ ވެރިރަށް ކޮޅުނބުގައި ދިރިއުޅޭ އެމްޑީޕީ މެމްބަރުން ވޯޓުލުމަށް ދެ ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ. އެގޮތުން ނުގޭގޮޑައިގައި އެއް ވޯޓު ފޮށި ބަހައްޓާއިރު، އަނެއް ވޯޓު ފޮށި ހުންނާނީ ދެހިވަލައިގައެވެ. މީގެ އިތުރުން ލަންކާގެ ކެންޑީގައި ތިބި އެމްޑީޕީގެ މެމްބަރުން ވޯޓުލުމަށް ކެންޑީގައި ވޯޓު ފޮއްޓެއް ހުންނާނެއެވެ.

އިންޑިއާގެ ޓްރިވެންޑްރަމްގެ އިތުރުން ބެންގަލޫރުގައި ވޯޓު ފޮއްޓެއް ހުންނާނެއެވެ. އަދި މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕުރާއި އިނގިރޭސިވިލާތުގެ ލަންޑަނުގައި ވެސް ވޯޓު ފޮއްޓެއް ހުންނާނެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލައްވާފައިވާ ހަމައެކަނި ކެންޑިޑޭޓަކީ ކުރީގެ ރައީސް އަދި އެޕާޓީގެ ލީޑަރު މުހައްމަދު ނަޝީދެވެ.އެހެންކަމުން މިއަދު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ދޭނީ ފެންނަ ނުފެންނަ ވޯޓެކެވެ. އެމަނިކުފާނު ކެންޕޭން ކުރައްވަނީ ޖަޒީރާ ރައީސްގެ ނަމުގައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް