ކ. މާލެ
|
29 މެއި 2018 | އަންގާރަ 19:36
ފާރިސް މައުމޫން ކޯޓަށް ހާޒިރު ކުރަނީ (ފައިލް ފޮޓޯ)
ފާރިސް މައުމޫން ކޯޓަށް ހާޒިރު ކުރަނީ (ފައިލް ފޮޓޯ)
މުހައްމަދު ޝަރުހާން
މެމްބަރު ފާރިސް މައުމޫން
ފާރިސްގެ ޓެރަރިޒަމް މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލް ކޮށްފި
އަޑުއެހުން އޮތީ މާދަމާ 12:00 ގައި
ފާރިސްއަކީ ސަރުކާރު ވައްޓަލަން އުޅުނު މިމައްސަލައިގެ މޭސްތިރިޔާ: ދައުލަތް
ދައުވާ ސާބިތު ކުރުމަށް 32 ހެއްކެއް ދައުލަތުން ހުށަހަޅާފައިވޭ

ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ޝަރީއަތުގެ އަޑުއެހުމެއް ބުދަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.

އެ ޝަރީއަތުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައި ވަނީ ބުދަ ދުވަހުގެ 12:00 އަށެވެ. 

ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް އުޅުމާއި ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނޭ އެންމެ އިސް ފަރާތަކީ އަދި އެކަމުގެ މޭސްތިރިއަކީ ފާރިސް ކަމަށް އެންމެ ފަހުން ބޭއްވި އަޑުއެހުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ. 

ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހުގެ ގާނޫނީ ވަކީލުން އެގޮތަށް ވިދާޅުވެފައި ވަނީ ފާރިސްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުމުގައި، ދައުލަތުގެ ފަރާތުން ފާރިސްގެ މައްޗަށް ކުރާ ދައުވާ އިއްވުމަށް ފަހުގައެވެ.

ފާރިސްގެ މައްޗަށް ކުރާ ޓެރަރިމަޒްގެ ދައުވާގައިވާ ގޮތުން 2013 އިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ވައްޓާލަން އުޅުމާއި، މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އަހުމަދު އިލްހާމާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ އިތުރުން އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުގެ އަމުރު ނެރުމުގައި ވެސް ފާރިސް ބައިވެރިވި ކަމަށް ދައުވާގައިވެ އެވެ. އަދި އެ އަމުރު ނެރުމުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް ލައްވައި، ބައެއް ފުލުހުން މަގުމައްޗަށް ނެރެގެން ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި ކަމަށް ވެސް ދައުވާގައި ބުނެފައި ވެއެވެ.

އެ ދައުވާ ސާފުނުވާ ކަމަށާއި ރިޝްވަތު ދިން ގާޒީންގެ ނަމުގެ އިތުރުން ރިޝްވަތު ދިނީ ކިތައް ގާޒީންނަށް ކަމެއް ވެސް ދައުވާއިން ސާފުނުވާ ކަމަށް ފާރިސްގެ އިތުރުން ފާރިސްގެ ގާނޫނީ ވަކީލުން ވެސް އެންމެ ފަހުން ބޭވި އަޑުއެހުމުގައި ވަނީ ވިދާޅުވެފައެވެ. އަދި ފާރިސް ވިދާޅުވެފައި ވަނީ ޖިނާއީ ކުށެއް ކޮށްފައިވާނެތީވެ، ދައުލަތުން ކުރާ ދައުވާއަށް އިންކާރު ކުރައްވާ ކަމަށެވެ. 

އެ ދައުވާއަށް ފާރިސް އިންކާރު ކުރެއްވުމުން އެ ދައުވާ ފާރިސްގެ މައްޗަށް ސާބިތު ކުރުމަށް ދައުލަތުން ވަނީ 32 ހެއްކާއި ގަރީނާ ހުށަހަޅާފަ އެވެ. 

ހެކީގެ ތެރޭގައި ސިއްރު 17 ހެކިވެރިއަކާއި ހަތް ފުލުހަކާއި ހަތަރު ސިއްރު ލިޔުމެއްގެ އިތުރުން އިތުރު ބައެއް ހެކިތަކެއް ވެސް ހިމެނެ އެވެ.

ފާރިސްގެ އިތުރުން އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން މަޖިލީހުގެ މެމްބަރުން ކަމަށްވާ އިލްހާމާއި ސިނާނުގެ އިތުރުން ކުރީގެ ޕޮލިސް ކޮމިޝަނަަރުން ކަމަށްވާ އަބްދުﷲ ރިޔާޒާއި އަހުމަދު އަރީފްގެ މައްޗަށް ވެސް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރެއެވެ. އެ ބޭފުޅުންނަށް ކުރާ ދައުވާތައް ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް ދެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް