ކ. މާލެ
|
29 މެއި 2018 | އަންގާރަ 11:54
އަންހެނަކު މޫނު ފޮރުވައިގެން
އަންހެނަކު މޫނު ފޮރުވައިގެން
ފާތިމަތު ޝަނާ މުހައްމަދު
ގެވެށި އަނިޔާ
ތަހުގީގު ހުއްޓާލުމުން ގެވެށި އަނިޔާއިން ރައްކާތެރިކުމުގެ އަމުރެއް ބާތިލުކޮށްފި
ތަހުގީގު ހުއްޓާލީ އަންހެން މީހާގެ އެދިގެން
ދަށު ކޯޓުގެ އަމުރު ބާތިލު ކުރީ ހައި ކޯޓުން
އެ އަމުރު ދެ ފިރިހެނެއްގެ މައްޗަށް ކުރި

އަނިޔާއިން އަންހެނަކު ރައްކާތެރި ކުރުމަށް ފެމެލީ ކޯޓުން ކުރި އަމުރަކާ ގުޅިގެން ކުރަން ފެށި ތަހުގީގެއް ހުއްޓާލައި، މައްސަލަ ފައިލްކުރުމުން، ފެމެލީ ކޯޓްގެ އެ އަމުރު ހައި ކޯޓުން ބާތިލުކޮށްފިއެވެ.

އަނިޔާއިން އަންހެނަކު ރައްކާތެރި ކުރުމަށް ފެމެލީ ކޯޓުން 2015 ވަނަ އަހަރު އަމުރު ނެރެފައިވަނީ ދެ ފިރިހެނެއްގެ މައްޗަށެވެ. މި އަމުރު ހައިކޯޓުން ބާތިލްކުރީ، މައްސަލަ ރައްދުވާ އެކަކު ހުށަހެޅި މައްސަލައަކާ ގުޅިގެން ހައިކޯޓުން ހޯމަ ދުވަހު އެވެ. 

މި އަމުރު ބާތިލުކުރުމުގެ ކުރިން ވެސް، އެކެއްގެ މައްޗަށް އެ އަމުރު ހިނގުން ކޯޓުން ހުއްޓުވާފައިވެ އެވެ. 

ހައި ކޯޓުގެ ހުކުމުގައި އަދި ފެމެލީ ކޯޓުގެ އަމުރުގައި ވެސް އެ ދެ ފިރިހެނުންނާއި އެ އަންހެން މީހާއާ ދެމެދު އޮންނަނީ ކޮން ގުޅުމެއް ކަމެއް ބުނެފައެއް ނުވެއެވެ. އެ ދެ މީހުންނާއި އަންހެން މީހާއާ ދެމެދު ޖެހުނު މައްސަލަތަކާއި ލިބުނު އަނިޔާތަކުގެ ތަފްސީލެއް ވެސް ބުނެފައެއް ނުވެއެވެ.

ހައި ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ފެމެލީ ކޯޓުން ނެރުނު ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ އަވަސް އަމުރާ ފިރިހެން މީހާ ހިލާފުވެގެން، އަނިޔާގެ ޝިކާރައަކަށްވި އަންހެން މީހާ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައި ތަހުގީގު ކުރަމުންދަނިކޮށް، މައްސަލަ ދޫކޮށްލުމަށް އަންހެން މީހާ ނިންމާފައިވާ ކަމަށެވެ. އަންހެން މީހާގެ އެދުމަށް އެ މައްސަލަ ފުލުހުން ފައިލް ކޮށްފައި ވާތީ، ދެ ވަނަ ފިރިހެން މީހާގެ މައްޗަށް އަމުރު ހިންގުން ބާތިލު ކުރާ ކަމަށް ހައި ކޯޓުން ކުރި ހުކުމްގައިވެއެވެ.

ގެވެށި އަނިޔާއިން ރައްކާތެރިކުމުގެ އަމުރަކީ ގެވެށި އަނިޔާގެ އަމަލެއް ހިނގާ ހިނދު އެ އަމަލުގެ ޝިކާރައަކަށްވާ މީހާ، އެފަދަ އަމަލެއް ތަކުރާރުވުމުން ރައްކާތެރިކުރުމުގެ ނިޔަތުގައި އެ އަމަލު ހިންގާ މީހާއަށް ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ ވަކި ކަންކަންތައްތަކެއް ނުކުރުމަށް އަންގައި، ކޯޓުން ކުރާ އަމުރެކެވެ.

ފެމެލީ ކޯޓުން ކުރި އަމުރުގައި އެ އަމުރު ރައްދުވާ ފަރާތާއި އަނިޔާ ލިބުނު އަންހެން މީހާގެ ނަން ހިމަނާފައިވިޔަސް، އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރުމަށާއި ގެވެށި އަނިޔާއާ ގުޅޭ މައްސަލައަކަށް ވާތީ، އެ ނަންތައް "ރާއްޖެއެމްވީ"އަކުން ހާމައެއް ނުކުރާނަމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް