ކ. މާލެ
|
29 މެއި 2018 | އަންގާރަ 11:29
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން
ރާއްޖެއެމްވީ
ޕީޕީއެމް
ސުޕްރީމް ކޯޓުން ނެރުނު އަމުރަށް މައާފެއް ނުދެވޭނެ: ރައީސް ޔާމީން
ގޯސް ހަދަނީ ޒުވާނުން ނޫން ކަމަށާއި ގޯސް ހަދަނީ އެމީހުން ލައްވާ ގޯސް ހަދުވާ ބޮޑެތި މީހުން
ގައުމު ތަރައްގީ ކުރުމަކީ ޕީޕީއެމްގެ އެންމެ ބޮޑު އަމާޒް
ދަރަނި ދެއްކުމުގެ ގާބިލްކަން އެބަހުރި

ސުޕްރީމް ކޯޓުން ފެބްރުއަރީ އެއް ވަނަ ދުވަހު ނެރުނު ހުކުމާއި ގުޅިގެން މައާފެއް ނުދެވޭނެ ކަމަށާއި މިފަދަ އަމަލުތަކަކީ ދައުލަތުގެ ހައްގުތަކަށް އަރައިގަތުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އާއި އަލަށް ގުޅުނު މެންބަރުންގެ ފޯމް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްވަމުން ރައީސް ޔާމީން ވިދާޅުވީ، ސިޔާސީ މީހުން އަމިއްލަ ފައިދާ ހާސިލް ކުރުމަށާއި އެމީހުންގެ ކުރިމަގު އުޖާލާ ކުރުމަށް ގާނޫނާއި ހިލާފަށް ކުރާ ކަންކަން ކޮށްގެން ކުރިއަށް ދިއުމަށްފަހު ގާނޫނާ އެއްގޮތަށް ކަންކަން ކުރުމަށް ވިސްނުމަކީ ރަގަޅު ވިސްނުމެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ ގާނޫނާ އެއްގޮތަށް ކަންކަން ކުރަން ބޭނުން ކަމުގައިވާ ނަމަ، ދާން ބޭނުންވާ މިސްރާބަށްވެސް ދާނީ ގާނޫނާ އެއްގޮތަށް ކަމަށެވެ.

"ރާއްޖެއަކީ އެއްބައެއް، އެއް ނަސްލެއް. މިއީ ދައުލަތަށް އުފުލޭ ވަރުގެ ކަންކަމެއް ނޫން. މިކަހަލަ ކަންކަމާ ދޭތެރޭގައި އަޅުގަނޑުމެންނާ ފިކުރު ތަފާތު މީހުންވެސް ވިސްނަންވީ. އަޅުގަނޑުމެންގެ ފިކުރު ވަރުގަދަ ވެގެން މުޅި ރާއްޖެ ހަލާކުވެގެން ދިއުމުން ފިކުރު ވަރުގަދަވެގެން ކުރެވޭނެ ކަމެއް ނޯންނާނެ." ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ކުރީގެ ފިކުރު ތަކަށް ވެގެންދިޔަ ގޮތް ފެންނަން އެބަ އޮތް ކަމަށާއި އެފަދަ ހާލަތްތަކަށް ދަނީ އަމިއްލައަށް ވިސްނާނުލާ ނިންމާ ނިންމުންތަކުގެ ސަބަބުން ކަމަށެވެ. މިފަދަ ކަންކަން ކުރުމުގައި ގޯސް ހަދަނީ ޒުވާނުން ނޫން ކަމަށާއި ގޯސް ހަދަނީ އެމީހުން ލައްވާ ގޯސް ހަދުވާ ބޮޑެތި މީހުން ކަމަށް ރައީސް ވިދާޅުވި އެވެ.

ފެބްރުއަރީ 1 ގައި ނެރުނު ސުޕްރީމް ކޯޓްގެ ހުކުމް ތަންފީޒު ނުކުރައްވާ ހުންނެވި ރައީސް ޔާމީން ވިދާޅުވީ، ހުކުމެއް ކޮށްފާނެތީ ނުވަތަ ހުކުމެއް ތަންފީޒު ކުރަންޖެހިދާނެތީ ގައުމަށް ނައިސް ބޭރުގެ އެކި ގައުމުތަކަށް އަރުވާލެވިގެން ތިބޭކަމުގައިވާނަމަ ގާނޫނީ ސަރުކާރެއް ހިންގުމުގެ ކުފޫއެއް އެފަދަ މީހުން ކިބައިގައި ނެތް ކަމަށެވެ. ގާނޫނާ ހިލާފަށް ކަމެއް ކޮށްފި ކަމުގައިވާނަމަ އަދަބު ލިބޭނެކަން އެމީހުން ގަބޫލުކުރަންޖެހޭ ކަމަށާއި އަދަބުން ފިލައިގެން އުޅުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގައުމު ތަރައްގީކުރުމަކީ ޕީޕީއެމްގެ އެންމެ ބޮޑު އަމާޒު ކަމަށާއި އެކަން ހާސިލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. މި މަސައްކަތުގެ ތެރެއިން ދިވެހިން ހުވަފެނުންވެސް ނުދެކޭ ވަރުގެ ބޮޑެތި ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތް ފެށުމަކީ ތަރައްގީ ކުރުމުގައި ލިބުނު ކާމިޔާބީއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އިގްތިސާދު ބިނާ ކުރައްވާ ވާހަކައާއި ތަރައްގީގެ ވާހަކަ އަބަދުވެސް މިދައްކަނީ އަޅުގަނޑުމެން. އެފަދަ އެއްވެސް ވާހަކައެއް އިދިކޮޅު ފަރާތްތަކުން ދައްކާ އަޑު ތިބޭފުޅުން ނާއްސަވާނެ. އެހެން ނަމަވެސް ތަރައްގީގެ މަސައްކަތުގެ ތެރެއިންވެސް ސަރުކާރު ބަދުނާމު ކުރުމަށް އެބޭފުޅުންނަށް ދަނީ ވާހަކަދައްކަވަމުން. އަގުހެޔޮކޮށް ކަންކަން ކުރެވެން ހުއްޓާ އެބޭފުޅުންގެ ސަރުކާރުތައްވެސް ނިމިގެންދިޔައީ،" ރައީސް ވިދާޅުވި އެވެ.

ރާއްޖެ އުނދަގޫ ހިސާބެއްގައި އޮއްވާ ރާއްޖެ ސަލާމަތް ކުރެވިއްޖެ ކަމަށް މިއަދު ގަބޫލު ކުރެވޭ ކަމަށާއި ރާއްޖޭގެ އެތެރޭގެ ކަންކަމަށް ބޭރު މީހުން އަތްބާނަން ބޭނުން ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ދަރަނި ހުރި ވާހަކަ ދައްކަނީ އެއީ ތެދު ވާހަކައެއް ކަމަށާއި ދަރަނި ދެއްކޭނެ ގާބިލް ކަން މިސަރުކާރުގެ އެބަ ހުރި ކަމަށް ރައީސް ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް