ކ. މާލެ
|
30 މެއި 2018 | ބުދަ 02:45
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު
މުހައްމަދު ޝަރުހާން
ކްރިމިނަލް ކޯޓް
ފޯނު ނުދިން ކަމަށް ބުނެ ކުރާ ދައުވާއިން ދިފާއުވުމަށް ދެ ފަނޑިޔާރުން ހެކި ހުށަޅައިފި
ދެ ފަނޑިޔާރުންވެސް ހެކީ ގޮތުގައި ހަސަން ސައީދު ހުށަހެޅުއްވި
ރައީސް މައުމޫނު އަދި ހެކި ހުށަނާޅުއްވައި

ފުލުހުން އެދުމުން ފޯނު ނުދިން ކަމަށްބުނެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫނުގެ މައްޗަށް ކޮށްފައިވާ ދައުވާއިން ދިފާއުވުމަށް ދެ ފަނޑިޔާރުން ހެކި ހުށަހަޅުއްވައިފި އެވެ.  

އަދުލުއިންސާފު ގާއިމުކުރަން ހުރަސްއެޅުމުގެ ކުށުގެ މި ދައުވާއާ ގުޅިގެން ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބޭއްވީ އަންގާރަ ދުވަހުގެ ރެ އެވެ. މި އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާއަށް ތިން ބޭފުޅުން ވެސް އިންކާރު ކުރައްވާފައިވާތީ ދައުވާ ސާބިތުކުރުމަށް ހުށަހަޅުއްވާފައިވާ ހެކިތައް ހާމަ ކުރައްވާފަ އެވެ. ދިފާއުގައި ދެ ފަނޑިޔާރުން ހެކި ހުށަހެޅުއްވި ނަމަވެސް ރައީސް މައުމޫނުގެ ގާނޫނީ ވަކީލުން މި މައްސަލައިން ތަނާޒުލުވުމުން އެމަނިކުފާނަށް މި އަޑުއެހުމުގައި ހެކި ހުށަހެޅުމަށް އުޒުވެރިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ފަރާތްޕުޅުން ހެކީގެ ގޮތުގައި ހުށަހެޅުވީ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމުގައި ކުރިން ހުންނެވި ހަސަން ސައީދު ހެސެއިންނާއި ސުޕްރީމް ކޯޓުގެ ޕްރޮޓޮކޯލް ޑިޕާޓްމަންޓްގެ އެންމެ އިސް މުވައްޒަފަކަށް ހުންނެވި އާތިކާ އިބްރާހިމެވެ.  

އަލީ ހަމީދުގެ ދިފާއުގައި ހުށަހެޅުއްވީ އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު ނާސިރާ އާއި ޖުޑިޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމުގައި ކުރިން ހުންނެވި ހަސަން ސައީދު ހެސެއިންވ އިތުރުން ހަޝްމާ ހަސަން ކިޔާ މީހެކެވެ.  

މި ދައުވާއަށް ޖަވާބު ދެއްވަމުން އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ދިފާއީ ވަކީލުން ވިދާޅުވީ މިއީ އަސްލެއް ނެތް ހަމަ ނުޖެހޭ ދައުވާ އެއް ކަމަށެވެ. އެގޮތުން ފޯނަކީ އޭގެ ޒާތުގައި ހެއްކެތް ނޫން ކަމަށާއި އަދި އެ ފޯނުގައި ހެކި ކަމަށް ބެލެވޭ އެއްޗެއް ހުރިކަން ދައުލަތައް ވެސް ނޭނގޭ ކަމަށް މީގެ ކުރިން ބުނެފައިވާކަމަށް އަބްދުﷲ ސައީދުގެ ދިފާއީ ވަކީލު ހިސާން ހުސެއިން ވިދާޅުވި އެވެ. އަދި އެހެން ވިދާޅުވެފައި ނުވާނެ ކަމަށް ދައުލަތުން ވިދާޅުވި އެވެ. އަދި 22 އޭޕްރީލްގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ފާހަގަ ކޮށްފައި ވާނީ ފޯނަކީ އޭގެ ޒާތުގައި ހެއްކެތް ނޫން ކަމަށާއި އެހެން ނަމަވެސް ފޯނުގައި ހުރި މައުލޫމާތަކީ ހެކީގެ ގޮތުގައި ބޭނުން ކުރެވޭނެ މައުލޫމާތު ކަމަށް  ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.  

އަދި އަލީ ހަމީދުގެ ވަކީލުން ވަނީ އެދުވަހުގެ އަޑުއެހުމުގެ ރެކޯޑިން އިއްވާ ދިނުމަށް އެދިވަޑައިގެންފަ އެވެ. ސަބަބަކީ ދައުލަތުން އެހެން ބުނެފައިވާނަމަ ދިފާއު ބިނާ ކުރަން ބޭނުން ވަނީ ދައުލަތުން ވެސް ގަބޫލުކުރާ އެ ވާހަކަތަކުގެ މައްޗަށް ކަމަށް ވަތީ ކަމަށް ދިފާއީ ވަކީލު ވިދާޅުވި އެވެ. ނަމަވެސް މި އަޑުއެހުމުގައި އެ ރެކޯޑިން އަޑު އިއްވުމުގެ ފުރުސަތު ނުދީ ހެކި ހުށަހަޅަން އެންގެވި އެވެ.  

ފަނޑިޔާރު އަލީ ހަމީދާއި އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލާފައިވަނީ  ފެބްރުއަރީ 6 ވަނަ ދުވަހުގެ ރޭ ދަންވަރު 3.29 ހާއިރު، މި ދެ ފަނޑިޔާރުން ސުޕްރީމް ކޯޓުގެ ތެރެއިން ހައްޔަރުކޮށް ފޯނުދޭން އެދުމުން ވެސް ފޯނުދީފައިނުވާތީ އާއި އަދި ސުޕްރީމް ކޯޓުގެ ހުރިހާ ތަނެއް ބަލާ ފާސްކުރިއިރުވެސް ފޯނު ފެނިފައިނުވާތީ ކަމަށްބުނެ އެވެ. އަދި މި ދެ ފަނޑިޔާރުން ހައްޔަރުކުރީ އެ ބޭފުޅުން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ބަދަލު ކުރުމަށް އިތުރު ބަޔަކާ ގުޅިގެން މަސައްކަތްކޮށް ޝަރީއަތުގެ ހުކުމްތައް އެކި މީސްމީހުން ބޭނުންވާ ގޮތަށް ކުރުމަށްޓަކައި އެ މީސްމީހުންގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައި ފަނޑިޔާރުންގެ މަސައްކަތައް ނުފޫޒުފޯރުވައި ގާނޫނު ހިންގުމަށާއި ދައުލަތުގެ އެހެން މަސައްކަތްތައް ކުރުމަށް ހުރަސް އަޅާފައިވާ ކަމަށް ތުހްމަތު ކުރެވުނު މައްސަލައިގައި ކަމަށް ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނެފައިވެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް