މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މިދިޔަ އަހަރުގެ އާމްދަނީ 26 ޕަސެންޓް ދަށްވެ، 40،941 ޑޮލަރު (631،310ރ)ގެ ގެއްލުމެއް ވެއްޖެ އެވެ.
މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި އެކުންފުންޏަށް ލިބުނީ 4.4 މިލިއަން ޑޮލަރު (67.8 މިލިއަން ރުފިޔާ) އެވެ. 2016 ވަނަ އަހަރު، އާމްދަނީގެ ގޮތުގައި ލިބުނީ ހަ މިލިއަން ޑޮލަރު (92.5 މިލިއަން ރުފިޔާ) އެވެ.
ހިއްސާދާރުންނަށް 2009 ވަނަ އަހަރުގެ ފަހުން ހިއްސާގެ ފައިދާ ބަހާފައެއް ނުވާ އެމްޓީޑީސީން މިއަހަރުވެސް ހިއްސާދާރުންނަށް ފައިސާ ނުބެހުމަށް ވަނީ ނިންމާފައެވެ.
އެގޮތަށް ނިންމީ ޗަންޕާ ސެންޓްރަލް ހޮޓަލުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި އަހަރީ ޖަލްސާގައި ބައިވެރިވީ 39 ހިއްސާދާރުންގެ މެދުގައި ނެގުނު ވޯޓުގެ އަޣްލަބިއްޔަތުންނެވެ. ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅި ގޮތަށް ހިއްސާގެ ފައިދާ ނުބަހާ ގޮތަށް ފާސްކުރީ ޖަލްސާ އަށް ހާޒިރުވި ހިއްސާދާރުންގެ 93 ޕަސެންޓް ވޯޓުންނެވެ. އެ ހުށަހެޅުމާ ދެކޮޅަށް ވޯޓުދިނީ ހަތް ޕަސެންޓް މީހުންނެވެ.
ހިއްސާދާރުންނަށް ފައިދާ ނުބަހަން ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅީ، ކުންފުނީގެ ހާލަތާއި، ކުރިމަގަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް ޗެއާމަން އަލީ ނިޝާން ވިދާޅުވި އެވެ.
އެމްޓީޑީސީގެ ފައިދާ މިދިޔަ އަހަރު ދަށްވި މައިގަނޑު ސަބަބަކީ ކުއްޔަށް ނަގާފައިވާ ރަށްތައް ސަބްލީސް ކުރުން ފިޔަވައި އިތުރު ވިޔަފާރިއެއް ނުކުރުމުންނާއި ދ. އެނބޫދޫ އަދި އޮޅުވެލި (ނިޔާމަ ރިސޯޓު) ހެޑްލީސް ރައިޓްސް ވިއްކާލާފައިވުމުން ކަމަށް ކުންފުނިން ވަނީ ބުނެފައެވެ.
މިދިޔަ އަހަރު ނިމުނު އިރު ކުންފުނީގެ ދަރަނި ވަނީ 26.1 މިލިއަން ޑޮލަރު (402.4 މިލިއަން ރުފިޔާ) އަށް އަރައިފަ އެވެ.